ކ. މާލެ
|
13 ޖޫން 2022 | ހޯމަ 16:24
އިސްލާމިކް މިނިސްޓްރީން ވުޒާރާތަކާ ބައްދަލު ކުރައްވަނީ
އިސްލާމިކް މިނިސްޓްރީން ވުޒާރާތަކާ ބައްދަލު ކުރައްވަނީ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
ހައްޖައް ދިއުމުގެ އިންތިޒާމްތައް
ހައްޖުވެރިންނަށް ފަސޭހަކަމާއެކު އެއާޕޯޓް އަށް ދެވޭނެގޮތް ހަދަން މަޝްވަރާކޮށްފި
މި ބައްދަލުވުމުގައި ކަމާ ގުޅޭ ހުރިހާ މުއައްސަސާއަކުން ބައިވެރިވި

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރަން ރާއްޖޭން ފުރާ މީހުންނަށް ފަސޭހަ ކަމާއެކު އެއާޕޯޓްއަށް ދޭވޭގޮތް ހެދުމަށް އިސްލާމިކް މިނިސްޓްރީއިން ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާ ކޮށްފިއެވެ.

މި މަޝްވަރާތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޙައްޖު ކޯޕަރޭޝަންއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބޭފުޅުން ބައިވެރިވެޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި ޙައްޖުވެރިންނަށް ފްލައިޓްތައް އޮންނަ ގަޑިތަކަށް ފަސޭހައިން އެއާޕޯޓްއަ ށް ދިއުމުގައި އަމަލުކުރާނެ ގޮތްތަކާއިމެދު ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން ޙައްޖުވެރިންނަށް މާލެތެރެއިން ދަތުރުކުރުމުގައި ފަސޭހަކޮށްދިނުމާއި، ޓްރާންސްޕޯޓް ހަމަޖެއްސުމާއި، އެއާޕޯޓުގެ ތެރޭގައި ތިބޭ ވަގުތު އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މި ދަތުރުތަކުގައި ޙައްޖުވެރިންގެ އެހީތެރިން ބައިވެރިކުރާނެ ގޮތްތަކާމެދުވެސް އިސްލާމިކް މިނިސްޓްރީން ވަނީ މަޝްވަރާ ކޮށްފައެވެ.

މީގެ އިތުރުން މިދުވަސްވަރު މޫސުމަށް އަތުވެދާނެ ބަދަލަކަށްޓަކައި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރިއެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މިއަހަރު ޙައްޖުގެ އަޅުކަން އަދާ ކުރަން 3 ފްލައިޓެއްގައި މީހުން ދަތުރު ކުރާނެއެވެ. ފުރަތަމަ ފްލައިޓް މި މަހުގެ 26ވަނަ ދުވަހު އޮންނައިރު މި މަހުގެ 29 ވަނަ ދުވަހާއި ޖުލައި މަހުގެ 2 ވަނަ ދުވަހު ވެސް ފްލައިޓް އޮންނާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

ޙައްޖުވެރިން ދަތުރުކުރާ ފުރަތަމަ ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ 26 ވަނަ ދުވަހުގެ ރޭގަނޑުއެވެ. އެ ދަތުރުގައި 175 މީހުން ބައިވެރިވާނެ ކަމަށް މީގެ ކުރިން މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.

ސައުދީން މިއަހަރު ރާއްޖެއަށް ދީފައިވަނީ 453 ޙައްޖު ކޮޓާއެވެ. މި ކޯޓާތައް ޙައްޖު ކޯޕަރޭޝަނަށް ދީފައިވާއިރު މީގެ ތެރެއިން 353 ކޯޓާ ހާއްސަ ކުރީ ޙައްޖު ކޯޕަރޭޝަނުގެ ކިޔޫގައި ތިބި ފަރާތްތަކަށެވެ. ބާކީ 100 ކޯޓާ ދޫކޮށްފައިވަނީ އާއްމުންގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތްތަކަށެވެ.

މިއަހަރު ޙައްޖު ކޯޓާތައް ހުރިހާ ޤައުމަކަށް ވެސް ސައުދީ އިން ވަނީ މަދުކޮށްފައެވެ. މިއީ ކޮވިޑް-19ގެ ސަބަބުން އެ ޤައުމުން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ގެނައި ބަދަލެކެވެ.

މިއަހަރު ރާއްޖޭން ޙައްޖަށް ދާ މީހުންގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވަނީ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރުއެވެ.

ސައުދީ އިން ބުނެފައިވާ ގޮތުގައި މިއަހަރުގެ ޙައްޖުގައި ބައިވެރިވެވޭނީ ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ އުމުރުން 65 އަހަރުން ދަށުގެ މީހުންނަށެވެ. އަދި އެ ޤައުމަށް ދަތުރު ކުރާއިރު ނެގެޓިވް ޕީސީއާރު ޓެސްޓެއް ވެސް ބޭނުންވާނެ ކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ.

މިއަހަރުގެ ޙައްޖު ދުވަހަކީ އަންނަ ޖުލައި މަހުގެ 8ވަނަ ދުވަހެވެ.

- ކޮމެންޓް