ކޯޓުތަކުގައި މަސައްކަތް ކުރައްވާ މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
ފަނޑިޔާރުންގެ މުސާރައިގެ އޮނިގަނޑު ރިވިއުކުރުމަށް 2021 އިން ފެށިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ މަސައްކަތްކޮށްފައެވެ.
އެއަށްފަހު އެ އިދާރާތަކުން ވަނީ އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކޮށް 2022ގެ ބަޖެޓުގައި ހިމެނުމަށް ނިންމާފައެވެ.
ޖޭއެސްސީން މައުލޫމާތު ދޭ ގޮތުގައި ބަޖެޓްގެ މަސައްކަތް ކުރިއަށް ގެންގޮސް، އިދާރީ ހުރިހާކަމެއް ހަމަޖެއްސުމަށްފަހު މަޖިލީހަށް ހުށަހަޅާފައިވާ ފަނޑިޔާރުންގެ މުސާރައިގެ އޮނިގަނޑު މާލިއްޔަތު ކޮމިޓީން ފާސްކުރުމަކީ ކޮމިޝަނުން ކުރަމުން އައި މަސައްކަތަށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމެކެވެ. މި އޮނިގަނޑު މާލިއްޔަތު ކޮމިޓީން ފާސް ކޮށްފައިވަނީ ބުދަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައެވެ.
މިއީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ 13 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ނިންމުމެކެވެ. މި ނިންމުމާއެކު، 3 މިލިއަން އެއްލައްކަ ރުފިޔާއިން، 6 މިލިއަން ނުވަލައްކަ ރުފިޔާއަށް މުސާރާއިގެ ޖުމުލަ އަދަދު ބަދަލުވެގެން ދެއެވެ.
ކޮމިޓީގެ މެމްބަރުން ވިދާޅުވި ގޮތުގައި މެޖިސްޓްރޭޓުންނާއި ފަނޑިޔާރުންގެ އެންމެ ދަށް މުސާރަ އަޅާކިޔާއިރުވެސް 8000 ރުފިޔާގެ ތަފާތެއް އެބަހުއްޓެވެ. ކޮމިޓީން ޖޭއެސްސީގެ ހުށައެޅުން ފާސްކޮށްފައިވަނީ ޖޭއެސްސީގެ ހުށައެޅުމުގައި އޮތް ގޮތަށެވެ. އެގޮތުން ދާއިރާ އިސް މެޖިސްޓްރޭޓުންގެ މުސާރައަށް ބަލާއިރު، މުސާރައަށް 22،350 ރުފިޔާއާއި، އަދި ލިވިންގ އެލަވަންސް 10،000 އާއި، ފޯނު އެލަވަންސް 1000 އާއެކު ޖުމުލަ މުސާރަ 33،350 ރުފިޔާއަށް ބޮޑު ކުރުމަށް ޖޭއެސްސީން ހުށައެޅިއެވެ.
ހަމައެއާއެކު، ދާއިރާ އިސް މެޖިސްޓްރޭޓުންގެ ދެވަނަ ބައިގެ މުސާރަ 22،350 އަދި ލިވިންގ އެލަވަންސް 8000 ރުފިޔާ އާއި، ފޯނު އެލަވަންސް 1000 އާއެކު ޖުމުލަ މުސާރަ 31،350 ރުފިޔާއަށް ބޮޑު ކުރުމަށް ނިންމާފައިވެއެވެ.
އޭގެ އިތުރުން، ކޯޓުގެ އިސް މެޖިސްޓްރޭޓުންގެ މުސާރައަށް ބަލާއިރު، ފުރަތަމަ ބައިގެ މުސާރައަށް 20،400 ރުފިޔާ، ލިވިންގ އެލަވަންސް 10،000 ރުފިޔާ، ފޯނު އެލަވަންސް 1000 ރުފިޔާއާއެކު ޖުމުލަ 31،400ށް މުސާރަ ބޮޑު ވާނެއެވެ. ދެވަނަ ބައިގެ މުސާރަ 29400ށް ބޮޑު ވާނެއެވެ.
ކޯޓުގެ މެޖިސްޓްރޭޓުންނަށް ބަލާއިރު، ފުރަތަމަ ބައިގެ މުސާރަ 31،400 ރުފިޔާއަށް އަދި ދެވަނަ ބައިގެ މުސާރަ 29،400 ރުފިޔާ އަށް ބޮޑުވެއެވެ.
ޖޭއެސްސީން ހުށައެޅި ގޮތަށް މި ހުށައެޅުންތައް ވަނީ ފާސްކޮށްފައެވެ.
ޖޭއެސްސީން ވަނީ އެކަން ފަހި ކޮށްދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށާއި، މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެމްބަރުންގެ އިތުރުން، މިނިސްޓަރ އޮފް ފިނޭންސްއަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.