ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކޭސް މެނޭޖްމަންޓް ޕޯޓަލް "މަތަރެސް" ލޯންޗުކޮށްފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕޯޓަލް ލޯންޗު ކޮށްފައިވަނީ 20 ޖޫން 2022 ގައެވެ. މި ޕޯޓަލް ލޯންޗު ކޮށްދީފައިވަނީ ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތުއެވެ.
ޖޭއެސްސީން މައުލޫމާތު ދޭ ގޮތުގައި މަތަރެސް ޕޯޓަލްއަކީ އެމެރިކާގެ ބާރ އެސޯސިއޭޝަން ރޫލް އޮފް ލޯ އިނިޝިއޭޓިވް ޕްރޮޖެކްޓުގެ ދަށުން ޤާއިމު ކޮށްފައިވާ ޕޯޓަލްއެކެވެ. މި ޕްރޮޖެކްޓަށް ފަންޑު ކޮށްފައިވަނީ ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޯރ އިންޓަރނޭޝަނަލް ޑިވޮލޮޕްމަންޓުން ކަމަށް ޖޭއެސްސީން ބުނެއެވެ.
އޭގެ އިތުރުން، މިއީ ޒަމާނީ ކޭސް މެނޭޖްމަންޓް ސިސްޓަމެއް ޤާއިމު ކުރުމަށް ކުރެވިގެން ދިޔަ މުހިއްމު މަސައްކަތެއްކަން ޖޭއެސްސީން ފާހަގަ ކުރެއެވެ. މި ޕޯޓަލްގެ ސަބަބުން ހުށައެޅޭ މައްސަލަތަކާއި އެ މައްސަލަތަކުގެ ތަހުގީގުތައް މެނޭޖް ކުރުމަށް އިތުރު ފަސޭހައަކަށް ވެގެންދާނެއެވެ.
މިއީ ކަރުދާސް މަދުކުރުމަށް ކުރާ މަސައްކަތަށްވެސް ލިބޭ އިތުރު ބާރެއްކަން ޖޭއެސްސީން ވަނީ ފާހަގަކޮށްފައެވެ.
މިއީ 2019ން 2023ށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވެސް ހިމެނިފައިވާ ކަމެކެވެ.