ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3000 މެމްބަރުން ހަމަނުވެގެން އުވާލަން ނޯޓިސް ދީފައިވާ ޕާޓީތަކުގެ ތެރެއިން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އުފައްދަވާފައިވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ން 3000 މެމްބަރުން ހަމަކުރުމުން އެލިސްޓުން އުނިކޮށްފިއެވެ.
އެކަމާއި ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ އެމްއާރުއެމް އިން 3000 މެމްބަރުން ހަމަކޮށްފައިވަނީ ޖޫން މަހުގެ 9 ވަނަ ދުވަހު ކަމަށެވެ.
އެމްއާރުއެމްގެ އިތުރުން ދެން 3000 މެމްބަރުން ހަމަނުވެގެން ނޯޓިސް ދީފައިވަނީ ޑީއާރުޕީ އާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީ)އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވާ އުފައްދަވާފައިވާ މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ)އަށެވެ. ހަބީބު ވިދާޅުވީ އެތަނުން އެމްޓީޑީން ވަނީ 3000 މެމްބަރުން ހަމަވާވަރަށް ފޯމު ހުށަހަޅާފައިކަމަށެވެ. މިހާރު ކުރަމުންދަނީ އެފޯމުތައް ޞައްހަތޯ ބެލުމުގެ މަސައްކަތްކަމަށް ހަބީބު ވިދާޅުވިއެވެ. މީގެއިތުރުން ދެން ބާކީ އޮތް އަނެއް ދެ ޕާޓީކަމުގައިވާ ޑީއާރުޕީ އާއި އެމްއެލްއެސްޑީންވެސް ފޯމު ހުށަހަޅަމުންދާކަމަށް ހަބީބު ވިދާޅުވިއެވެ.
ޕާޓީތަކަށް މެމްބަރުން ހަމަކުރަން ނޯޓިސް ފޮނުވީ މާޗު މަހުއެވެ. އަދި ތިން މަސް ދުވަހުގެ މުއްދަތެއް އެ ޕާޓީތަކަށް ދީފައިވާއިރު މުއްދަތު ހަމަވާނީ ޖޫން 14އަށެވެ.
ރާއްޖޭގައި ސިޔާސީ ޕާޓީތައް ގިނަނަމަވެސް، ގިނަ ޕާޓީތަކުގައި 10،000 މެމްބަރުންވެސް ހަމައެއް ނުވެއެވެ. ގާނޫނުގައި ބުނާގޮތުން ދައުލަތުން ބަޖެޓް ދޭނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ. މި އަދަދު ހަމަވާ ޕާޓީތަކުގެ ތެރޭގައި ހިމެނެނީ 4 ޕާޓީއެވެ. އެއީ އެމްޑީޕީއާއި ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއެވެ.
މެމްބަރުން ހަމަކުރަން ބައެއް ޕާޓީތަކުން ސައްހަނޫން ފޯމުތައް ހުށަހަޅާ މައްސަލަވެސް ވަނީ ބޮޑުވެފައެވެ. މިކަމާއި ގުޅިގެން އީސީން ވަނީ، ސައްހަނޫން ކޮންމެ ފޯމަކަށް، އެ ޕާޓީއެއް 10،000 ރުފިޔާއިން ޖޫރިމަނާކުރަން ނިންމާފައެވެ. އަދި ރަޖިސްޓްރާ ވެސް ފުރަތަމަ ފަހަރަށް 5،000 ރުފިޔާއިން، އަދި އެކަން ތަކުރާރުވެއްޖެނަމަ 10،000 ރުފިޔާއިން ޖޫރިމަނާކުރަން ވަނީ ނިންމާފައެވެ.
މީގެ އިތުރުން އޮކްޓޯބަރު މަހާ ހަމައަށް އެކަންކަން އިސްލާހުނުވެއްޖަނަމަ، ފޯމުގައި ސޮއިކުރާ ހެކިވެރިންވެސް ޖޫރިމަނާކުރަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.