ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތާ ހަވާލުވެ ހުންނެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލްއާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ބައްދަލުކުރެއްވި ކަމަށް ބުނާ ވާހަކަތައް ޖޭއެސްސީން ދޮގުކޮށްފިއެވެ.
ދަންވަރު ވަގުތެއްގައި ގާޒީ ޝަކީލް ޖޭއެސްސީއަށް ގެންދަވާ، ޖޭއެސްސީގެ ރައީސް ކަމުގައި ހުންނެވި މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާންގެ އިތުރުން ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތާއި ވެސް ބައްދަލުކުރައްވާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
ޖޭއެސްސީން ކުރި ޓްވީޓެއްގައި ބުނީ ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ކުރީގެ ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ގާޒީ އާއި ހިސާން އާއި ރިފްއަތު ބައްދަލުކުރެއްވި ކަމަށް ބުނެ ޓްވީޓް ކުރި މީޑިއާގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށެވެ. އަދި އެ ކޮމިޝަނުގެ އަގު ވައްޓާލުމަށް އިތުބާރު ނުހިފޭ ދޮގު ފަތުރާކަމަށާއި އެކަން ކުށްވެރިކުރާ ކަމަށްވެސް ޖޭއެސްސީގެ މިޓްވީޓުގައި ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓުގައި ދެ މައްސަލައެއްގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ހަތަރު ދައުވާއެއްގެ ޝަރީއަތް ކުރިއަށް އެބަދެ އެވެ. އެއީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލާގައި ހިމެނޭ ދެ ރަށެއްގެ މުއާމަލާތަކާ ގުޅިގެން އުފުލާފައިވާ ރިޝްވަތުގެ ދައުވާތަކަކާއި މަނީ ލޯންޑަރިންގެ ދައުވާތަކެކެވެ.