ދުނިޔޭގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އަންހެނުން ބާކީނުކޮށް، އިތުބާރާއި އެކުވެރިކަމުގެ ރޫޙެއްގައި، ޤައުމުތަކާއެކު ޕާޓްނަރޝިޕްތައް ހަދައިގެން، ވަކި އުޞޫލުތަކެއްގައި ހިފަހައްޓާ ބައިނަލްއަޤްވާމީ ޖަމާޢަތެއް ބިނާކުރުމުގެ ތަޞައްވުރު ޙާސިލްކުރަން މަސައްކަތްކުރަންޖެހޭ ކަމަށް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ، ރުވާންޑާގެ ވެރިރަށް ކިގާލީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ވިމެންސް ފޯރަމްގެ "ސެޝަން އޮން ވިމެންސް އެންގޭޖްމަންޓް އިން ޕީސް އެންޑް ސެކިއުރިޓީ" ގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ ކޮމަންވެލްތު ވިމެންސް ފޯރަމްގައި ދިވެހިރާއްޖޭގެ ވަޒީރަކު ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.
މިނިސްޓަރު މާރިޔާގެ ވާހަކަފުޅުގައި ވަނީ، ބައިނަލްއަޤްވާމީގޮތުން ސަލާމަތާއި ރައްކާތެރިކަމަށް ހުރި "ހައިބްރިޑް ތްރެޓު" ތަކާއި ގޮންޖެހުންތައް ނުހަނު ފުޅާވެ، އުނދަގޫވެފައިވާ ދަނޑިވަޅެއްގައި، އެއްވެސް ޤައުމަކަށް އެޤައުމެއްގެ ސަލާމަތާއި ރައްކާތެރިކަން އަމިއްލައަށް ކަށަވަރުކުރުމަކީ މުސްތަޙީލު ކަމެއްކަން ފާހަގަކުރައްވާފައެވެ. މިގޮންޖެހުންތަކާއި ހައިބްރިޑް ތްރެޓުތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި އަންހެނުން ބާކީކޮށްގެން ނުވާނެ ކަމަށް މިނިސްޓަރު މާރިޔާ ވަނީ ވިދާޅުވެފައެވެ. ސަބަބަކީ، ސަލާމަތީގޮތުން އަންނަ ލޮޅުންތަކާއި ކުރިމަތިވާ ކާރިސާތަކުން އެންމެ ބޮޑު ގެއްލުމަކާއި ބުރައެއް އުފުލަންޖެހޭ ބަޔަކީ އަންހެނުންނާއި ކުޑަކުދިންކަމުގައި ވާތީކަމަށް މިނިސްޓަރު މާރިޔާ ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ރެކޯޑު ޢަދަދަކަށް އަންހެން ވަޒީރުން އައްޔަންކުރައްވާފައިވާކަން ފާހަގަކުރައްވާ، މިނިސްޓަރު މާރިޔާ ވިދާޅުވީ، ދިވެހިރާއްޖޭގެ ދިފާޢާއި ސަލާމަތަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި އަންހެން ވަޒީރަކު އައްޔަންކުރައްވަން ރައީސް ޞާލިޙް ނިންމެވި ނިންމެވުމަކީ ވަރުގަދަ، ތާރީޚީ ނިންމެވުމެއް ކަމަށެވެ. އަންހެން ބޭފުޅުންނަށް އިސް މަޤާމުތައް ޙަވާލުކުރުމުން، މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ބާރުލިބި، ވަށާޖެހިފައިވާ ޒަމާނީ ނިޒާމަކަށް ފެތޭ ހަމަތަކާއި އުޞޫލުތަކާއި ނަޒަރިއްޔާތުތައް ތަޢާރަފުވެ، އަދި އޭގެ އެދެވޭ ނަތީޖާއާއި އަސަރުތައް، ދިފާޢީ އަދި ސަލާމަތީ ދާއިރާއަށްވެސް ފެތުރި، ދައުރުވެގެންދިޔުމަށް މަގުފަހިވާކަމަށް މިނިސްޓަރު މާރިޔާ ވަނީ ވިދާޅުވެފައެވެ.