ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުން ދިރާގު ހައިސްޕީޑް ފައިބަރ އިންޓަނެޓްގެ ހިދުމަތް ބ. ފެހެންދޫގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.
ދިރާގުން މި ޚިދުމަތް ފެހެންދޫއަށް ތައާރަފު ކޮށްފައިވަނީ އެ ރަށުގެ ރައްޔިތުންނަށް ހާއްސަ އޮފާރތަކަކާއެކުގައެވެ. މިގޮތުން ފައިބަރ ބްރޯޑްބޭންޑް ޕެކޭޖަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ފައިބަރ ގުޅައިދިނުމުގެ އިތުރުން ފައިބަރއަށް ބޭނުންވާ ހާއްސަ ރައުޓަރ ވެސް ހިލޭ ލިބޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
މިއީ އެންމެ ހަލުވި ސްޕީޑާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ހިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ވަނީ ސިފަކޮށްފައެވެ.
ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަރ ނެޓްވޯކް ހިދުމަތެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 85 އިންސައްތައަށް މި ޚިދުމަތް ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 87 ރަށް ހިމެނެއެވެ.
ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ލުއިފަސޭހަގޮތްތައް ހޯދައިދިނުމަށެވެ. އެގޮތުން އިނޮވޭޝަން އާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.