ނަފްސާނީ ބަލި ތަހައްމަލުކުރަމުންދާ މީހަކަށް ދިމާވިކަމެކެވެ. ނަފްސާނީގޮތުން މީހާ ބަލިކަށިވެ، ފަރުވާއަށް ބޭނުންވުމުން، އެކަމަށް ޚާއްސަ ޑޮކްޓަރަކަށް ވެއިޓްލިސްޓް ކުރިއެވެ. އެއީ 2020 ވަނަ އަހަރެވެ.
އެހެންނަމަވެސް، އޭނާގެ އެޕޮއިންޓްމަންޓް ހަމަޖެހިގެން ހޮސްޕިޓަލުން އޭނާއަށް ގުޅީ އޭގެ 2 އަހަރު ފަހުން 2022ގެ ޖޫން މަހުގެ ތެރޭގައެވެ. އެކަން އެހެން ފަރާތްތަކާ ހިއްސާކުރުމުން އެނގުނު ކަމަކީ، މިއީ އަދިވެސް ނަފްސާނީ ބަލީގެ ފަރުވާގެ ހާލަތުކަމެވެ. ސިއްހީގޮތުން އެކި ދާއިރާތަކުން ކުރިއެރުންތައް ހޯދައި، މެންޓަލް ހެލްތު ސެންޓަރެއް ހުޅުވައި، ނަފްސާނީ ފަރުވާ ފުޅާކޮށްފައިވާއިރު، ނަފްސާނީ ފަރުވާ އަދިވެސް އޮތީ ހަމަ އެތައް އަހަރެއް ފަހަތުގައެވެ.
ނަފްސާނީ ބަލިމަޑުކަން ތަހައްމަލުކުރަމުންދާ ވަރަށް ގިނަ ބަޔަކު މިވަގުތުވެސް ރާއްޖޭގައި އެބަތިއްބެވެ. އެހެންނަމަވެސް މި މީހުންނަށް ބޭނުންވާ ފަރުވާ އެންމެ ފުރިހަމައަށް ދެވޭނެ ވަރަށް ކެޕޭސިޓީ ރާއްޖޭގައި ނެތްކަން ދަނީ ފެންނަމުންނެވެ.
މީގެ އިތުރުން ރާއްޖޭގައި މިވަގުތު ތިބި ނަފްސާނީ ބަލިމަޑުކަން ތަހައްމަލުކުރަމުންދާ މީހުން ދެނެގަތުމަށް އެންމެ ފަހުން ސަރވޭއެއް ހަދާފައިވަނީ 2003ގަ އެވެ. މާނައަކީ ރާއްޖޭގައި ނަފްސާނީ ބަލިމަޑުކަމުގެ މައްސަލަ އަސްލު އޮތް ހިސާބުވެސް ވަޒަންކޮށްލެވިފައެއްނެތެވެ.
މުޅި ދުނިޔޭގައި ނަފްސާނީ ބަލީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 10 އަހަރާއި 19 އަހަރާ ދެމެދުގެ ކުދިންނަށް ވަނީ ނަފްސާނީ ބަލީގެ ކޮންމެވެސް އެއް ކަމެއް ތަހައްމަލު ކުރަންޖެހިފައެވެ. އަދި ދުނިޔޭގައި ރިކޯޑުކުރެވޭ ކޮންމެ 100ން 1 މަރަކީ އަމިއްލައަށް މަރުވާ މަރުވުމެކެވެ. ހަގީގަތަކީ ނަފްސާނީ މައްސަލަތަކަކީ ވީހާވެސް އަވަހަށް އެކަމުގެ ފަރުވާ ފޯރުކޮށްދެވެންޖެހޭ ބާވަތުގެ މައްސަލަތަކެއް ކަމެވެ. އެހެންނަމަވެސް، ރާއްޖޭގައި ހޯދުން އެންމެ ދަތި އެއް ބާވަތުގެ ފަރުވާއަކީވެސް ނަފްސާނީ ބަލީގެ ފަރުވާއެވެ.
ވަކިން ޚާއްސަކޮށް ކޮވިޑް-19އާ ގުޅިގެން ނަފްސާނީ މައްސަލަތައް ރާއްޖޭގައި ތިންގުނައަށް އިތުރުވެފައިވާ ކަމަށް، ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއެވެ.
ނެޝަނަލް މެންޓަލް ހެލްތު ސެންޓަރެއް އުފައްދައި، ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ ފުޅާކޮށް، އެފަރުވާ އާސަންދައިގެ ދަށުން ކަވަރުކުރެވޭނެ ގޮތް ހަދާފައިވީނަމަވެސް، އެކަމުގައިވެސް ބޮޑެތި މައްސަލަތަކެއް ހުރިކަން އާންމުން ފާހަގަކުރެއެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑު މައްސަލައަކީ ފަރުވާ ލިބުން ލަސްވުމެވެ. ފަރުވާ ހޯދުމަށް ކުރަންޖެހޭ އިންތިޒާރު ދިގުވުމެވެ.