ކ. މާލެ
|
15 ޖޫން 2022 | ބުދަ 21:36
އެމްޓީސީސީން އަލަށް ތައާރަފުކުރި ބަސްތައް
އެމްޓީސީސީން އަލަށް ތައާރަފުކުރި ބަސްތައް
އިދުހާމް ނަޢީމް
ދެވަނަ ފިޔަވަހީގައި ބަހުގެ ޚިދުމަތް ފެށުން
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަތުރުފަތުރުގެ މައްސަލައަށް ދާއިމީ ހައްލެއް
 
ބަހުގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ ބުދަ ދުވަހުގެ ރެއިން ފެށިގެން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެންފެށުމާއެކު އެންމެ ބޮޑު ދަތިކަމަކަށް ދިމާވީ ދަތުރުފަތުރު ކުރުމެވެ. އެއިރު ބަހުގެ ޚިދުމަތްތައް ނުފެށި އޮތުމުން ގިނަ ބަޔަކު ވަނީ ވީހާވެސް އަވަހަށް އެ ޚިދުމަތް ފެށުމަށް އެދިފައެވެ. ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގުޅިގެން ވަގުތީ ގޮތުން އެ ސަރަހައްދަށް ބަހުގެ ޚިދުމަތް ފެށިއެވެ. އެ ޚިދުމަތް ރަސްމީކޮށް ފެށުމަކީ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރު ލުއިތަކެއް ލިބިގެންދިޔަ ކަމަކަށެވެ.

ދެވަނަ ފިޔަވަހިން މާލެއަށް ބަހުގައި ދަތުރުކުރާ މީހުންގެ އަދަދު ވަރަށް ގިނަކަން، ފާއިތުވި މަސްތަކުގައި ވަނީ ފާހަގަކުރެވިފައެވެ. މީހުން ގިނަވެ ބަސް ދަތުރުތައް މަދުވުމުން، ދާން ޖެހޭ ތަންތަނަށް ގަޑިއަށް ނުދެވޭކަމުގެ ޝަކުވާތައްވެސް އިތުރުވިއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބަސް ދަތުރުތައް ރަސްމީކޮށް ފެށުމާއެކު އެ ސަރަހައްދުގައި ބަސް ދަތުރުތައް ވެސް އިތުރުވާނެއެވެ. އެގޮތުން، ކުރިން 1 ގަޑިއިރުން ކުރަމުން އައި ދަތުރުތައް މިހާރު އެއަށްވުރެ އެތައް ގުނައެއް އަވަސްވެގެންދާނެއެވެ.

އެމްޓީސީސީން ރަސްމީކޮށް މި ދަތުރުތައް ފެށުމާއެކު ދެވަނަ ފިޔަވަހިން އިތުރު ދެ ރޫޓަކަށް ދަތުރުކުރަންވެސް ވަނީ ނިންމާފައެވެ. މިހާރު އެ ސަރަހައްދުން ދަތުރުކުރަނީ މާލޭ ވެސްޓް ޕާކާ ދެމެދު އެކަންޏެވެ. ނަމަވެސް 16ވަނަ ދުވަހުން ފެށިގެން ކާނިވާ ސަރަހައްދަށާއި އެއާޕޯޓަށް ވެސް ދެވަނަ ފިޔަވަހިން ބަސް ދަތުރުތައް އޮންނާނެއެވެ. މިއީ އެ ސަރަހައްދުގައި ދިރިއުޅޭ އެއާޕޯޓް މުވައްޒަފުންނާއި މާލެއަށް އެކި ބޭނުންތަކުގައި އަންނަ މީހުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.

ދެވަނަ ފިޔަވަހިން މާލެއަށް ކުރާ ދަތުރުތައް ފަތިހު 5:45ގައި ފަށާއިރު، އެއާޕޯޓް ދަތުރުތައް ހެނދުނު 6:00ގައި ފަށާނެއެވެ. މި ދަތުރުތައް އެމްޓީސީސީން ރާވާފައިވާ ގޮތަށް ބަލާއިރު މާލޭގެ ވެސްޓް ޕާކަށާއި ކާނިވާ ސަރަހައްދަށް ޕީކް ގަޑިތަކުގައި ކޮންމެ 15 މިނެޓަކުން ދަތުރުތައް އޮންނާނެއެވެ. އެ ނޫން ގަޑިތަކުގައި ދަތުރުތައް އޮންނާނީ ކޮންމެ 20 މިނެޓަކުންނެވެ. އެއާޕޯޓަށް ކުރާ ދަތުރުތައް އޮންނާނީ ކޮންމެ އެއް ގަޑިއިރަކުންނެވެ. މިއީ ސްކޫލް ކުދިންނާއި ވަޒީފާތަކުގައި އުޅޭ މީހުންނާއި ސިއްހީ އެކި ކަންކަމުގައި މާލެ އަންނަ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.

ދެވަނަ ފިޔަވަހިން އެއާޕޯޓަށާއި މާލެއަށް ދަތުރު ކުރާއިރު ގިނަ ފަހަރު ބޭނުންކުރަން ޖެހެނީ ކާރެވެ. ކާރު ކުލި އަގުބޮޑުވުމުގެ ސަބަބުން އެ ޚިދުމަތްވެސް ގިނަ ފަރާތްތަކަށް ނުހޯދެއެވެ. އެހެންވެ ހިނގާފައި އުޅޭ މީހުންގެ އަދަދުވެސް މަދެއްނޫނެވެ. އެމްޓީސީސީން ފެށި ބަހުގެ ޚިދުމަތާއެކު މިކަމަށްވެސް ހައްލު ލިބުނީއެވެ. އެމްޓީސީސީން ދެވަނަ ފިޔަވަހީގެ ބަސް ދަތުރުތަކުގެ ޓިކެޓެއްގެ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 15 ރުފިޔާއެވެ. އެ ކުންފުނީގެ ދަތުރު ކާޑު ބޭނުންކޮށްގެން ދަތުރުކުރެވޭއިރު، ބަސް ސްޓޮޕްތަކުންނާއި ބައެއް ފިހާރަތަކުންވެސް ކާޑު ގަތުމާއި ޓޮޕްއަޕް ކުރުމުގެ ޚިދުމަތް ލިބޭނެއެވެ.

ދެވަނަ ފިޔަވަހީގެ ބަސް ދަތުރުތައް ރަސްމީކޮށް ފެށުމާއެކު އެކަމަށް ޚާއްސަކޮށްގެން އެމްޓީސީސީން ގެނައި ބަސްތައްވެސް ވަނީ ދައްކާލާފައެވެ. އެގޮތުން އެމްޓީސީސީން ވަނީ މި ޚިދުމަތް ދިނުމަށް 15 ޑަބަލް ޑެކަރ ބަސް ރާއްޖެއަށް ގެނެސްފައެވެ. މި ބަސްތައް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އިތުރުން މާލެ ސަރަހައްދުގެ އެހެން ރޫޓުތަކުގައި ވެސް ދަތުރު ކުރާނެއެވެ.

އެމްޓީސީސީން ގެނައި މި ބަސްތަކާއެކު އެ ކުންފުނީގެ ފްލީޓް މިވަނީ 46ށް އިތުރުވެފައެވެ. އެ ކުންފުނީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ދުވާލަކު 18000 މީހުން ބަހުގެ ޚިދުމަތް ހޯދާއިރު 46 ބަހުގެ ފްލީޓް ވެގެންދާނީ ޚިދުމަތް ހޯދާ ފަރާތްތަކަށް ޚިދުމަތް އަވަސްވެ، ފަސޭހަވާނެ ކަމަކަށެވެ.

އަލަށް ގެނައި ބަސްތަކުގެ ފީޗަރތައް އެހެން ބަސްތަކާ ތަފާތެވެ. އެގޮތުން، ކޮންމެ ބަހެއްގައި އެއްފަހަރާ 86 މީޙުންނަށް ދަތުރު ކުރެވޭއިރު، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްފައިވާ ގޮނޑިތައްވެސް ވަނީ އިތުރުކޮށްފައެވެ. އަދި އަރައި ފޭބުމުގައި ފަސޭހައިރު، އިމަރޖެންސީ ހާލަތެއް ދިމާވެއްޖެނަމަ ވަގުތުން އެކަން ޑްރައިވަރަށް އެންގޭގޮތަށް ޚާއްސަ ފިތެއްވެސް ވަނީ ބަހުގައި ހަރުކޮށްފައެވެ. މި ފިތް ބަހުގެ ތިރީ ބައިގައާއި މަތީ ބައިގައިވެސް ވަނީ ހަރުކޮށްފައެވެ.

މީގެ އިތުރުން ބަހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބަހުގެ އެތެރޭގައާއި ބަހުގެ ވަށައިގެން ބޭރުގައި ވަނީ ކެމެރާ ހަރުކޮށްފައެވެ. މި ކެމެރާތަކުގެ ލައިވް ފީޑް ބަސް ޑްރައިވަރަށް ފެންނައިރު، މިއީ ދުއްވާއިރު ވަރަށް ބޮޑު ފަސޭހައެއްކަމަށް ޑްރައިވަރުން ސިފަކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
20%
80%
0%
0%
0%
0%
ކޮމެންޓް