އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިނގިރޭސިވިލާތަށް ކުރެއްވުމަށް ހަމަޖެހިފައި އޮތް ރަސްމީ ދަތުރުފުޅު ފަސްވެއްޖެ ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް "އެއްވެސް ބަދަލެއް ނާންނަ ކަމަށް ޑައުނިންގް ސްޓްރީޓުން ބުނެފިއެވެ.
މި ވާހަކަ އައިސްފައިވަނީ ރައީސް ޓްރަމްޕް ބޮޑުވަޒީރު ތެރީސާ މޭ އަށް ގުޅުއްވައި އިނގިރޭސި ވިލާތުގެ އާއްމު ރައްޔިތުންގެ ތާއީދު ލިބިވަޑައިނުގަންނަވަނީސް އެގައުމަށް ވަޑައިނުގަންނަވާނެ ކަމަށް ދި ގާޑިއަން އިން ރިޕޯޓް ކުރުމާ ގުޅިގެންނެވެ.
އިނގިރޭސި ރާނީވަނީ ރައީސް ޓްރަމްޕް އެ ގައުމަށް ވަޑައިގަތުމަށް ދައުވަތު ދެއްވާފައެވެ.
ދާދި ފަހުން ލަންޑަަންގައި ދިން ޓެރެރިސްޓް ހަމަލާއަށްފަހު ލަންޑަންގެ މޭޔަރ ސާދިގް ޚާންއަށް ދެއްވި ބަހުގެ ހަމަލާތަކާ ގުޅިގެން ޓްރަމްޕްއަށްވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.
ލަންޑަން ބްރިޖާއި ބަރަރ މާކެޓްގައި ދިން ޓެރެރިސްޓް ހަމަލާއަށްފަހު ޚާން ވިދާޅުވެފައިވަނީ މަގުތަކަށް ފުލުހުން ނެރޭ މިންވަރު އިތުރުވި ނަމަވެސް އާއްމުން ކަންބޮޑުވާންވީ ކަމެއް ނެތް ކަމަށެވެ.
ނަމަވެސް ރައީސް ޓްރަމްޕް ޓްވިޓަރގައި ތުހުމަތު ކުރައްވާފައިވަނީ ޚާން "ބަހަނާ ދައްކަަވަނީ" ކަމަށެވެ.
އިނގިރޭސި ބޮޑުވަޒިރުގެ ގެކޮޅު، ޑައުނިންގ ސްޓްރީޓުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ "ފޯނުން ކޮށްފައި ހުންނަ ޒާތީ މުއާމަލާތްތަކާ ގުޅޭގޮތުން ހުންނަ ތުހުމަތުތަަކަށް ޖަވާބު ދޭން ނޫޅޭ" ކަމަށެވެ.
"ރާނީ ވަނީ ރައީސް ޓްރަމްޕްއަށް ދައުވަތު އަރުވާފަ އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް އެކަމަށް އެެއްވެސް ބަދަލެއް ނާދޭ"
ރައީސް ޓްރަމްޕް ފޯން ކޯލްތައް ކުރެއްވިއިރު ޑައުނިންގް ސްޓްރީޓްގެ ކޮޓަރިކޮޅުގައި ހުންނެވި ޑައުނިންގް ސްޓްރީޓްގެ އެޑްވައިޒަރާ ހަވާލާދީ ދި ގާޑިއަން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓްރަމްޕް ވަނީ ރަސްމީ ދަތުފުޅުގައި އުޒުރުވެރިވެ ވަޑައިގަންނަވާ ބައެއްކަންކަން ވިދާޅުވެފަައެވެ.
ޓްރަމްްޕް ހުންނެވި ގޮތުން ބޮޑުވަޒީރު މޭވެސް ހައިރާންވެ ވަޑައިގެންނެވިކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ވައިޓް ހައުސްގެ އިސް އޮފިޝަލަކާ ހަވާލާދީ ބީބީސީ ބުނެފައިވަނީ ފޯންކޯލްތަކުގައި ދަތުރާ ބެހޭގޮތުން ވާހަކަދެކެވިފައި ނުވާކަމަށެވެ.
ގާޑިއަންގައި ލިޔެފައިވާ އާޓިކަލްއާ ބެހޭގޮތުން އިނިގިރޭސި ލޭބަރ ޕާޓީގެ ލީޑަރ ޖެރެމީ ކޯބީން ޓްރވިޓަރގައ ވިދާޅުވެފައިވަނީ "ދަތުރުފުޅު ކެންސަލްވުމުން މަރުހަބާ" ވިދާލުވާކަމަށެވެ.