ކ. މާލެ
|
16 ޖޫން 2022 | ބުރާސްފަތި 17:49
ޑީއާރްޕީގެ ލީޑަރ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ޑީއާރްޕީގެ ލީޑަރ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ރައްޔިތުންގެ މަޖިލިސް
2023ގެ ރިޔާސީ އިންތިޚާބު
ޑީއާރްޕީން ރައީސް ސާލިހް އެންޑޯސްކޮށްފި
 
ގައުމުގެ ހަމަޖެހުމަށްޓަކައި ރައީސް ދެވަނަ ދައުރަކަށް ހޮވަންޖެހޭ

ޑީއާރްޕީން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އެންޑޯސްކޮށްފިއެވެ.

މިކަމާގުޅިގެން މައުލޫމާތު ދެއްވަމުން ޑީއާރްޕީގެ ލީޑަރ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވީ، ޑީއާރްޕީން ރައީސާއެކު ކޯލިޝަނެއް ހަދަން ހުށަހަޅާފައިވާކަމަށާއި 15 ޕަސަންޓަށް އެދިފައިވާނެކަމަށެވެ.

ރައީސްގެ ކޯލިޝަންގައި ތިބި ބަޔަކާއެކު އުޅުއްވާ މަންޒަރު ފެނިވަޑައިގަންނަވާކަމަށް ޖާބިރު ވިދާޅުވިއެވެ. މި ދަނޑިވަޅުގައި ގައުމުގެ ހަމަޖެހުން ވަރަށް މުހިންމުކަން ފާހަގަކުރައްވައި ޖާބިރު ވިދާޅުވީ، ގައުމުގެ ހަމަޖެހުމަށްޓަކައި ރައީސް ދެވަނަ ދައުރަކަށް ހޮވަންޖެހޭކަމަށެވެ.

މޮޅުވާ ޓީމުގައި ހުންނަން ބޭނުންފުޅުވާކަމަށާއި، މޮޅުވާނީ ރައީސް ސާލިހު ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ. މީގެއިތުރުން މިފަހަރު ރައީސްގެ ކެމްޕެއިންގައި އަމަލީކޮށް ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ޖާބިރު މިހެން ވިދާޅުވެފައިވާއިރު ގިނަ ވަޒީރުން ދަނީ 2023ގެ އިންތިޚާބަށް ރައީސް ސާލިހަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުންނެވެ.

އެގޮތުން 2023ގެ ރިޔާސީ އިންތިޚާބަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ފުރިހަމަ ތާއީދު އެބައޮތްކަމަށް އެމަނިކުފާނުގެ ކެބިނެޓުގެ ވަޒީރުކަން ކުރައްވަމުން ގެންދަވާ ޑިފެންސް މިނިސްޓަރު އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސާލިހާއެކު މަސައްކަތް ކުރައްވާފައިވާއިރު، ރައީސް ސާލިހަކީ ޓީމެއް ގޮވައިގެން އުޅުއްވޭނެ ގާބިލު ލީޑަރެއްކަން ފެނިވަޑައިގެންފައިވާ ކަމަށެވެ.

17 ނޮވެމްބަރު 2018ން ފެށިގެން ރައީސް ސާލިހުގެ ކެބިނެޓުގެ ވަޒީރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އެމަނިކުފާނުގެ ކިބައިން ފެނިވަޑައިގެންފައިވަނީ ކެތްތެރިކަމާއި، ކަންކަން އަޑުއެއްސެވުމާއި، އެމަނިކުފާނުގެ ރަނގަޅު ވިސްނުންފުޅުކަމަށް މާރިޔާ ވިދާޅުވިއެވެ.

އަދި ކަންކަމުގައި ނިިންމަންޖެހޭ ނިންމުންތައް ވަގުތުން ނިންމެވުމުގައިވެސް ރައީސް ސާލިހު ފާހަގަކުރެއްވޭކަމަށް މާރިޔާ ވިދާޅުވިއެވެ.

މި ސަރުކާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ ވަނީ 2023ގެ ރިޔާސީ އިންތިޚާބަށް ރައީސް ސާލިހު ކެނޑިޑޭޓެއްގެ ގޮތުގައި ހުންނެވުމަށް އެންމެ ފުރިހަމައަށް ތާއީދުކުރައްވާކަމަށް ވިދާޅުވެފައެވެ. އެކަމުގައި ފުރިހަމަ ސަޕޯޓު އޮތްކަންވެސް މިނިސްޓަރު މާރިޔާ ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
33%
56%
0%
11%
0%
0%
ކޮމެންޓް
ގުޅުންހުރި