އަންނަ މަހު ރާއްޖޭގައި އޮންނަ އޭޝިޔަން ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަމާޒަކީ އެންމެ ވަރުގަދަ ހަށިގަނޑު ރާއްޖޭގައި ބެހެއްޓުންކަމަށް އެސިސްޓެންޓް ކޯޗު އަބުދުالله ހަސީބު ބުނެފިއެވެ.
މުބާރާތަށް ރާއްޖެއިން ތައްޔާރުވަނީ މީގެކުރިން ވާދަކުރާ ކެޓަގަރީތަކަށްވުރެ ބަރު ކެޓަގަރީތަކަށްވެސް އަމާޒުކޮށްގެންނެވެ. މިއީ ރާއްޖެއިން އެންމެ ބަރު ކެޓަގަރީގައި ވާދަކުރާ ފަހަރުކަމަށް ބޮޑީބިލްޑިންގ އެސޯސިއޭޝަނުން ބުންޏެވެ. އެގޮތުން ޔާންބެ ވާދަކުރާނީ 85 ގެ ކެޓަގަރީގައިކަން ފާހަގަކޮށް ހަސީބު ބުނީ އޭޝިޔާގައި ހުރި އެންމެ ވަރުގަދަ ހަށިގަނޑު ރާއްޖޭގައި ބަހައްޓަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
މިއީ އެންމެ ބަރު ކެޓަގަރީގައި ރާއްޖެއިން ވާދަކުރާ ފަހަރު. ޔާންބެ މިފަހަރު ވާދަކުރަނީ 85 ގައި. މިސްޓަރ އޭޝިޔާ އެ ކްރައުން މިލިބެނީ އެވަރުގެ އެތްލީޓެއް ނެރިގެން. ރާއްޖޭގައި އޮންނައިރު މިބޭނުންވަނީ އޯވަރޯލް ޗެމްޕިއަންއަކީ ރާއްޖެ އެތްލީޓަށް ހެދޭތޯ. މިސްޓަރ އޭޝިޔާފައި ހުރި އެންމެ ވަރުގަދަ ހަށިގަނޑު ރާއްޖޭގައި ބެހެއްޓޭތޯ މިބަލަނީއަބުދުالله ހަސީބު/ އެސިސްޓެންޓް ކޯޗު
މެޑަލް ހޯދުމަށްވެސް ރާއްޖެއިން ކަނޑައަޅާފައިވަނީ ރެކޯޑް އަދަދެކެވެ. ސީދާ އަދަދު ހާމަނުކުރި ނަމަވެސް ހަސީބު ބުނީ މަސައްކަތްކުރަނީ ރެކޯޑް އަދަދަކަށް މެޑަލް ހޯދަން ކަމަށާއި, އެއުއްމީދު އެބައޮތްކަމަށެވެ. ރާއްޖެއިން މުބާރާތުގައި 21 އެތްލީޓުން ވާދަކުރާނެއެއެވެ. މިއީވެސް ރެކޯޑެކެވެ. 21 އެތްލީޓުން ވާދަކުރަނީ ޒުވާން އެތުލީޓުންނަށްވެސް ފުރުޞަތު ދީގެން, އެ އެތްލީޓުންނަށް ތަޖުރިބާތަކެއް ހޯދައިދިނުމުގެ ވިސްނުމުގައިކަމަށް ހަސީބު ބުންޏެވެ. ބޮޑީބިލްޑިންގ ޓީމުން ފަހުގެ ތާރީޚެއްގައި ބައިނަލްއަޤްވާމީ މުބާރާތެއް ހުސްއަތާ ނިންމާލާފައެއް ނުވެއެވެ. މިމުބާރާތަށް ތައްޔާރުވާއިރު އެސޯސިއޭޝަނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީވެސް އަދި އިތުބާރަކީވެސް އެއީއެވެ.
ރާއްޖޭގެ އެތުލީޓުން ބޭރު ކޯޗަކާއެކު ތަމްރީނު ހޯދަމުންދާތާ ތިންމަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.