ކ. މާލެ
|
17 ޖޫން 2022 | ހުކުރު 18:48
އީޔޫގެ ރައީސް އުރްސުލާ ވޮން ޑަ ލެޔެން
އީޔޫގެ ރައީސް އުރްސުލާ ވޮން ޑަ ލެޔެން
ރޮއިޓާސް
ރަޝިއާ-ޔޫކްރެއިން ހަނގުރާމަ
ޔޫކްރެއިން އީޔޫގެ މެމްބަރަކަށް ވުމާ ގާތަށް ޖެހިލައިފި
ޔޫކްރެއިން އީޔޫގެ މެމްބަރަކަށް ވެއްޖެ ނަމަ ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ މަންޒަރު ބަދަލުވެގެން ދާނެ ކަމަށް ބެލެވޭ

ޔޫރަޕިއަން ކޮމިޝަން ހެޑްކުއާޓަރުގައި ހުކުރު ދުވަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމަށް އެ ކޮމިޝަންގެ ރައީސް އުރްސުލާ ވޮން ޑަ ލެޔެން ވަޑައިގެންނެވީ ޔޫކްރެއިން ދިދައިގެ ކުލަތަކުން ހެދުން އަޅުއްވައިގެންނެވެ. އެކަމަނާގެ މެސެޖަކީ ޔޫކްރެއިން ރައްޔިތުންނާއެކު އީޔޫ އޮތްކަން ހާމަކުރެއްވުމެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައިސް ހާމަކުރެއްވި ގޮތުގައި ޔޫކްރެއިންއަށް ޝަރުތުތަކަކާއެކު ކެންޑިޑޭޓް ސްޓޭޓަސް ދިނުމަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް ރަސްމީކޮށް މެމްބަރަކަށް ވާނީ އީޔޫގެ އެހެން މެމްބަރުން އެ ހުށަހެޅުއްވުމަށް ތާއިދު ކުރުމުންނެވެ. އީއޫގައި އިސްކޮށް ހަރަކާތްތެރިވާ ތިން ބާރު ކަމަށްވާ ފްރާންސް، ޖަރމަނީ އަދި އިޓަލީ އިން އިއްޔެ ވަނީ ތާއީދު ކުރާކަން ހާމަކޮށްފައެވެ. އެހެން ކަމާއެކު މިއީ ވަރަށް ވުން ގާތްކަމެއްކަމަށްދަނީ ބެލެމުންނެވެ.

އީއޫގެ މެމްބަރަކަށް ވުމަށް ޔޫކްރެއިނުން ކުރުމަށް ޝަރުތުކޮށްފައިވާ ބައެއް ކަންތައްތަކަކީ ޝަރުއީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމާއި ކޮރަޕްޝަނާއި ދެކޮޅަށް ފިޔަވަޅުތަކެއް އެޅުމެވެ. މީގެ އިތުރުން ބައިނަލް އަޤްވާމީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުން އެއީވެސް ޔޫކްރެއިނުން ކުރަން ޖެހޭނެ ކަމެކެވެ.

ޔޫކްރެއިނަށް މެމްބަރުކަން ދިނުމަށްޓަކައި އީޔޫގައި ހިމެނޭ 27 ގައުމުން އެކަމަށް ފެހި ސިގްނަލް ދޭން ޖެހެއެވެ.

މިކަމާ ގުޅޭ ގޮތުން ރައީސް ޒެލެންސްކީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ އީޔޫގެ މެމްބަރޝިޕް ލިބުމާއި ދިމާލަށް އަޅާ ފުރަތަމަ ފިޔަވަޅު ކަމުގައެވެ. އަދި އޭރުން ނަސްރު ލިބުމާއި ގާތަށް ދެވޭނެކަން ޔަގީންވާކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ޖަރމަނީ، ފްރާންސް، އިޓަލީ އަދި ރުމޭނިޔާގެ ލީޑަރުންނާއެކު ރައީސް ޒެލެންސްކީ- ރޮއިޓާސް

އީޔޫގެ ހަތަރު ގައުމު ކަމަށްވާ ޖަރމަނީ، ފްރާންސް، އިޓަލީ އަދި ރުމޭނިޔާގެ ލީޑަރުންނާއި ރައީސް ޒެލެންސްކީ ވަނީ ކިއެވްގައި އިއްޔެ ބައްދަލުކުރައްވާފައެވެ. އަދި މިބައްދަލުކުރެއްވުމަށް ފަހު އޭނާ ވިދާޅުވީ މިއީ ހަގީގަތުގައިވެސް ޔޫކްރެއިންއަށް ތާރީޚީ ދުވަހެއް ކަމަށާއި އޭނާގެ ގައުމަށް އީޔޫއާއި މިހާ ގާތަށް މީގެ ކުރިން ދުވަހަކުވެސް އާދެވިފައި ނުވާކަމަށެވެ. އަދި ހުކުރު ހޮނިހިރު ދެދުވަހު އިތުރު ޕޮޒިޓިވް ޚަބަރުތަކެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޒެލެންސްކީ ވިދާޅުވެފައިވެއެވެ.

ޔޫކްރެއިން އީޔޫގެ މެމްބަރަކަށް ވެއްޖެ ނަމަ، ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ މަންޒަރު ބަދަލުވެގެން ދާނެ ކަމަށް ބެލެވޭކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

- ކޮމެންޓް