ކ. މާލެ
|
22 ޖޫން 2022 | ބުދަ 07:17
މަސްމާރުކޭޓްގައި މަސް ވިއްކުން
މަސްމާރުކޭޓްގައި މަސް ވިއްކުން
ރާއްޖެއެމްވީ
އެޗްޕީއޭއިން މާސްކު އަޅަން އިލްތިމާސްކުރުން
މީހުން ގިނައިން އުޅޭ ތަންތަނުގައި މާސްކު އަޅަން އިލްތިމާސްކޮށްފި
ދަތުރުފަތުރު ކުރުމުގައި ސަމާލުކަން ދިނުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކުރޭ
މީހުން އެއްވެ އުޅޭ ތަންތަނުގައި މާސްކު އަޅަން އިލްތިމާސްކުރީ ކޮވިޑުގެ ހާލަތު ގޯސްވާތީ

ރާއްޖޭގައި ކޮވިޑުގެ ކޭސްތައް އަނެއްކާވެސް އިތުރުވަމުންދާތީ މީހުން ގިނައިން އުޅޭ ތަންތަނުގައި މާސްކު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މިދުވަސްވަރު ދުނިޔޭގެ އެކި ޤައުމުތަކާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮވިޑް ކޭސްތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި ޖޫން މަހުގެ ދެވަނަ ހަފްތާއާއި އަޅާބަލާއިރު ތިންވަނަ ހަފްތާގައި ކޮވިޑު ކޭސްތައް 85 އިންސައްތަ މައްޗަށް ގޮސްފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި މި ބަލި ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށާއި މިމަހުގެ ތެރޭގައި ކޮވިޑު ޖެހިގެން 3 މީހުން މަރުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިދުވަސްވަރަކީ ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު ރާއްޖެއާއި ރާއްޖެއިން ބޭރަށް ދަތުރުކޮށް، އެއްވުންތަކާއި ހަފްލާތައް ބޭއްވުމަށް ރާވަމުންދާ ދުވަސްވަރަކަށްވާތީ، ކޮވިޑާއި އަރިދަފުސް ރޯގާ އަދި މިދުވަސްވަރު ފެތުރޭ އެހެނިހެން ބަލިތަކުގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ. އަދި ބަލިތަކުގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް އާއްމު ފިޔަވަޅުތައް އެޅުމަށްވެސް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން އާއްމުކުރި މި ފިޔަވަޅުތަކުގެ ތެރޭގައި އިލްތިމާސްކޮށްފައިވާ ކަންކަމަކީ ގިނަ އަދަދެއްގެ މީހުން އެއްވާ ތަންތަނާއި ބަންދު ތަންތަނުގައި މާސްކު އެޅުމާއި ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރިނަމަ މާސްކު އަޅައި ގޭގައި އެކަހެރިވުން އަދި ވީ އެންމެ އަވަހަށް ކޮވިޑަށް ޓެސްޓް ކުރުމާއި، ބަލި މީހުންނަށް ޒިޔާރަތް ނުކުރުމާއި ޑިސްއިންފެކްޓް ކުރުމާއި ކޮވިޑް އަދި އިންފުލުއެންޒާ ވެކްސިން ޑޯޒުތައް ފުރިހަމަ ކުރުމެވެ.

އަދި ދަތުރު ކުރާނަމަ، އެ ދަތުރު ކުރާ ޤައުމެއް ނުވަތަ ރަށުގެ ހާލަތު ގޯސްނަމަ ދަތުރު ކުރުން ލަސްކުރުމަށާއި ވެކްސިން ސެޓްފިކެޓް ހެއްދުމަށާއި ބަލީގެ އަލާމާތެއް ހުރިނަމަ ޓެސްޓުކޮށް ނަތީޖާ ލިބެންދެން ނުފުރުމާއި އިންޝުއަރެންސް ހައްދަން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ހަފްލާތައް ބާއްވާއިރު ވީހާވެސް މަދު މީހުން ބައިވެރި ކުރުވުމާއި އޮންލައިންކޮށް ބޭއްވޭނަމަ އެގޮތަކަށް ބޭއްވުމާއި ހިތާނީތައް ބާއްވާއިރުވެސް ގިނަ މީހުން އެއްފަހަރާ އެއްނުވާ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް