ގަތަރާ ދާދިފަހުން ޑިޕްލޮމެޓިކް ގުޅުން ކަނޑާލި ގައުމުގެ ރައްޔިތުންނަށް ގަތަރުގައި ގަވާއިދާއި އުސޫލުތަކުގެ ތެރެއިން ތިބުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ގަަަތަރުން ބުނެފިއެވެ.
ގަތަރުގެ އިންޓީރިއާ މިނިސްޓްރީން ބުނީ ގަތަރާއި "ރަހްމަތްތެރި އަދި އަވަށްޓެރި" ގައުމުތަކުގެ ރައްޔިތުންނާ ދޭތެރޭ ގެންގުޅޭ އުސޫލަށް ބަދަލެއް ނާންނަ ކަމަށެވެ.
ގަަތަރުގެ އިންޓީރިއާ މިނިސްޓްރީ އިން ނެރުނު ބަޔާނުގައި، ގަތަރުގައި ތިބި ގަތަރާ ގުޅުން ކަނޑާލި ގައުމުގެތަކުގެ ރައްޔިތުން އެގައުމުގައި މިނިވަން ކަމާއެކު ތިބެވޭނެ ކަމަށް ބުނަމުން، ގަތަރުން ވަނީ އެގައުމާ މެދު ކުރެވޭ ތުހުމަތުތައް އަނެއްކާ ވެސް ދޮގުކޮށްފައެވެ. ބަޔާނުގައި ބުނީ ގަަަތަރު ވެފައި ވަނީ "ނުރައްކާތެރި އަދި ރުޅިވެރި ކެމްޕެއިން" އެއްގެ ޝިކާރައަކަށް ކަމަށެވެ. ގަތަރާ ގުުޅުން ކަނޑާލި އަވަށްޓެރި އަރަބި ގައުމުތަކަކީ ސައުދީ އަރަބިއްޔާ، ޔޫއޭއީ، މިސްރު، ބަހްރައިން, ޔަމަން އަދި ލީބިޔާ އެވެ. ގަތަރާ ގުޅުން ކަނޑާލި ގައުމުތަކުން އެކަން ކުރީ ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެއެވެ.
ގަލްފަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް އަދިވެސް ނުލިބޭ އިރު، ގަތަރުން ވަނީ މައްސަލަ ހައްލު ކުރުމަށްޓަަކައި މަޝްވަރާ އަށް މަރުހަބާ ކިޔާނެ ކަމަށް ބުނެފައެވެ. މައްސަލައަށް ހައްލެއް ގެނައުމަށް ބައެއް ގައުމުތަކުން މަސައްކަތް ކުރަމުންދާއިރު، ކުވައިތުގެ ފޮރިން މިނިސްޓަރު އާދީއްތަ ދުވަހު ވިދާޅުވީ، ކުވައިތުން މެދުވެރިއެއްގެ ރޯލް އަދާކޮށް މައްސަލަ ހައްލު ކުރުމުގައި ދެމިތިބޭނެ ކަމަށެވެ.
ގަތަރުގެ މައްސަލާގައި މެދުވެރިއެއްގެ ރޯލު ކުޅެދިނުމަށް މޮރޮކޯއިން ވެސް ވަނީ ހުށަހަޅައިފައެވެ.
ގަތަރުގައި ސައުދީ، ޔޫއޭއީ އަދި ބަހްރައިން އަށް ނިސްބަތްވާ 11،000 އަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ.