ކ. މާލެ
|
12 ޖޫން 2022 | އާދީއްތަ 08:23
އެމެރިކާގެ ރައީސް ޖޯ ބައިޑެން
އެމެރިކާގެ ރައީސް ޖޯ ބައިޑެން
ރޮއިޓާރސް
އެމެރިކާ ސައުދީ ގުޅުން
ސައުދީއަށް ވަޑައިގެންނެވުމާމެދު ވަކި ގޮތެއް އަދި ނުނިންމަވާކަމަށް ބައިޑެން ވިދާޅުވެއްޖެ
ރިޕޯޓްތައް ބުނާގޮތުގައި ޖޫން މަހުގެ ފަހުކޮޅު ބައިޑަން ޔޫރަޕްގެ ގައުމުތަކަށާއި އިސްރާއީލަށް ދަތުރުފުޅެއްކުރެއްވުމަށް ހަމަޖެހިފައިވާއިރު މިދަތުރުފުޅުގައި ސައުދީ އަރަބިއްޔާއަށްވެސް ވަޑައިގެންނަވާނެ

ސައުދީ އަރަބިއްޔާއަށް ދަތުރުކުރެއްވުމާއި ގުޅޭގޮތުން އަދި ވަކިގޮތެއް ނުނިންމަވާކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޖޫން މަހުގެ ފަހުކޮޅު ބައިޑެން ޔޫރަޕްގެ ގައުމުތަކަށާއި އިސްރާއީލަށް ދަތުރުފުޅެއްކުރެއްވުމަށް ހަމަޖެހިފައިވާއިރު މިދަތުރުފުޅުގައި ސައުދީ އަރަބިއްޔާއަށްވެސް ވަޑައިގެންނަވާނެއެވެ.

2018 ވަނަ އަހަރު ސައޫދީގެ ނޫސްވެރިޔާ ޖަމާލް ޚާޝޮގްޖީ މަރާލީ ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އޯޑަރަށްކަމަށް އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓެއްގައި ވަނީ ބުނެފައެވެ. އެއާއެކު އެމެރިކާއިން ބުނެފައިވަނީ ބައިޑެން މުހައްމަދު ބިން ސަލްމާނާ ސީދާގޮތުން އެއްވެސް ވާހަކަފުޅެއް ނުދައްކަވާނެކަމަށެވެ. އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ޓްރަމްޕް ވަނީ މުހައްމަދު ބިން ސަލްމާނާ ގާތްގުޅުމެއް ބާއްވަވާފައެވެ.

އެމެރިކާގެ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން އިންތިޚާބުގެ ތެރޭގައި 2019 ވަނަ އަހަރު ކުރިޔަށްދިޔަ ބަހުސްގައި ވާހަކަދައްކަވަމުން ބައިޑެން ވަނީ، ޚާޝޮގްޖީގެ މަރުގެ ޒިންމާ ސައޫދީން ނަގަންޖެހޭނެކަމަށާއި އެކަމުގެ އަގު އަދާކުރަންޖެހޭނެކަމަށް ވިދާޅުވެފައެވެ.

ސައުދީ އާއި އިސްރާއީލުގެ ގުޅުން ރަނގަޅުކުރުމަށް މެދުއިރުމައްޗަށް ދަތުރުފުޅެއް ކުރައްވަފާނެތޯ ނޫސްވެރިއަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ބައިޑެން ވިދާޅުވީ އެކަން ކުރިޔަށް އޮތްތަނުގައި ބަލާނެކަމަށެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދޭން ފެށުމާއެކު ދުނިޔޭގެ ބާޒާރުގައި، ސައޫދީއާއި ދެންވެސް ތެޔޮ އުފައްދާ މައި ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް އެމެރިކާއިން އަންނަނީ ބާރުއަޅަމުންނެވެ.

އެމެރިކާގައި ކުރިޔަށްއޮތީ މިޑް ޓާރމް އިންތިޚާބުކަމަށްވުމާއެކު ބައިޑެންގެ ޑިމޮކްރަޓިކް ޕާޓީއަށް އެ އިންތިޚާބު ކާމިޔާބުކުރުމަށް، ތެލާއި ގޭހުގެ އަގު މަތިވާނަމަ އުނދަގޫތަކާ ކުރިމަތިވާނެއެވެ. އެހެންކަމުން ހައުސްއާއި ސެނެޓުގައި މެޖޯރިޓީ ހޯދުމަށްޓަކައި ގޭހުގެ އަގު މަތިވިޔަނުދީ ހިފެހެއްޓުމަކީ ކޮންމެހެން ބޭނުންކަމަކަށްވާއިރު ކުރިޔަށް އޮތްތަނުގައި ބައިޑެން ސައުދީއަށް ވަޑައިގަންނަވާނެކަމަށް ވަނީ ބެލެވިފައެވެ.

- ކޮމެންޓް