ލަންކާއަށް ބޭނުންވާ ތެޔޮ ގަތުމަށް އިންޑިއާއިން އިތުރު ކްރެޑިޓް ލައިނެއް ނަގަން އެގައުމުން ނިންމައިފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ލަންކާއިން ވަނީ ތެލަށް ޚަރަދުކުރުމަށް އިންޑިއާއިން އިތުރު 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ނަގަން ނިންމާފައެވެ.
އެންމެފަހުން އިންޑިއާއިން ލަންކާއަށް ތެލަށް ޚަރަދުކުރުމަށް ފޯރުކޮށްދިން 200 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން އެގައުމަށް ގެންނަ އެންމެ ފަހު ފިއުލް ޓޭންކަރު ބުރާސްފަތިި ދުވަހު އެގައުމަށް ގެނެވޭނެކަމަށް ރިޕޯޓުތައް ބުނެއެވެ.
އިތުރު 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް އިންޑިއާގެ އެގްޒިމް ބޭންކުން ނެގުމަށް ލަންކާގެ ކެބިނެޓުން މިހާރު މިވަނީ ފާސްކޮށްފައެވެ. އެހެން ނަމަވެސް އިތުރު ކްރެޑިޓް ލައިންއެއް ދިނުމަށް އިންޑިއާއިން އެއްބަސްވެފައިވާކަމެއް އަދި ހާމައެއް ނުކުރެއެވެ.
މިއަހަރުގެ މާޗު މަހުގެ ތެރޭގައި އެގްޒިމް ބޭންކުން ވަނީ ލަންކާއިން ތެލަށް ޚަރަދުކުރުމަށް 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ފޯރުކޮށްދީފައެވެ. އަދި އެއަށްފަހު މެއި މަހު އިތުރު 200 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ވަނީ ފޯރުކޮށްދީފައެވެ.