ކ. މާލެ
|
21 ޖޫން 2022 | އަންގާރަ 06:19
ނާއިބު ރައީސް ފައިސަލް ނަސީމް
ނާއިބު ރައީސް ފައިސަލް ނަސީމް
ރައީސް އޮފީސް
ދީނީ ޕްރޮގްރާމްތައް ހިންގުން
މެދުނުކެނޑި ކޮންމެ މަހަކު ދީނީ ޕްރޮގްރާމްތައް ހިންގުން މުހިންމު: ނާއިބު ރައީސް
ރައްޔިތުން ދީނީ ކަންކަމަށް ހޭލުންތެރިކުރުން އިތުރުކުރަންޖެހޭ

މުޅި އަހަރުގެ ބާރަ މަސް ދުވަހަށް ބަހާލައިގެން އެއްވެސް އަތޮޅެއް ބާކީ ނުކޮށް، މެދުކެނޑުމެއްނެތި ދީނީ އެކި ޕްރޮގުރާމުތައް ކުރިއަށް ގެންދިއުމަށް އެންމެހާ ފަރާތްތައް ގުޅިގެން މަސައްކަތްތައް ރާވާލުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ ހިޖުރައިން 1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ ޕްރޮގްރާމްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކާ ބައްދަލުކުރެއްވުމަށްޓަކައި ހޯމަ ދުވަހުގެރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނާއިބު ރައީސް ވިދާޅުވީ ރައްޔިތުންގެ މެދުގައި ދީނީ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް އިތުރު މަސައްކަތްތައް ކުރަންޖެހިފައިވާ ކަމަށެވެ. މިގޮތުން ކުރިއަށްގެންދާ ޕްރޮގްރާމްތަކަކީ މެދުނުކެނޑި ރައްޔިތުންގެ ޝައުގުވެރިކަން އުފެދޭ ގޮތަށް ބައްޓަންކުރެވިގެން އަތޮޅުތައްވެސް ހިމެނޭހެން ކުރިއަށްގެންދެވޭ ޕްރޮގްރާމްތަކަކަށް ހެއްދެވުމަށް ނާއިބު ރައީސް އެދިވަޑައިގެންނެވިއެވެ.

ކޮންމެ އަހަރަކުވެސް ބަރަކާތްތެރި ރަމަޟާން މަހަށް ޚާއްސަކޮށް، ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ރޫހު އާލާކޮށް ދިރުވުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ފަރާތުން ރާވާ އިންތިޒާމުކުރާ ގިނަ ޕްރޮގްރާމްތަކެއް އާންމުންނާއި ހަމައަށް ގެނެސްދެވޭކަން ނާއިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި، އެގޮތުން ހިންގޭ ޕްރޮގްރާމްތަކުގައި ދީނީ އިލްމުވެރިންގެ އިތުރުން އެކިއެކި ހެޔޮއެދޭ ފަރާތްތަކާއި ކުންފުނިތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާކަން ފާހަގަކުރައްވާ، 1443 ވަނަ އަހަރުގެ ރަމަޟާންމަހު ހިންގި މިފަދަ އެންމެހާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް އެމަނިކުފާނު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ނާއިބު ރައީސް ފައިސަލްގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އިސްނެންގެވުމުގެ މަތިން އެހެން އަހަރުތަކާއި ޚިލާފަށް މިދިޔަ ރަމަޟާންމަހު އަތޮޅުތެރޭގައި އިހްޔާ ޕްރޮގްރާމްތަކެއް ރޭވިގެން ކުރިއަށް ގެންދެވިފައިވާކަން ފާހަގަކުރެއްވިއެވެ.

- ކޮމެންޓް