ކ. މާލެ
|
11 ޖޫން 2022 | ހޮނިހިރު 16:45
ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
ރާއްޖެއެމްވީ
ހޯރަފުށީ މެމްބަރު ސަލީމް
ހޯރަފުށީ ރައްޔިތުންނަކީ ކުރިއެރުމާއި ތަރައްގީއާއި ރީތި ނަން ހޯދުމަށް ހިތްވަރާއެކު މަސައްކަތްކުރާ ބައެއް: ސަލީމް
ހޯރަފުށީ ރައްޔިތުން މިހާރު ބޭނުންވަނީ އެރަށުން އެހެން ރަށްރަށަށް މުދާ ގެންދިއުމަށްކަމަށް ވިދާޅުވި
ހޯރަފުށީ ރައްޔިތުންގެ ހިތްވަރާއެކު ރަށަށް ގިނަގުނަ ތަރައްގީ ލިބުނުކަން ސަލީމް ފާހަގަކުރެއްވި

ރާއްޖޭގެ ރަށްތައް ތަފާތުވަނީ އެ ރަށްރަށުގެ ރައްޔިތުންގެ ސަބަބުން ކަމަށާއި، ހއ. ހޯރަފުށީ ރައްޔިތުންނަކީ އަބަދުވެސް ކުރިއެރުމާއި ތަރައްގީއާއި ރަށަށް ރީތި ނަން ހޯދުމަށް ހިތްވަރާއެކު މަސައްކަތް ކުރަމުން އަންނަ ބައެއްކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ ހޯރަފުއްޓަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ އަގުވަޒަންކުރުމަށް ހުކުރު ދުވަހުގެ ރޭ "ހޯރަފުށި ދުވަސް" ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ސަލީމް ވަނީ ހޯރަފުއްޓަކީ އަބަދުވެސް ހިތްވަރުގަދަ ބައެއް ދިރިއުޅެމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި ތަރައްގީ ހޯދުމުގައި ރަށުގެ ރައްޔިތުން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ރަށްތަކަކީ ބަލާބެލުމަށް ތަފާތުކަމެއް ނެތް ރަށްތަކެއް ލކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ، ރަށްތައް ތަފާތުވަނީ އެ ރަށެއްގައި ދިރިއުޅޭ މީހުންގެ ސަބަބުން ކަމަށެވެ. އެގޮތުން ހޯރަފުއްޓަކީ އަބަދުވެސް ތަރައްގީއަށް މަސައްކަތް ކުރަމުން އަންނަ ރައްޔިތުން ދިރިއުޅޭ ރަށެއްކަމަށާއި، އޭގެ ނަތީޖާ މިހާރުވެސް ރަށުން ފެންނަން އެބަހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

ސަލީމް ވިދާޅުވި ގޮތުގައި ރަށުގެ ރައްޔިތުންގެ ހިތްވަރާއެކު އިސްނަގައިގެން ކުރި މަސައްކަތުގެ ސަބަބުން މިއަދު އެ ރަށަކީ ހަކަތައިގެ މިނިވަންކަމާއި ފެނުގެ މިނިވަންކަން ހޯދޭނެވަރުގެ ރަށެކެވެ. އަދި މިހާރުގެ އަމާޒަކީ ކުރިން އެކި ބޭނުންތަކުގައި ދަތުރުކުރި ރަށްތަކަށް، ހޯރަފުށިން މުދާ ގެންދިއުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުރިން އުދުހުމަށް ކަނޑުދަތުރުކޮށް އެހެން ރަށަކަށް ގޮސް އަޅުގަނޑުމެން ދަތުރުކުރީ. ރައްޔިތުންގެ ހިތްވަރާ ސަރުކާރުގެ އެހީއާއެކު އަޅުގަނޑުމެން އެ މަންޒަރު ބަދަލުކޮށްފިން. މިއަދު އަޅުގަނޑުމެންނަކީ ރަށުގަ ތިބެފަ، ފަސްގަނޑުގަ ތިބެފަ ފުރައިގެންދާ ބައެއް. އަޅުގަނޑުމެންނަކީ އަލިކަން ހޯދަން ފުޅިބައްތި ދިއްލައިގެން ސާފުތެލުން ހަކަތަ ހޯދައިގެން، ފަހުން އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތުން ރަށަށް ޖަނަރޭޓަރު ގެނެސްގެން އެ ޖަނަރޭޓަރު ހިންގައިގެން މާކުރިން ރަށަށް ކަރަންޓް ދިނުމަށްފަހު، އެ ޚިދުމަތް ގާއިމްކޮށް، މިއަދު އަޅުގަނޑުމެން މިއުޅެނީ އަޅުގަނޑުމެންނަށް ހަކަތަ ދިން ކުންފުންޏަށް ހަކަތަ ވިއްކަން. ބިމުން ފެން ނަގައިގެން ވަޅުފެން ބޮއިގެން ހިތްވަރު ކޮށްގެން އައިސް އެންމެފަހުން ހޮޅި ގުޅައިގެން ފެނުގެ ހިދުމަތް ދިނުމުގެ ހިތްހަމަޖެހުން ލިބުނު. އަޅުގަނޑުމެން މިހާރު ބޭނުންވަނީ އެ ފެން، ފުޅީގައި ބަންދުކޮށް އެ ފެން އެހެން ތަންތަނަށް ފޯރުކޮށްދޭން.
ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

ސަލީމް އިތުރަށް ވިދާޅުވީ، އެ ރަށަށް ޚިދުމަތް ކުރެއްވުމުގައި ދެމިތިބި ބޭފުޅުންގެ ޚިދުމަތްތައް ފެނި، އަދި ރަށަށް ކަމެއް ކޮށްދެވުނުކަމުގެ އިހުސާސް އަމިއްލަ ނަފްސަށް ނުކުރެއްވޭކަމަށެވެ. ނަމަވެސް ރައްޔިތުން ދިން ފުރުސަތުގައި އެ ރަށުގެ ރައްޔިތުންނާއި ކައުންސިލާ ގުޅިގެން ރަށަށް ކުރިއެރުމާއި ފާގަތިކަން ހޯދައިދިނުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ރަށަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ އަގުވަޒަން ކުރުމަށް ހޯރަފުށީ ކައުންސިލުން ދެއްކެވި ނަމޫނާ ފާހަގަ ކުރައްވައި ސަލީމް ވިދާޅުވީ، ޝުކުރުވެރިވާ ބަޔަކަށް އެންމެންވެސް ވާންޖެހޭކަމަށެވެ. އަދި ޚިދުމަތުގެ އަގުވަޒަންކުރާ ބަޔަކަށް ވާން ޖެހޭނެ ކަމަށާއި، ކުރިއަށް ހުރި ހަރުފަތްތައް ގިރާކުރެވޭނީ އަމަލުތައް އެގޮތަށް ބަހައްޓައިގެން ކަމަށެވެ.

ހޯރަފުށި ދުވަސް ފާހަގަ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ރަށަށް އެކި ދާއިރާތަކުން ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވި 92 ބޭފުޅެއްގެ އަގުވަޒަންކުރުމުގެ ގޮތުން ވަނީ އެވޯޑުދީފައެވެ.

- ކޮމެންޓް