ކ. މާލެ
|
21 ޖޫން 2022 | އަންގާރަ 08:34
ވެޔޮ އެކެޑަމީގެ ތަމްރީނުތަކުގެ ތެރެއިން: ފޮޓޯ-ވެޔޮ އެކަޑަމީ
ވެޔޮ އެކެޑަމީގެ ތަމްރީނުތަކުގެ ތެރެއިން: ފޮޓޯ-ވެޔޮ އެކަޑަމީ
ވޭމަންޑޫގައި ފުޓްބޯޅަ އެކެޑަމީއެއް ފެށުން
ވޭމަންޑޫގައި ފުޓްބޯޅަ އެކެޑަމީއެއް!
އެކެޑަމީ ފެށީ ޖޫން 1 ވަނަ ދުވަހު

ކުރިން ފުޓްބޯޅައިގައި މަޝްހޫރު ވޭމަންޑޫ އަލުން ކުޅިވަރުގެ ރަށަކަށް ހެދުމަށް "ވެޔޮ އެކެޑަމީ" ގެ ނަމުގައި ފުޓްބޯޅަ އެކޑަމީއެއް ފަށައިފިއެވެ.

ވެޔޮ އެކަޑަމީން ބުނީ އެކަޑަމީގެ މަސައްކަތް ފެށީ ދަނޑެއް އޮވެ ދަނޑު ހުސްކޮށް އޮތުމާއި, ކުޑަކުދިން ކުޅިވަރު ދަނޑުން ނުފެންނާތީކަމަށެވެ. އެކަޑަމީ ފެށީ އޭ ލައިސެންސް ކޯޗު މުޙައްމަދު ނަޒީހުގެ އިރުޝާދުގެ ދަށުންނެވެ. ނަޒީހު މިވަގުތުވެސް މަސައްކަތްކުރަނީ ވޭމަންޑޫގައެވެ. ވޭމަންޑޫގައި ހަތަރު ކޯޗުން ތަމްރީނުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ވެޔޮ އެކަޑަމީން ބުންޏެވެ.

ވެޔޮ އެކަޑަމީގައި މިވަގުތު ތަމްރީނު ވަމުންދަނީ 7-15 އަހަރުގެ ފިރިހެން ފުޓްބޯޅަ ކުޅުންތެރިންނެވެ. އެކަމަކު ކުރިއަށް އޮތްތަނުގައި އިތުރު ކުޅިވަރުތަކުންވެސް ކުދިން ތަމްރީނުކުރަން ފަށާނެކަމަށް ވެޔޮ އެކަޑަމީން މައުލޫމާތުދިނެވެ. އަދި އަންހެން ކޯޗުން ތަމްރީނުކޮށްގެން އަންހެން ކުދިންނަށްވެސް އެކަޑަމީ ފުޅާކުރުމަކީވެސް ވެޔޮ އެކަޑަމީގެ އަމާޒެކެވެ. މިވަގުތު އެކަޑަމީގައި 72 ކުދިން ދަނީ ތަމްރީން ހޯދަމުންނެވެ.

ކޯޗު މުޙައްމަދު ނަޒީހު ބުނީ ވޭމަންޑޫ އެކަޑަމީގެ ކޮންމެ އުމުރުފުރައެއްގައިވެސް ތަފާތު މޮޅު ދެތިން ކުޅުންތެރިން ފާހަގަވާކަމަށެވެ. އެކުދިންގެ ފަރާތުން އެހެންކުދިންވެސް ދަސްކުރަން ފެށުމުން ތަފާތުތަކެއް ފެންނާނެކަމަށް ނަޒީހު ޤަބޫލުކުރެއެވެ.

ވެޔޮ އެކަޑަމީން އެކަޑަމީ ފެށިއިރު ހަމަ ބޯޅަޔަކާ މާކަރަކާ އެކަނި ހިފައިގެން ފެށީކީނޫން. މިތާނގައި ހުންނާނެ ކުއްޖަކު ގާތްގަނޑަކަށް 19 އަހަރުން ދަށުގެ ޓީމާ ހަމައަށް ދާއިރު ތަމްރީނު ކުރަން ބޭނުންވާނެ ހުރިހާ ސާމާނެއް. ހަތް އަހަރުގެ ކުއްޖަކު ތަމްރީނު ވަމުންދާނީ ޤައުމީ ޓީމްގެ ކުޅުންތެރިން ބޭނުންކުރާނެ ހުރިހާ ސާމާނަކާ އެއްކޮށް ތަމްރީނުވަމުން. މިކުދިންނަށް އެއުފާވެރިކަން އެބައޮތް.
މުޙައްމަދު ނަޒީހު/ އޭލައިސަންސް ކޯޗު
ކޯޗު ނަޒީހު ވެޔޮ އެކަޑަމީގެ ތަމްރީނު ތަކުގައި; ފޮޓޯ-ވެޔޮ އެކަޑަމީ

ވޭމަންޑޫއަކީ ކުރިން ރާއްޖޭގެ ޗެމްޕިއަން ކަނޑައެޅުމަށް މާލޭގައި އަށް ޒޯންގެ ޗެމްޕިއަނުން ވާދަކުރިއިރު މާލޭގައި ވާދަކުރަމުން އައި ޓީމެކެވެ. އެކަމަކު ފަހުން ކުޅިވަރުގެ ފޯރި ކެނޑި, ކުޅިވަރު ދަނޑުތަކަށް ފަޅުކަމެއް އައެވެ. ވެޔޮ އެކަޑަމީން މަސައްކަތްކުރަނީ އެފަޅުކަން ނައްތާލާ, އަލުން ކުޅިވަރުގެ ވޭމަންޑޫއަކަށް ބަދަލުކޮށްލުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް