ދިވެހިރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑުއެއް ހިޔާނާތުގެ މައްސަލަކަމަށްވާ އެމް.އެމް.ޕީ.އާރު.ސީގެ ކޮރަޕްޝަން މައްސަލައާ ގުޅުންހުރި ވ.އާރަށް ވިއްކުމުގައި ހިންގި ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީންއާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްއަށް ކުރާ ރިސްވަތު ހިފުމާއި މަނީލޯންޑަރިންގގެ ދައުވާތައް ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރެއިން ފުރަތަމަ ހެކިވެރިޔާގެ ހެކިބަސް 16 ޖޫން 2022 ގައި ނަގާފައިވާއިރު، މިއަދު ހެކިބަސްނަގާފައިވަނީ ލެޕްޓޮޕަކުން ހޯދާފައިވާ މުޢާމަލާތްތަކާ ގުޅޭގޮތުން ތަހުލީލުކުރި ފުލުސް އޮފިސަރެއްގެ ހެކިބަހެވެ. މިމައްސަލަ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ޝަފަހީ ހެކިންގެ ގޮތުގައި 13 ހެއްކަކު ހުށަހަޅާފައިވާއިރު، ގިނަ އަދަދެއްގެ ކިތާބީ ހެކިވެސް ދައުލަތުގެ ފަރާތުން ވަނީ ހުށަހަޅާފައެވެ. ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ޔާމީންއާއި އަހުމަދު އަދީބާ ދެމެދު ކުރެވުނު ފޯނު ކޯލްތަކެއްގެ ރިކޯޑިން ހުށަހަޅާފައިވާނެ ކަމަށް ދައުލަތުން މީގެ ކުރިން ބޭއްވުނު އަޑުއެހުމުގައި ބުނެފައިވާއިރު މިއަދު ހެކިބަސް ދިން ފަރާތުން ހެކިބަސްދީފައިވަނީ ލެޕްޓޮޕަކުން ހޯދި ކޮމިނުކޭޝަންތަކެއް ތަޙުލީލުކުރި ފަރާތުގެ ހައިސިއްޔަތުންކަމަށްވާއިރު، މިމައްސަލައިގެ ތަޙުޤީޤަށް ހޯދާފައިވާ ލެޕްޓޮޕްއަކުން މިމައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މެދުގައި ހިނގާފައިވާ ވައިބަރ ކޮންވަޒޭޝަންތަކެއް ހެކީގެ ގޮތުގައި ދައުލަތުން ވަނީ ހުށަހަޅާފައެވެ.
ދަޢުވާކުރެވިފައި މައްސަލާގައި ކަންހިނގާފައިވާ ގޮތް
މިމައްސަލައިގައި ދައުވާކުރަމުން ޝަރީއަތުގައި ދަޢުލަތުން ކުރިން ފާހަގަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް ހިއްސާ އޮތް ކުންފުނީގެ ހިއްސާތައް 2015 ވަނަ އަހަރު ސެޕްޓެމްބަރ މަހު އެހެން ކުންފުންޏަކަށް އޭނާ ވިއްކާލުމާއެކު ޖެހިގެން އައި ދުވަހު އެ ކުންފުންޏަށް އާރަށް ދިނުމަށްއެމްއެމްޕީއާރުސީން ނިންމާ އެރަށް އެކުންފުޏަށް ހަވާލުކޮށްފައިވާކަމަށެވެ. އަދިއެކުންފުނީގެ ފަރާތުން 1 (އެކެއް) މިލިއަން ޑޮލަރ އެމް.އެމް.ޕީ.އާރު.ސީ.އަށް ދެއްކުމަށް ޗެކެއް ހަވާލުކުރިއިރު، އިތުރު 1 (އެކެއް) މިލިއަން ޑޮލަރު ހިމެނޭ ޗެކެއް ޔޫސުފް ނައީމްއަށްވެސް އެދުވަހު ހަވާލުކޮށްފައިވާކަން ލިޔުންތަކުން އެނގޭކަމަށް ދައުލަތުން ބުނެފައިވެއެވެ. އޭގެ 3 ދުވަސް ފަހުން އެ ޗެކް ޔޫސުފް ނައީމުގެ އެކައުންޓަށް ޖަމާކުރުމަށްފަހު، އޭގެ 2 ދުވަސްފަހުން ޔޫސުފް ނައީމުގެ އެ އެކައުންޓުން ރައީސް ޔާމީނަށް 1 (އެކެއް) މިލިއަން ޑޮލަރގެ ޗެކެއް ދޫކޮށްފައިވާކަމަށާއި އަދި އޭގެ 2 ދުވަސް ފަހުން ޔާމީންގެ އެކައުންޓަށް ޔޫސުފް ނައީމް ދިން 1 (އެކެއް) މިލިއަން ޑޮލަރުގެ ޗެކް ޖަމާކޮށްފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ. ދައުލަތުން ބުނިގޮތުގައި އެޗް.އެސް.ބީ.ސީގައި ހުޅުވާފައިވާ ޔާމީންގެ އެކައުންޓަކަށް ޔޫސުފް ނައީމް ދިން ޗެކް ޖަމާކުރިއިރު، ޗެކާއެކު ފޮނުވި ސިޓީގައި ވަނީ އެއީ "ޕޮލިޓިކަލް ކެމްޕެއިނަށް" ދިން ފައިސާ ކަމަށެވެ. އަދި އެ ފައިސާ އާއި އިތުރު ފައިސާތަކެއް އެއްކުރުމަށް ފަހު، ޔާމީންގެ އެހެން އެކައުންޓްތަކަކަށް ފައިސާ ޖަމާކުރިކުރުމަކީ މަނީ ލޯންޑަރިންގގެ އަމަލެއްކަމަށް ދައުލަތުން ބުނެފައިވެއެވެ.
އިބްރާހީމް ޒުހައިރުގެ ހެކިބަސް
އެއްލައްކައަށް ވުރެ ގިނަ އިވެންޓް ރެކޯޑް ކުރެވިފައިވާ ލެޕްޓޮޕްއަކުން މިމައްސަލައާ ގުޅުން ހުރި ފަރާތްތަކުގެ މެދުގައި މުއާސަލާތްކުރެވިފައިވާ ވައިބަރ ކޮންވަޒޭޝަންތަކެއް
މިމައްސަލައާ ގުޅިގެން މިއަދު ހެކިބަސްދިން ފަރާތަކީ، މޯލްޑިވެސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ސަރވިސް ޑިޖިޑަލް އެވިޑެންސް ލެބޯޓަރީގެ ޑިޖިޓަލް ފޮރެންސިކްއެގްޒަމިނާއެއްގެ ގޮތުގައި 2010 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ އިބްރާހީމް ޒުހައިރުއެވެ. އެ ފަރާތުގެ ހެކިބަސް ނެގިފައިވަނީ ދަޢުވާކުރެވިފައިވާ މައްސަލައިގެ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ މިމައްސަލައާ ގުޅުންހުރި ފަރާތްތަކުގެ މެދުގައި ހިންގާފައިވާ މުއާސަލާތްތަކާ ގުޅޭގޮތުން އެ ހެކިތައް ތަހުލީލުކޮށް ރިޕޯޓް އެކުލާވާލިފަރާތެއްގެ ހައިސިއްޔަތުންނެވެ. ހެކިބަސްދިން ފަރާތް ފޮރެންސިކް ތަޙުލީލުކޮށްފައިވަނީ މި މައްސަލައިގެ ތަޙުޤީޤަށް ފުލުހުން ނަގާފައިވާ ލެޕްޓޮޕެއްގައި ހުރި ވައިބަރ ކޮންވަޒޭޝަންތަކެކެވެ.
މިއަދު ހެކިބަސްދިން އިބްރާހީމް ޒުހައިރު އަކީ ކުރައިމް ސީން އިންވެސްޓިގޭޓަރެއްގެ ގޮތުގައި 2008 އަދި 2009 ވަނަ އަހަރު މޯލްޑިވެސް ޕޮލިސް ސަރވިސްގައިމަސައްކަތްކުރި ފަރާތެކެވެ. އަދި 2010 ވަނަ އަހަރުން ފެށިގެން ޑިޖިޓަލް އެގްޒަމިނަރ އެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ފަރާތެކެވެ. 2010 ވަނަ އަހަރުން ފެށިގެން ޑިޖިޑަލް އެވިޑެންސްއާއި ގުޅޭ ގޮތުން މަތީ ތައުލީމް ހާސިލްކޮށް ގިނަ ތަމްރީންތަކާ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވާއިރު، ގިނަ ގައުމުތަކެއްގައި ކޮމްޕިއުޓަރ ފޮރެންސިކްއާއި ގުޅޭ ތަފާތު ކޯސްތަކާއި ތަމްރީންތައް އެފަރާތުން ފުރިހަމަކޮށްފައިވެއެވެ. އަދި އިންޓަރޕޯލްއިން ހިންގާ އެފަދަ ތަމްރީންތައްވެސް ފުރިހަމަކޮށްފައިވެއެވެ. އިބްރާހީމް ޒުހައިރު އާންމުގޮތެއްގައި ލެބޯރެޓަރީގައި ތަޙުލީލުކުރަނީ ލެޕްޓޮޕް، ޕެންޑްރައިވް، މެމޮރީ ކާޑް ފަދަ ތަކެތިކަމަށްވާއިރު، އެފަދަ 3500 ހެކި މިހާތަނަށް ތަޙުލީލުކޮށް 1200 އަށް ވުރެ ގިނަ ރިޕޯޓް ތައްޔާރުކޮށްފައިވާކަމަށް ހެކިބަސްދެމުން އިބްރާހީމް ޒުހައިރު ބުނެފައިވެއެވެ.
ތަޙުޤީޤުކުރާ ފަރާތުން ތަޙުލީލުކުރުމަށް ބޭނުންވާ އެވިޑެންސްއެއް ލެބޯރެޓަރީއަށް ގެނައުމުން ތަހުލީލުކުރަނީ އެ ގެނެވޭ އެވިޑެންސް ހުރީ އެވިޑެންސް ބޭގެއްގައި ރައްކާތެރިކަމާއެކު ސީލް ކުރެވިފައިތޯއާއި ޗެއިން އޮފް ކަސްޓަޓީ ފުރިހަމަކޮށްފައިވޭތޯ ބެލުމަށްފަހުގައި ކަމަށް ހެކިބަސްދިން ފަރާތުން ބުނެފައިވާއިރު އެފަރާތާ ހަމައަށް ގެނެވުނު ލެޕްޓޮޕްވެސް ހުރީ އެގޮތަށް ކަމަށްވެސް ބުނެފައިވެއެވެ. އެ ލެޕްޓޮޕްއަކީ އެހެން މައްސަލައަކާ ގުޅިގެން ތަހުލީލުކުރުމަށް ލެބޯރެޓަރީއަށް ގެނަވުނު ލެޕްޓޮޕެއްކަމަށްވީނަމަވެސް އެ ލެޕްޓޮޕްގެ އިމޭޖުން ނަގާފައިވާ ހެކިތައް އެހެނިހެން ތަހުޤީޤުތަކާ ގުޅިގެންވެސް އެނަލައިސް ކޮށްފައިވާނެކަމަށްވެސް ބުނެފައިވެއެވެ.
އެނގިފައިވާ ގޮތުގައި މިއީ އެމް.އެމް.ޕީ.އާރު.ސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲޒިޔަތު ގެންގުޅުނު ލެޕްޓޮޕުގައި އިން ވައިބަރ އެޕްލިކޭޝަން އިން ނަގާފައިވާ މުޢާސަލާތްތަކެކެވެ. އާރަށު ހިޔާނާތް ހިންގުމަށްޓަކައި ޔާމީނާއި ޔޫސުފް ނައީމްގެ މެދުގައި ވެސް މުއާމަލާތްތަކެއް ހިންގުނު ކަމަށް ދައުލަތުން މީގެ ކުރިން ބުނެފައިވެއެވެ. ވ.އާރަށުގެ ހިޔާނަތުގެ މައްސަލައާ ގުޅުން ހުރި މުހިންމު މުއާސަލާތްތަކެއް ފޮރެންސިކް ތަޙުލީލު ކުރެވުނު ލެޕްޓޮޕުން ފެނިފައިވާއިރު، އެ މުއާސަލާތްތަކުގެ ތަފްސީލް އެނގިގެންދާނީ ދައުލަތުގެ ފަރާތުން ހުށަހަޅާ ކިތާބީ ހެކި ހާމަކުރާ މަރުހަލާގައިކަމަށް ބެލެވެއެވެ.
ލެޕްޓޮޕުން ނަގާފައިވާ މަޢުލޫމާތުތައް ތަޙުލީލުކުރުމުގައި ސަމާލުކަންދިނީ ތަޙުޤީޤުކުރާ ފަރާތުން ފޮނުވާފައިވާ ރިކުއެސްޓް ފޯމުގައި އެދިފައިވާ ކަންތައްތަކަށްކަމާއި ތަހުލީލުކުރި ލެޕްޓޮޕެގެ ހާޑްޑިސްކްއިން ނަގާފައިވާ ހާޑް ޑިސްކު އެކުލެވޭ ޑާޓާގެ އަސްލު ކޮޕީއެއް ތަޙުލީލުކުރެވިފައިވާއިރު އެތަހުލީލުން ފާހަގަވި ކަންތައްތަކުގެ މައްޗަށް ރިޕޯޓެއް އެކުލަވާލިކަމާއި އަދި އެގެ ފަހުން ޓެކްނިކަލް ރިވިއުއަށް އެރިޕޯޓް ފޮނުވުނުކަމާއި އެރިޕޯޓް ފައިނަލް ކުރީ ޓެކްނިކަލް ރިވިއުއަށްފަހުކަމަށްވެސް ހެކިބަސްދިންފަރާތުން ބުނެފައިވެއެވެ.
ހެކިބަސްދިން އިބްރާހީމް ޒުހައިރު ހެކިބަސްދެމުން ބުނެފައިވަނީ އެފަރާތަށް ތަޙުލީލުކުރުމަށް ހަވާލުކުރެވުނީ ވަކި މޯބައިލް ނަންބަރުތަކާ ގުޅުން ހުރި ކޮންވަޒޭޝަންތަކެއް ލެޕްޓެޕުން ނެގުނު ޑޭޓާތަކުގައި ހުރިތޯ ބެލުމަށްކަމަށާއި އެކަން ކުރުމުގެ ގޮތުން ފޮރެންސިކް ދާއިރާގައި ތަފާތު ލެބޯރެޓަރީތަކުގައި ބޭނުންކުރާ ވަކި ހާއްސަ 3 ޓޫލްއެއް ބޭނުންކުރިކަމަށް ބުނެފައިވެއެވެ. ތަޙުލީލުކުރެވުނު ޑޭޓާތަކުގައި ވައިބަރ އިންސްޓޯލްކޮށްފައި އިން ފައިލެއް ފެނިފައިވާކަމާއި ވައިބަރ އިންސްޓޯލްކޮށްފައިވަނީ "އެމް.ޑީ" ކިޔާ ޔޫސަރއަކުންކަން ފާހަގަކުރެވުނު ކަމަށްވެސް ބުނެފައިވެއެވެ. މިއީ އެމް.އެމް.ޕީ.އާރު.ސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތު ގެންގުޅުނު ލެޕްޓޮޕުކަމުން އެމް.ޑީ ޔޫސަރ ނޭމަކީ މެނޭޖިންގ ޑިރެކްޓަރ ކުރުކޮށް އާންމުކޮށް ބޭނުންކޮށް އުޅޭ ނަންކަމުން އެ ލެޕްޓޮޕް އެނަމުގައި ޔޫސަރ ކުރިއޭޓްކޮށްފައިވާކަމަށް ބެލެވެއެވެ. މީގެ އިތުރުން ވައިބަރ އިންސްޓޯލް ކުރުމަށް ބޭނުންކޮށްފައިވަނީ 7775161 ނަންބަރުކަމަށްވެސް ހެކިބަސްދިން ފަރާތުން ބުނެފައިވާއިރު، މިއީ އަބްދުﷲ ޒިޔަތު އޭރު ބޭނުންކުރި ނަންބަރުކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެ ވައިބަރ މުއާސަލާތްތަކުގައި 9 ފެބްރުއަރީ 2015 އިން ފެށިގެން 2015 ވަނަ އަހަރު ސެޕްޓެމްބަރ 6 ވަނަ ދުވަހާ ހަމަޔަށް އެއްލައްކައަށްވުރެ ގިނަ އިވެންޓް ރެކޯޓް ކުރެވިފައިވާކަމަށްވެސް ބުނެފައިވެއެވެ. އަދި ތަޙުޤީޤުކުރާ ފަރާތުން ފޮނުވި ރިކުއެސްޓް ފޯމުގައި ބަޔާންކޮށްފައިވާ އެހެނިހެން ނަންބަރުތަކުން ކޮށްފައިވާ މުއާސަލާތްތައް އެ ވައިބަރ ކޮންވަރޒޭޝަންތަކުން ފާހަގަކުރެވުނުކަމާއި އެކަމުގެ ތަފްޞީލް ރިޕޯޓުގައި ހިމަނާފައިވާނެކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. މިމައްސަލައާ ގުޅުންހުރި މުހިންމު މުއާސަލާތްތަކެއް ވައިބަރ މެސެޖްތަކެއް މެދުވެރިކޮށް މި މައްސަލާގައި ހިމެނެ ފަރާތްތަކުގެ މެދުގައި ކޮށްފައިވާކަމަށް ބެލެވެއެވެ.
ތަޙުލީލުކުރުމަށް ހުށަހަޅާފައިވާ އެއްވެސް ޑިވައިސްއެއްގެ މަޢުލޫމާތަށް ބަދަލުގެނެސްފައިވާކަން ފާހަގަނުކުރެވޭކަމަށާއި ތަޙުލީލު ރިޕޯޓް ވަކިގޮތަކަށް ތައްޔާރުކުރުމަށް އެފަރާތުގެ މައްޗަށް އެއްވެސް ނުފޫޒެއް އައިސްފައިނުކަމަށާއި އެފަރާތުން ތައްޔާރުކޮށްފައިވާ ރިޕޯޓަކީ ސައްހަ ރިޕޯޓެއްކަމަށް އިބްރާހީމް ޒުހައިރު ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވެއެވެ.
4 ގަޑިއިރު ހޭދަވެގެން ދިޔަ މިއަދުގެ ހެކިބަސްނެގުމުގެ ޝަރީއަތުގައި ދައުވާ ލިބޭ ރައީސް ޔާމިން އަދި ޔޫސުފް ނައީމް ވަކީލުންގެ ފަރާތުން ގިނަ ސުވާލުތަކެއް ހެކިބަސްދިންފަރާތާ ކޮށްފައިވާއިރު، ގިނަ ސުވާލުތައް ކޮށްފައިވަނީ ހެކިބަސްދިން ފަރާތުން ތަހުލީލުކުރުމުގައި އަމަލުކުރި އުސޫލާ ގުޅޭގޮތުންނެވެ.
މި މައްސަލާގައި މިހާތަނަށް ހެކިބަސް ނަގާފައިވަނީ ދެ ހެކިވެރިއެއްގެ ހެކިބަހެވެ. މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ހެކިބަސް ނެގީ ހަތަރު އައިފޯނާއި ޕެންޑްރައިވްތަކެއް ތަހުލީލުކޮށް މޯބައިލް ފޮރެންސިކް ރިޕޯޓެއް ތައްޔާރުކުރި އޮފިސަރެއްގެ ހެކިބަހެވެ. މިއަދުގެ ޝަރީއަތުގެ އަޑުއެހުން ނިންމާލައްވަމުން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ ދެން މިމައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 26 ވަނަ ދުވަހުކަމާއި އެދުވަހުވެސް އޮންނާނީ ދައުލަތުން ހުށަހަޅާފައިވާހެއްކެއްގެ ހެކިބަސްނެގުންކަމަށެވެ.