ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން އެހެން ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި އެމަނިކުފާނުގެ ބޮޑުކަމުދާ ތަކެއްޗާއި ކުޑަކަމުދާ ތަކެތި އަޅަން ޚާއްސަ ސޫޓްކޭހެއް ބޮޑީގާޑުން ގެންގުޅޭ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.
ބޭރުގެ ރިޕޯޓްތައް ބުނާ ގޮތުގައި އެމަނިކުފާނުގެ އެތަކެތި އެޅުމަށް ޚާއްސަ ސޫޓްކޭހެއް ގެންދަވަނީ އޭގެ ސާމްޕަލް ނަގައިގެން އެމަނިކުފާނުގެ ސިއްޙީ ހާލަތާ ގުޅޭ މައުލޫމާތު ހޯދަން މަސައްކަތް ކޮށްފާނެތީއެވެ. އެހެންކަމުން ކުޑަކަމުދާ ތަކެއްޗާއި ބޮޑުކަމުދާ ތަކެތި ސޫޓްކޭހުގައި އަނބުރާ މޮސްކޯއަށް ގެންދާ ކަމަށްވެއެވެ.
މި ވާހަކަތައް އެންމެ ފުރަތަމަ ރިޕޯޓް ކޮށްފައިވަނީ ފްރާންސްގެ މެގަޒިނެއް ކަމަށްވާ ޕެރިސް މެޗްގައެވެ. އެ މެގަޒިންގައި ބުނެފައިވާ ގޮތުގައި ޕުޓިން ދަތުރުފުޅުތަކުގައި ފާޚާނާ ކުރައްވަން ވަޑައިގަންނަވާއިރު އެމަނިކުފާނުގެ އަރިހުގައި ރަޝިއަން ފެޑެރަލް ޕްރޮޓެކްޝަން ސާވިސްގެ 6 ނުވަތަ 7 ސެކިއުރިޓީ ގާޑުން ތިބޭ ކަމަށް ބުނެފައިވެއެވެ. އެ ސޫޓްކޭސްއާ ހަވާލުވެގެން ތިބެނީ ވެސް މި ސެކިއުރިޓީ ގާޑުން ކަމަށް ވެސް ވަނީ އެ މެގަޒިންގައި ބުނެފައެވެ.
މިގޮތަށް ވާހަކަތައް ފެތުރިފައިވާއިރު ޕުޓިން ފާޚާނާއަށް ވަޑައިގަންނަވާއިރު ސެކިއުރިޓީން އެމަނިކުފާނުގެ އަރިހުގައި ދާ މަންޒަރު ފެންނަ ވީޑިއޯއެއް ބީބީސީގެ ނޫސްވެރިއަކު ވެސް ވަނީ 2019 ވަނަ އަހަރު އާއްމުކޮށްފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ދެ ގާޑުން ފާޚާނާ ބޭރުގައި ތިބޭއިރު އިތުރު ދެ ގާޑުން ފާޚާނާއިން ނުކުމެއެވެ. އެ ގާޑުންގެ އަތުގައި ސޫޓްކޭހެއް އޮންނަ ތަން މި ވީޑިއޯގައި ފެނެއެވެ. އެ ގާޑުންނަށްފަހު ޕުޓިން ނުކުމެވަޑައިގަންނަވައެވެ. އެމަނިކުފާނާއެކު އިތުރު ދެ ގާޑުން ވެސް ނުކުމެއެވެ.
މި ކަން އެންމެ ފުރަތަމަ ފާހަގަކުރެވެން ފަށާފައިވަނީ 2017 ވަނަ އަހަރު ޕުޓިން ފްރާންސަށް ކުރެއްވި ދަތުރުފުޅުގައެވެ. އޭގެ ފަހުން އެކިއެކި ރަސްމީ ދަތުރުފުޅުތަކުގައި މި ކަން މީޑިއާތަކަށް ވަނީ ފާހަގަކުރެވިފައެވެ.
އެހެން ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޕުޓިން މިގޮތަށް އަމަލު ކުރައްވަނީ އެމަނިކުފާނުގެ ސިއްޙީ ހާލަތާ ގުޅޭ މައުލޫމާތު އިދިކޮޅު ފަރާތްތަކަށް ލިބިދާނެ ކަމުގެ ބިރުންނެވެ. ވެރިކަމަށް ވަޑައިގަތުމާއެކު އެގޮތަށް އަމަލު ކުރައްވާ ކަމަށް ވެސް ބައެއް މީޑިއާތަކުގައި ވަނީ ބުނެފައެވެ.
ޕުޓިންގެ ސިއްޙީ ހާލުކޮޅާއި ގުޅޭގޮތުން ރިޕޯޓްތައް އާއްމުވާން ފަށާފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމުގެ މައުލޫމާތު ލިބުމާއެކުގައެވެ.