ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސްގެ ވިންގަރ އޮސްމާން ޑެންބެލޭ ބޭނުންވަނީ ބާސާގައި މަޑުކުރަން ކަމަށް އޭނާ ބުނެފިއެވެ.
ބާސާއާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އޭނާ ބާސާ ދޫކޮށްލަން އުޅޭކަމުގެ އަޑުތަކެއް ފެތުރުނެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ޗެލްސީން ކުރަމުން އަންނަ ކަމަށް ވެސް މީޑިއާތަކުގައި ރިޕޯޓުކުރިއެވެ.
ޑެމްބެލޭގެ ޑީލާ ގުޅޭ ގޮތުން ބާސާގެ ރައީސް ލަޕޯޓާ ދާދި ފަހުން ބުނީ ޑެމްބެލޭއަށް ބާސާއިން މިހާރު ބިޑު ހުށަހަޅާފައިވާނެ ކަމަށެވެ. އަދި އެކަން އޮތީ އޭނާގެ އަތް މަތީގައި ކަމަށާއި، މިހާތަނަށް އޭނާ އަދި ހުށަހެޅުން ގަބޫލުނުކުރާ ކަމަށެވެ. އަދި ވަކި ޖަވާބެއް ވެސް ނުދޭކަމަށެވެ.
މީޑިއާތަކުގައިވާ ގޮތުން ސަޕޯޓަރަކު ވަނީ މަގުމަތިން ޑެމްބެލޭ އާ ދިމާވެގެން އޭނާ ކުރިމަގާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ. އެ ސަޕޯޓަރު ޑެމްބެލޭއާ ކުރި ސުވާލަކީ އޭނާ ބާސާގައި މަޑުކުރާނަންތޯއެވެ. އޭގެ ޖަވާބުގައި ޑެމްބެލޭ އާނއެކޭ ބުނި ކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން އެ ސަޕޯޓަރު ވަނީ ޑެމްބެލޭ ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލްއާއެކު މަސައްކަތް ކުރަން ބޭނުންތޯއޭ ވެސް އަހާފައެވެ. އެ ސުވާލުގެ ޖަވާބުގައި ޑެމްބެލޭ ބުނީ ބާސާގައި ހުރުން އޭނާއަށް އެންމެ ރަނގަޅު ކަމަށެވެ.
އުމުރުން 25 އަހަރުގެ ޑެމްބެލޭ ބާސާއަށް ބަދަލުވީ 2017 ވަނަ އަހަރުއެވެ. އެއީ އޭރު އޭނާ ކުޅުނު ކުލަބް ބްރޫޝިއާ ޑޯޓްމަންޑު ދޫކޮށްލުމަށްފަހުއެވެ. ބާސާއަށް ބަދަލުވެ ޑެމްބެލޭ ވަނީ އެ ޓީމަށް ކުޅެދިން 150 މެޗުގައި 32 ލަނޑު ޖަހައިދީފައެވެ. އަދި އޭނާ ވަނީ ބާސާއާއެކު ފަސް ތައްޓެއް ކާމިޔާބުކޮށްފައެވެ. ފްރާންސްގެ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ޑެމްބެލޭ ވަނީ ގައުމީ ޓީމާއެކު 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައެވެ.