ކ. މާލެ
|
12 ޖޫން 2022 | އާދީއްތަ 12:47
ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ޑިފެންސް މިނިސްޓަރު، ޖެނެރަލް ވެއި ފެންގްހެއި
ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ޑިފެންސް މިނިސްޓަރު، ޖެނެރަލް ވެއި ފެންގްހެއި
ރޮއިޓާސް
ޗައިނާއިން ނިއުކްލިއަރ ހަތިޔަރު އުފެއްދުން
އިސްނަގައި ނިއުކްލިއަރ ހަތިޔާރު ބޭނުންކުރާ ގައުމަކަށް ޗައިނާ ނުވާނެ - ޑިފެންސް މިނިސްޓަރު
ޗައިނާއިން ނިއުކްލިއަރ ހަތިޔާރު އުފައްދާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ނިއުކްލިއަރ ހަނގުރާމައެއް ހިނގުން ހުއްޓުވުން ހިމެނޭ
ޗައިނާއިން ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ މަސައްކަތްކުރާތާ 50 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައި
ޗައިނާއިން ނިއުކްލިއަރ ހަތިޔާރު އުފައްދަމުން ދަނީ އެގައުމުގެ ދިފާއު ވަރުގަދަކުރަން ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވި

ޗައިނާއިން ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށާއި، އެހެން ނަމަވެސް އިސްވެ އެހެން ގައުމަކަށް ނުވަތަ، ބަޔަކަށް އަމާޒުކޮށް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރާ ގައުމަކަށް ޗައިނާ ނުވާނެ ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓަރު ވެއި ފެންގެހެއި ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ވެއި ވަނީ ޗައިނާއިން ނިއުކްލިއަރ ހަތިޔާރު އުފައްދަމުން ދަނީ އެގައުމުގެ ދިފާއު ވަރުގަދަކުރަން ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޗައިނާއިން އެގައުމުގެ އިރުމަތީ ސަރަހައްދެއްގައި 100ށް ވުރެ ގިނަ ނިއުކްލިއަރ މިސައިލް އުފައްދަމުންދާކަމަށް ރިޕޯޓުކުރެވިފައިވާތީ އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ވެއި ވަނީ ގައުމު ދިފާއު ކުރުމަށް އެންމެ އެކަށޭނެ ގޮތުގައި ޗައިނާގެ ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ގާބިލުކަން ކުރިއެރުވުމުގެ މަސައްކަތް އަބަދުވެސް ކުރާ ކަމަށް ވިދާޅުވެފައެވެ.

ވެއި ވަނީ 2019 ވަނަ އަހަރު ބެއިޖިންގ ގައި ކުރިއަށްދިޔަ ޕެރޭޑްގައި ދައްކާލި ނިއުކްލިއަރ ހަތިޔާރުތަކަަކީ ބޭނުންކުރަން ތައްޔާރަށް ހުރި ހަތިޔާރުކަމަށް ވިދާޅުވެފައެވެ. އެހަތިޔާރުތައް މިހާރު އެކި އެކަމަށް ހާއްސަ ސަރަހައްދުތަކަށް ގެންދެވިފައިވާކަން ވެއި ފާހަގަކުރެއްވި އިރު، ޕެރޭޑްގައި ދައްކާލި ހަތިޔާރުގެ ތެރޭގައި އަޕްގްރޭޑް ކުރެވިފައިވާ ޗައިނާގެ ޑީއެފް-41 އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ހިމެނެއެވެ.

ޗައިނާއިން ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ މަސައްކަތްކުރާތާ 50 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަން ފާހަގަކުރައްވާ ވެއި ވަނީ މިކަމުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދިފައިވުން އެއީ ބަލައިގަނެވޭނެ ކަމެއްކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ ޗައިނާއިން ނިއުކްލިއަރ ހަތިޔާރު އުފައްދާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ނިއުކްލިއަރ ހަނގުރާމައެއް ހިނގުން ހުއްޓުވުން ހިމެނޭކަމަށްވެސް ވިދާޅުވެފައެވެ.

- ކޮމެންޓް