ކުރީ ސަރުކާރުން ރާއްޖޭގެ ރަށްތައް ފަތުރުވެރިކަމަށް ދޫކޮށްފައިހުރީ ފައިސާ ލިބޭނެކަމަށްބުނެ ރިސިޕްޓް ދޫކޮށްފައި ކަމަށާއި، މިހާތަނަށް ވެސް އެ ރަށްތަކުގެ ފައިސާ ނުލިބޭކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ޓުއަރިމް މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ވަޒީރުންނާއި ސުވާލުކުރުމުގެ ބައިގައި، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލުގެ ޖަވާބުގައެވެ. މެންބަރު ސައީދު ކުރެއްވި ސުވާލަކީ، މި ސަރުކާރުން ފަތުރުވެރިކަމަށް އައު ކިތައް ރަށް ދޫކޮށްފައިވޭތޯއާއި, ފައިސާ ނުލިބޭ ރަށެއް ހުރިތޯއެވެ.
މި ސުވާލުގެ ޖަވާބު ދެއްވަމުން ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ, ސަރުކާރުން ދޫކުރާ ރަށްތަކަށް ފައިސާ ލިބުމާއި ނުލިބުން މިއީ ވަރަށް މުހިންމު ސުވާލެއް ކަމަށެވެ. އަދި ކުރީ ސަރުކާރުން ދޫކޮށްފައިވާ ރަށްތަކަށް ފައިސާ ލިބޭނަކަމަށް ބުނެ، ނުލިބިވެސް އެބަހުރި ކަމަށާއި، ހަމައެކަނި ދައުލަތުގެ ރިސިޕްޓް ދީފައިވަނީ ތިޖޫރިއަކަށް ނޫން ކަމަށާއި، ވީނުވީއެއްވެސް ނޭނގި ވަރަށް ގިނަ ރަށްތައް، ފައިސާ ނުލިބި އެބަހުރިކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިސަރުކާރުން ބިޑްކުރި ހުރިހާ ރަށްތަކެއް، އަދި އެވޯޑްކުރަން ނިންމި ރަށްތަކުގެ ތެރެއިން އެންމެ ރަށެއް ފިޔަވައި ބާކީ ހުރި ހުރިހާ ރަށަކަށް ފައިސާ ދައްކައި ނިންމާފައިވާކަމަށެވެ.
ފައިސާ ނުދެއްކިހުރި ރަށުގެ 50 ހާސް ޑޮލަރު ސަރުކާރަށް ލިބޭނެ. އެއީ ގެރެންޓީއެއްގެ ގޮތަށް ބަހައްޓާފަހުރި ފައިސާ. އަޅުގަނޑުމެން ސީދާ ހުރިހާ ރެކޯޑެއްގެ ފައިސާގެ މުއާމަލާތްތައް ފެންނަން އެހުރީ. ރީއްޗަށް ފެންނަން އެހުރީ. އިރާދަކުރެއްވިއްޔާ މާޒީން ފަތުރުވެރިކަމަށް ހުތުރެއް އައިސްފައި އޮތަސް މިއަދަކު ފަތުރުވެރިކަމުގެ ދާއިރާއަށް ހުތުރެއް އަޔަކަނުދޭނަން.ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް
މީގެ އިތުރުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ, މާލެ ސަރަހައްދުގައި ފަތުރުވެރިކަން ވަރަށް ބޮޑަށް އިތުރުކުރެވިފައިވީނަމަވެސް އެހެން އަތޮޅުތަކަށް ފަތުރުވެރިކަން އެގޮތަށް ނާންނަކަމަށެވެ. އަދި މިނިސްޓްރީން ބަލަނީ ރާއްޖޭގައި ފަތުރުވެރިކަން ފެށުނުއިރު، އެއިރު މާލެ ސަރަހައްދުގައި އޮތް މޮޑެލް އަތޮޅުތަކަށް ގެންގޮސްގެން ކުރިއަށް ގެންދަވަންކަމަށެވެ.
އޭރު އެކުއިޒިޝަން ކޮސްޓެއް ނެތް. މިހާރު އެކުއިޒިޝަން ކޮސްޓެއް އެބައޮތް. އެކުއިޒިޝަން ކޮސްޓް ދަށްކުރުމަކީ އަޅުގަނޑުމެންނަށް ވިސްނުނު ރަނގަޅުކަމެއް. ދެން ލޭންޑް ރެންޓް މިގޮތަކަށް ނޫން އޮތީ. ޓެކްސްތައް އޭރު ނެތް. އެހެންވީމާ މިހުރިހާ ކަމަކުން ލުއިތައް ދީގެންވެސް އެ ސަރަހައްދު ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް. އޭރު ދަތުރުފަތުރުކުރުމުގަ އޮތީ ޕޮއިންޓުން ޕޮއިންޓަށް، ޗާޓަށް. ފުރައިގެން އެ އަންނަ ގައުމަކުން އައިސް ބޯޓު ފުރައިގެން ދާނީ އަނެއް ބެޗް މީހުން ގެނެސްފަ. ވަރަށް ބޮޑަށް ކްލަބް ޓުއަރިޒަމް އޮތް. އެ މޮޑެލްތައް އަޅުގަނޑުމެން ގެންގޮސްފިއްޔާ ކާމިޔާބުވާނެކަމަށް ވަރަށް ގިނަ މާހިރުން ބުނޭ.ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް
މިނިސްޓަރ ވިދާޅުވީ، މިއަދު މިއޮތީ ޓެކްސްވެސް ތައާރަފްކުރެވިފައި ކަމަށާއި، ޓެކްސްގެ ތެރެއިން ކުރިއަށްދާއިރު ޓެކްސް އުވައެއްނުލެވޭނެ ކަމަށެވެ. އަދި ދައުލަތުން ރައްޔިތުންނަށްދޭ ޚިދުމަތްތައް މިއޮތީ އިންތިހާއަށް ބޮޑުވެފައި ކަމަށާއި، އެހެންނަމަވެސް ލުއިދެވޭ ތަންތަނަށް ލުއި ދީގެން، ރާއްޖޭގައި އެންމެ ފުރަތަމަ ޓުއަރިޒަމް ފެށިގެން އައި މޮޑެލް، އޭރު ސަރުކާރުން މާބޮޑު އިންސެންޓިވްއެއް ނުދީ ޕްރައިވެޓް ސެކްޓަރގެ އަމިއްލަ މަސައްކަތުން ކާމިޔާބުކޮށްފައިވާކަމަށެވެ.
އެހެންކަމުން އެ މޮޑެލް އެހެން އަތޮޅުތަކުގައި ކުރިއަށް ގެންގޮސްގެން ކާމިޔާބު ވެދާނެ ކަމަށާއި، އެންމެ ބޮޑު ޗެލެންޖަކަށް އޮތީ ފައިނޭންސް ކަމަށެވެ. އަދި އެއީ ކުރިން ތިބި ކަހަލަ ބޮޑެތި ޓުއަރ އޮޕަރޭޓަރުން މިހާރު މަދުވުމުން ދިމާވާކަމެއްކަމަށާއި، މާޒީން އިބްރަތް ހާސިލްކޮށްގެން، ފަތުރުވެރިކަން މިހާރު ތަރައްގީނުވެ ހުރި އަތޮޅުތަކަށް ފަތުރުވެރިކަން ގެންގޮސް، ފުޅާކުރެވިދާނެކަމަށް ގަބޫލުފުޅުކުރައްވާކަމަށެވެ.