ކ. މާލެ
|
14 ޖޫން 2022 | އަންގާރަ 00:01
ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް
ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް
ރާއްޖެއެމްވީ
ވެސްޓާން އޭޝިއަން ޖޫނިއަރ ޗެސް ޗެމްޕިއަންޝިޕް
ބީޗް ޗެސް ތައާރަފްކުރުމަކީ މުބާރާތަށް ލިބޭނެ އިތުރު ފުރިހަމަކަމެއް: މިނިސްޓަރު މަހްލޫފް
ޖުމްލަ ނުވަ ގައުމަކުން 180 ކުޅުންތެރިންނާއެކު ބާއްވާ މި މުބާރާތުގައި ރާއްޖޭގެ 35 ކުޅުންތެރިން ބައިވެރިވާނެ
މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ ހުރިހާ ކުޅިވަރަކަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް

މި މަހުގެ 15 ވަނަ ދުވަހު ފަށާ ވެސްޓާން އޭޝިއަން ޖޫނިއަރ ޗެސް ޗެމްޕިއަންޝިޕްގައި ބީޗް ޗެސް ތައާރަފްކުރުމަކީ މުބާރާތަށް ލިބޭނެ އިތުރު ފުރިހަމަ ކަމެއްގެ ގޮތުގައި ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް ފާހަގަކުރައްވައިފިއެވެ.

ވެސްޓާން އޭޝިއަން ޖޫނިއަރ ޗެސް ޗެމްޕިއަންޝިޕްއާ ގުޅޭގޮތުން ހޯމަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ މުބާރާތުގެ ތެރޭގައި އެސޯސިއޭޝަނުން އެންމެ ފުރިހަމައަށް ކޮށްފައިވާ އެންމެ ތަފާތު، މުހިންމު އެއްކަމަކީ މުޅިން އަލަށް ބީޗް ޗެސް ތައާރަފްކުރުން ކަމަށެވެ. އަދި މިއީ ރާއްޖެ އިޝްތިހާރު ކުރުމަށް އެޅޭ ވަރަށް ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ ހުރިހާ ކުޅިވަރަކަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން މި މުބާރާތަށްވެސް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން ލިބޭނެކަން ފާހަގަކުރެއްވިއެވެ.

ކުޑަ ކުޅިވަރެއް ބޮޑު ކުޅިވަރެއް ނުބަލާ ހުރިހާ ކުޅިވަރުތަކަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ
ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް

ޒަމާނުއްސުރެ ބޮޑެތި ހުރިހާ މުބާރާތެއް މިހާތަނަށް ބާއްވަމުން އައީ މާލޭގައިކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މި މުބާރާތާއެކި އެކަން ބަދަލުވެގެންދާނެ ކަމަށެވެ. ވެސްޓާން އޭޝިއަން ޖޫނިއަރ ޗެސް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އއ. އުކުޅަހުގައެވެ.

ޖުމްލަ ނުވަ ގައުމަކުން 180 ކުޅުންތެރިންނާއެކު ބާއްވާ މި މުބާރާތުގައި ރާއްޖޭގެ 35 ކުޅުންތެރިން ބައިވެރިވާނެއެވެ. މި މުބާރާތުގެ ސަބަބުން ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާއެއް ލިބޭނެކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކުޅުންތެރިން މި ޗެމްޕިއަންޝިޕްގައި ރަނގަޅު ނަތީޖާތަކެއް ހޯދާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މިއަހަރަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ފާހަގަކޮށްލެވޭނެ އަހަރެކެވެ. މޯލްޑިވްސް ސްޕޯޓްސް އެވޯޑުން ފަށައިގެން، ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް މުބާރާތް މިހާރު ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މިހާރު ބޯމަތިވެފައި މިވަނީ ރާއްޖޭގައި މުޅިން އަލަށް ބާއްވާ ބައިނަލްއަގްވާމީ ޗެސް މުބާރާތެވެ.

މީގެ އިތުރުންވެސް މި އަހަރުގެ ތެރޭގައި ގިނަ މުބާރާތްތަކެއް ކުރިއަށް ރޭވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕް އަދި އެމުބާރާތް ނިމޭގޮތަށް އޮންނަ ބޮޑީ ބޯޑިންގެ އިންޓަރނޭޝަނަލް މުބާރާތް ފާހަގަކުރެއްވިއެވެ.

- ކޮމެންޓް