އަރަބި ގައުމުތަކުގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު ވެސް ޤަތަރުގެ އިގްތިސާދާއި އެ ގައުމުގެ ފައިސާގެ އަގު ފަސޭހަކަމާ އެކު ހިފެހެއްޓޭނެ ކަމަށް ފިނޭންސް މިނިސްޓަރ އަލީ ޝަރީފް އަލް އިމާދީ ވިދާޅުވެއްޖެއެވެ.
ސީއެންބީސީއިން ހޯމަ ދުވަހު ގެނެސްދިން އިންޓަވިއުއެއްގައި ގަތަރުގެ ފިނޭންސް މިނިސްޓަރު ވިދާޅުވީ ސަރަހައްދުގެ ވިޔަފާރިއަށް ލިބޭ ގެއްލުމުގެ ސަބަބުން ޤަތަރާ ދެކޮޅަށް ފިޔަވަޅު އެޅި ގައުމުތަކުން ވެސް ފައިސާ ގެއްލިގެންދާނެ ކަމަށެވެ.
"ވަރަށްގިނަ މީހުން ހިތަށް އަރާ އަހަރެމެން އެކަންޏަށޭ ގެއްލުން ވާނީ .... އަހެރެމެންނަށް ޑޮލަރެއް ގެއްލެންޏާ އެމީހުންނަށް ވެސް ޑޮލަރެއް ގެއްލޭނެ،" އޭނާ ވިދާޅުވިއެވެ.
ސައުދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއާ ބަހްރެއިންއާ މިސްރުން މީގެ ހަފްތާއެއްކުރިން ޑިޕްލޮމެޓިކް ގުޅުން އަދި ދަތުރުފަތުރުގެ ގުޅުން ކަނޑާލާފައިވަނީ ގަތަރުން ޓެރެރިޒަމަށް ވާގިވެރިވާކަމަށް ތުހުމަތު ކޮށްފައެވެ. ގަތަރުން އެ ތުހުމަތު ދޮގު ކުރެއެވެ.
ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ގަތަރުގެ އިމްޕޯޓް އަދި އެގައުމަށް އެހެނިހެން ތަކެތި އެތެރެވުމަށްވަނީ ދަތިތަކާ ކުރިމަތިވެފައެވެ. އަދި ބޭރުގެ ބޭންކްތަކަށް ވަނީ އެ ގައުމާއެކު ކުރާ ވިޔަފާރި އަލުން މިންކުރަން ޖެހިފައެވެ.
ނަމަވެސް އިމާދީ ވިދާޅުވީ ހަކަތައިގެ ދާއިރާ އަދި ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ގުދުރަތީ ގޭސް އެކްސްޕޯޓްކުރާ ގައުމުގެ އިގްތިސާދު ހިނގަމުންދަނީ އާއްމު ހާލަތުގައި ކަމަށާއި ކާބޯތަކެއްޗާއި މުދާ ސަޕްލައި ދަށްވުމަކުން ސީރިއަސް އަސަރުތަކެއް ނުކުރާ ކަމަށެވެ.
އިންޓަވިއުގައި އޭނާ ވިދާޅުވީ ތުރުކީން އެގައުމަށް މުދާ އެތެރެކުރެވޭ ކަމަށާއި އަދި މި ދަތިކުރުންތަކަށް ޖަވާބުދޭނީ އެކިދާއިރާތަކުން އިގްތިސާދު ފުޅާކޮށްގެން ކަމަށެވެ.
ބޭރު ފައިސާގެ މުއާމަލާތްތަކުގައި ގަތަރުގެ ރިޔާލަށް ވަނީ ގޮންޖެހުންތައް ކުރިމަތިވެފައެވެ. ނަމަވެސް އިމާދީ ވިދާޅުވީ ފައިސާގެ އަގު ނުވެއްޓޭ ކަމަށާއި އަދި ލޯކަލް ސްޓޮކްމާކެޓްގެ އަގުތައް ވެސް ނުވެއްޓޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ރިޒާވް އަދި އިންވެސްޓްމަންޓް ފަންޑުތައްހުރީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތަށްވުރެ 250 ޕަސެންޓް މަތީގައި، އެހެންވީމަ އަޅުގަނޑަކަށް ނުފެނޭ މިހާރު ހިނގަމުންމިދާ ކަމަކަށް ނޫނީ ޤަތަރު ރިޔާލާ މެދު މިހުރި ތުހުމަތުތަކަކަށް ކަންބޮޑުވާންވީ އެއްވެސް ސަބަބެއް."
ބައިނަލްއަޤްވާމީ ބާޒާރުގައި ޤަތަރުގެ ބޮންޑް ދަށަށްދާ މައްސަލައިގައި ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ ބޮންޑުގެ ބާޒާރަށްވަދެ ސަރުކާރުން ބޮންޑު ގަތުމުގެ ބޭނުމެއް އޮތްކަމަށް ދެކެވަޑައިނުގަންނަވާކަމަށެވެ.