Advertisement
ކ. މާލެ
|
15 ޖޫން 2022 | ބުދަ 14:09
ކްރިމިނަލް ކޯޓް - ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމް
ކްރިމިނަލް ކޯޓް - ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމް
ރާއްޖެއެމްވީ
ތިމަރަފުށީ ހަރުކަށި ފިކުރު
ތިމަރަފުށީ ހަރުކަށި ފިކުރު: އާސިރުގެ މައްޗަށް ކުރާ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ
އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފައި
ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ
ދައުލަތާއި ދިފާއުންވެސް ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައެޅުއްވުމަށް ފުރުސަތު ދެއްވި

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރުފަތުރާ، ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުކުރެވޭ ތ. ތިމަރަފުށި، އަސުރުމާގެ، މުޙައްމަދު އާޞިރުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ހިމެނޭ މީހުންނަކީ ތ. ތިމަރަފުށި، ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފް އާއި، ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒު އާއި ތ. ތިމަރަފުށި، އަސުރުމާގެ، މުޙައްމަދު އާޞިރު އާއި، ތ. ތިމަރަފުށި، އަސްރަފީވިލާ، އަޙްސަން މުޙައްމަދު އާއި، ރ. މަޑުއްވަރި، ބީޗްހައުސް ޢަބްދުﷲ ޢިމާދު އާއި، ތ. ތިމަރަފުށި، ސައިމާ، ޝަމާޚު ޝަރީފް އާއި، ނ. ކުޑަފަރި، ރޯޒްމީޑު، އިބްރާހިމް ލޫޠު، އަދި ރ. ކަނދޮޅުދޫ، ފެހިވިލާ، ޢަލީ އަރުހަމް މުޙައްމަދުއެވެ.

އޭގެ ތެރެއިން އަބްދުﷲ ޝަރީފް ވަނީ ބުދަ ދުވަހު ހެނދުނު ކުރިއަށް ދިޔަ އަޑުއެހުމުގައި ދައުވާތަކަށް އިންކާރުކޮށްފައެވެ. ބާކީ ތިބި މީހުންގެ މައްސަލަ މެންދުރަށް ތާވަލު ކުރި ނަމަވެސް ކުރިއަށް ގެންދެވިފައިވަނީ ހަމައެކަނި އާޞިރުގެ މައްޗަށް ކުރާ ދައުވާގެ ބައެވެ. އޭނާގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާއެވެ.

ދައުލަތުން ބުނި ގޮތުގައި ތިމަރަފުށީ ސުކޫލުގެ ލެބޯޓަރީ ގޮއްވާލުމަށް ރޭވުމުގައި އޭނާގެ ބައިވެރިވުން ހިމެނެއެވެ.

މި އަޑުއެހުމުގައި ދައުލަތުން ވަނީ އޭނާގެ މައްޗަށް ދައުވާ އިއްވާފައެވެ. އަދި އޭނާ ވަނީ އެ ދައުވާއަށް އިންކާރުކޮށްފައެވެ.

Advertisement

ވުމާއެކު، ދައުލަތުން ދައުވާ ސާބިތު ކުރުމަށް އޭނާއާ ދެކޮޅަށް ހުށައަޅާ ހެކިތައް ވަނީ ހާމަކޮށްފައެވެ. އަދި އެ ހެކިތަކަށް ބަލާއިރު، މި މައްސަލައިގައި އުފުލާފައިވާ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވިއެވެ.

ގާޒީ ވަނީ ދައުލަތާއި ދިފާއުންވެސް ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައެޅުއްވުމަށް ފުރުސަތު ދެއްވާފައެވެ.

މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޓެރަރިޒަމާ ގުޅުންހުރި ގިނަ ތުހުމަތުތަކެއް ކޮށްފައިވެއެވެ. އަދި ތިމަރަފުށީގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުގެ އިސްފަރާތްތަކުން އޮޕަރޭޓްކުރާ "ނަސާޙް 3" ދޯނި ތެރޭގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އީ.ޑީ)އެއް ތައްޔާރުކުރުމަށްފަހު އައި.އީ.ޑީ ގޮއްވާލައި ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވުމަށް ތައްޔާރީތައްވަމުން ދިއުމުގެ ތުހުމަތު ވެސް އެމީހުންގެ މައްޗަށް ކުރެވެއެވެ.

މީގެއިތުރުން، ދަތުރު ދިއުމުގެ ނަމުގައި ފަޅުރަށްރަށަށް ގޮސް ހަނގުރާމައިގެ އެކި އުކުޅުތައް ދަސްކޮށް، ތަމްރީންތައް ހަދަމުންދިއުމާއި، ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިރުކު ފެތުރުމުގެ ގޮތުން އެރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުތަކަށް ހިތްވަރުލިބޭފަދަ ކްލާސްތައް ހިންގައި، ތިމަރަފުށީގައި ދިރިއުޅޭ ކުޑަކުދިންނަށް އަމާޒުކޮށްގެން އެކުދިން ހަރުކަށި ފިކުރަށް ލެންބުވުމަށް މަސައްކަތްކޮށްފައިވާ ކަމަށް ވެސް އެމީހުންގެ މައްޗަށް ތުހުމަތު ކުރެވެއެވެ.

ސަރުކާރުން މިސްކިތްތަކަށް ކަނޑައަޅުއްވާފައިވާ އިމާމުންގެ ފަހަތުގައި ނަމާދު ނުކޮށް ވަކި ޖަމާޢަތް ހަދައިގެން ނަމާދުކުރަމުން ދިއުމާއި ހަރުކަށި ފިރުކުރުގެ މީހުންނާ ގުޅުން އޮންނަ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމުގެ ތުހުމަތު ވެސް އެ މީހުންގެ މައްޗަށް ކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް