ކޮވިޑާއި ގުޅިގެން ނުފެށި ހުރި ރ. އަތޮޅު ތައުލީމީ މަރުކަޒުގެ އިމާރާތުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓަރު މިހެން ވިދާޅުވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ކުރެއްވި ސުވާލުގެ ޖަވާބުގައެވެ. މެންބަރު އާދަމް ޝަރީފް މިނިސްޓަރާއި ކުރެއްވި ސުވާލަކީ ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ގޯތީގެ މެދުގައި މީގެ 39 އަހަރު ކުރިން އިމާރާތްކޮށްފައިވާ އެ ސްކޫލްގެ އިދާރާ އޮފީހުގެ ބަދަލުގައި 2 ބުރި އިމާރާތެއް އަޅާނެކަމަށް ސަރުކާރުން ބުނެފައިވާ ކަމަށާއި، ނަމަވެސް ވޭތުވެދިޔަ 3 އަހަރު އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ރ. އަތޮޅު ތައުލީމީ މަރުކަޒުގެ އިދާރީ އިމާރާތުގެ 2 ބުރި އިމާރާތް ނުކުރެވެނީ ކީއްވެގެންތޯ އާއި، އިމާރާތް އެޅުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތަކީ ކޮބައިތޯ އަދި މި އިމާރާތުގެ އަމަލީ މަސައްކަތް ފެށޭނީ ކޮން ތާރީހެއްގައިތޯއެވެ.
މި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ރ. އަތޮޅު ތައުލީމީ މަރުކަޒުގެ އިދާރާ އިމާރާތުގެ 2 ބުރީގެ އިމާރާތުގެ މަސައްކަތަކީ 2020 ވަނަ އަހަރު ޕީއެސްއައިޕީ ބަޖެޓުގައި ހިމަނާފައިވާ ޕްރޮޖެކްޓެއް ކަމަށެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން 2020 ގެ ހުރިހާ ޕްރޮޖެކްޓެއް 2021ށް ފަސްކުރި ކަމަށާއި، އެ އަހަރުގައި ޕީއެސްއައިޕީގެ އެއްވެސް ޕްރޮޖެކްޓެއް އަލަށް ފެށޭގޮތެއް ނުވި ކަމަށެވެ.
އަދި 2021 ވަނަ އަހަރު ބަޖެޓް ހަމަޖެހިފައިވާ ގޮތުން އަހަރުގެ ފަހު ކުއާޓާގައި މި ޕްރޮޖެކްޓް ފެށުމަށް ހަމަޖެހިފައިވީ ނަމަވެސް، ޓެންޑަރ ބޯޑަށް ޑިސެމްބަރު 2021 ގައި މި ޕްރޮޖެކްޓް ފޮނުވި އިރު ބީއޯކިއުގައި މައްސަލައެއް އޮވެގެން އަލުން ޖެނުއަރީ 25 ގައި ޓެންޑަރ ބޯޑަށް އެ މަސައްކަތް ފޮނުވުނު ކަމަށެވެ.
އަދި ފުރަތަމަ ފަހަރަށް މި މަޝްރޫއު 27 ޖެނުއަރީ ގައި އިއުލާންކުރެވި އަދި ބީލަން ހުށަހެޅުމުގެ މުއްދަތު 27 ފެބްރުއަރީ ގައި ހަމަވި އިރު އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ ދެވަނަ ފަހަރަށް 31 މާޗް ގައި އިއުލާން ކުރެވި 19 އެޕްރީލްގައި ބިޑް ނަގާ އިވެލުއޭޝަން މަރުހަލާ ނިމި 2 ޖޫންގައި ޓެންޑަރ ބޯޑުން އެވޯޑް ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ 9 ޖޫން ގައި ބަދަހި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް 8.3 މިލިއަނަށް 365 ދުވަހުގެ ތެރޭގައި ނިންމުމަށްޓަކައި އެ މަސައްކަތް ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި މި އިމާރާތުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން މިހާރު ސްކޫލުން ބޭނުންކުރާ ބާ އިމާރާތް ތަޅާލުމަށްޓަކައި ސްކޫލުގެ އޮފީސް ސެޓަޕް އެހެން ސަރަހައްދަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އަދި 18 ޖޫންގެ ނިޔަލަށް އޮފީސް ސެޓަޕް ބަދަލު ކުރުމުގެ މަސައްކަތް ނިމި ބައު އޮފީސް އިމާރާތް ތަޅާލާ އައު އިމާރާތް އެޅުމަށް ބިން ހަވާލުކުރެވި އައު އިމާރާތް އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.