"ހޯރަފުށި ދުވަސް" މި ނަމުގައި ޚާއްސަ ދުވަހެއް ފާހަގަކޮށް، ހޯރަފުށީ އުއްތަމަ އަރުތަވެރީންނަށް އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ.
ހުކުރު ދުވަހުގެރޭ ހއ. ހޯރަފުށީގައި ކުރިއަށްދިޔަ މި ޖަލްސާގައި 92 ފަރާތަކަށް އިނާމު ދީފައިވާއިރު، މިފަދަ ދުވަހެއް ފާހަގަކޮށް އުއްތަމަ އަރުތަވެރީންނަށް އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފައިމިވަނީ ތަފާތު ދާއިރާތަކުން ދިގު މުއްދަތަކަށް ޝަރަފުވެރި ޚިދުމަތްތަކެއް ހޯރަފުއްޓަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އެކި ދާއިރާތަކުން އަގުހުރި ޚިދުމަތްތަކެއް އެ ރަށަށް ކޮށްދެއްވާފައިވާ އިއްޒަތްތެރިންގެ އަގު ވަޒަންކުރުމާއި، އެރަށުގެ ކުރިއެރުމާއި، ތަރައްގީއަށް އެންމެ ލާބަހުރި އެހީތެރިކަން ދެއްވި މަދަދުވެރިންނާއި، ޚިދުމަތްތެރިންނާއި، ދަރުމަވެރިންގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.
މި ޖަލްސާގައި އިނާމު ދިން ފަރާތްތަކުގެ ތެރޭގައި, ދުނިޔޭގެ ފެންވަރުގައާއި ގައުމީ ފެންވަރުގައާއި އަތޮޅު ފެންވަރުގައި ރަށަށް ރީތިނަމާއި ޝަރަފު ހޯދައިދީފައިވާ ފަރާތްތަކާއި، މަސްވެރިކަމާއި ދަނޑުވެރިކަމާއި އުފެއްދުންތެރިކަމާއި ފަތުރުވެރިކަމާއި ދިވެހި ބޭސްވެރިކަމުގެ ދާއިރާއިން ޒުވާނުން ބިނާކުރުމަށް ހިތްވަރު ދިނުމާއި ދާއިރާތައް ކުރިއެރުވުމުގައި ޚިދުމަތުގައި ދެމިތިއްބެވި ފަރާތްތައް ހިމެނެއެވެ. އަދި ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާއާއި ތިމާވެށީގެ ދާއިރާއާއި ކުޅިވަރުގެ ދާއިރާގެ އިތުރުން، ވިޔަފާރިއާއި އިގުތިސާދީ ދާއިރާއިން ހުނަވެރި ޖީލެއް ބިނާކުރުމަށް މަސައްކަތްކޮށްދީފައިވާ ފަރާތްތަކާއި، ރަށުގެ މުއައްސަސާތަކާއި ކްލަބް ޖަމްއިއްޔާ ޖަމާއަތްތައްވެސް ހިމެނެއެވެ.
މި ޖަލްސާގައި މައިގަނޑު 5 ދާއިރާއަކުން އިނާމު ދީފައިވެއެވެ. އޭގެ ތެރޭގައި ޝަރަފުވެރިކަމުގެ އިނާމު، މަތީ ދަރަޖައިގެ އިނާމު، ހިތްވަރު ދިނުމުގެ އިނާމު، ޚާއްސަ ޚިދުމަތުގެ އިނާމު އަދި ލައިފް ޓައިމް އެޗީވްމެންޓް އިނާމު ހިމެނެއެވެ.
އެކި ދާއިރާތަކުން ޝަރަފުވެރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ 37 ފަރާތަކަށް ޝަރަފުވެރިކަމުގެ އިނާމު ދީފައިވެއެވެ.
ޝަރަފްވެރިކަމުގެ އިނާމު ލިބުނު ބައެއް ފަރާތްތައް
- ދީނީ އިލްމު އުނގަންނައި ދިނުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ދާއިރާ- އަލްމަރްހޫމް އަބްދުލް ވާހިދު ޔޫސުފް
- ދީނީ އިލްމު އުނގަންނައި ދިނުމާ، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ދާއިރާ- އަލްމަރްހޫމް އަބްދުﷲ ޝަކީބް
- ދިވެހި ބަހާއި އަދަބިއްޔާތު އަދި ތާރީޚާއި ސަގާފަތުގެ ދާއިރާ- އަލްމަރްހޫމް އާދަމް ސަލީމް
- ތައުލީމީ ދާއިރާއިން އަގުހުރި ޚިދުމަތްތަކެއް ދިގުމުއްދަތެއްގައި ހޯރަފުއްޓަށް ކޮށްދެއްވުން- އަލްމަރްހޫމް އަބްދުލް ޣަފޫރު އަލީ
- ތައުލީމީ ދާއިރާއިން އަގުހުރި ޚިދުމަތްތަކެއް ދިގުމުއްދަތެއްގައި ހޯރަފުއްޓަށް ކޮށްދެއްވުން- އަލްމަރްހޫމް އަހުމަދު ނޫރީ
- ސިއްހީ އަދި ދިވެހިބޭސްވެރިކަމުގެ ދާއިރާއިން އަގުހުރި ޚިދުމަތްތަކެއް ދިގުމުއްދަތެއްގައި ހޯރަފުއްޓަށް ކޮށްދެއްވުން- އަލްމަރްހޫމް އަބްދުﷲ އަލީ
- ސިއްހީ އަދި ދިވެހިބޭސްވެރިކަމުގެ ދާއިރާއިން އަގުހުރި ޚިދުމަތްތަކެއް ދިގުމުއްދަތެއްގައި ހޯރަފުއްޓަށް ކޮށްދެއްވުން- އަލްމަރްހޫމާ ހައްވާ އިބްރާހީމް
- ސިއްހީ އަދި ދިވެހިބޭސްވެރިކަމުގެ ދާއިރާއިން އަގުހުރި ޚިދުމަތްތަކެއް ދިގުމުއްދަތެއްގައި ހޯރަފުއްޓަށް ކޮށްދެއްވުން- އަލްމަރްހޫމް އުސްމާން އިބްރާހީމް
- އުފެއްދުންތެރިކަމުގެ ދާއިރާއިން (ބޮޑުގަޑި ހައްދަވައި) މުޅި ރާއްޖެއިން ފަޚުރުވެރި 1 ވަނަ ހާސިލް ކުރެއްވުން- އަލްމަރްހޫމް އިބްރާހީމް މޫސާ ކަލޭފާނު
- އުފެއްދުންތެރިކަމުގެ ދާއިރާއިން (ބޮޑުގަޑި ހައްދަވައި) މުޅި ރާއްޖެއިން ފަޚުރުވެރި 1 ވަނަ ހާސިލް ކުރެއްވުން- އަލްމަރްހޫމް އަބްދުﷲ މުހައްމަދު
- އުފެއްދުންތެރިކަމުގެ ދާއިރާއިން (ބޮޑުގަޑި ހައްދަވައި) މުޅި ރާއްޖެއިން ފަޚުރުވެރި 1 ވަނަ ހާސިލް ކުރެއްވުން- އަލްމަރްހޫމް އިބްރާހިމް އަފީފް
- މަސައްކަތްތެރިކަމުގެ ދާއިރާއިން އަގުހުރި ޚިދުމަތްތަކެއް ދިގުމުއްދަތެއްގައި ހޯރަފުއްޓަށް ކޮށްދެއްވުން- އަލްމަރްހޫމް ހަސަން މުހައްމަދުފުޅު
- މަސައްކަތްތެރިކަމުގެ ދާއިރާއިން އަގުހުރި ޚިދުމަތްތަކެއް ދިގުމުއްދަތެއްގައި ހޯރަފުއްޓަށް ކޮށްދެއްވުން- އަލްމަރްހޫމް ހަމްޒާ އަބްދުﷲ
- މަސައްކަތްތެރިކަމުގެ ދާއިރާއިން އަގުހުރި ޚިދުމަތްތަކެއް ދިގުމުއްދަތެއްގައި ހޯރަފުއްޓަށް ކޮށްދެއްވުން- އަލްމަރްހޫމް ހުސައިން ޝާކިރު
- މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބޭއްވުނު ލަވަ މުބާރާތުން ޝަރަފްވެރި 1 ވަނަ ހާސިލްކޮށް ރަށަށް ރީތިނަމާއި ޝަރަފް ހޯއްދެވުން- އަލްމަރްހޫމާ އާއިޝަތު ފަރީދާ މުހައްމަދު
މަތީ ދަރަޖައިގެ އިނާމު ލިބިފައިވަނީ 2 ފަރާތަކަށެވެ. އެ އިނާމު ލިބިފައިވާ އެއް ފަރާތަކީ އަލްމަރްހޫމާ ހަފްސާ އިބްރާހީމެވެ. އެއީ ކީރިތި ޤުރްއާން ހިތުދަސްކުރައްވައި ހާފިޒްކަމުގެ ސަނަދު ހާސިލްކޮށް ރަށަށް ރީތިނަމާއި ޝަރަފް ހޯއްދަވައިދެއްވާފައިވާތީއެވެ. ދެވަނައަށް މި އިނާމު ލިބިފައިވަނީ ސާނަވީ އިމްތިހާނުން ނެޝަނަލް ޓޮޕް ޓެންގެ ޝަރަފްވެރި 1 ވަނަ ހާސިލްކޮށް ރަށަށް ރީތިނަމާއި ޝަރަފް ހޯދާދީފައިވާތީ އަލްފާޟިލާ އާއިޝަތު ޒަހާއަށެވެ.
މީގެ އިތުރުން 21 ފަރާތަކަށް ހިތްވަރު ދިނުމުގެ އިނާމު ދީފައިވާއިރު، ޚާއްސަ ޚިދުމަތުގެ ޝަރަފްވެރި އިނާމް 9 ފަރާތަކަށް ލިބިފައިވެއެވެ. އެ ފަރާތްތަކުގެ ތެރޭގައި ހޯރަފުށީގެ ކުރިއެރުމާ ތަރައްގީއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކެއްކަމަށްވާ އަލްމަރްހޫމް ޔޫސުފް އަލީ، އަލްމަރްހޫމް މުހައްމަދު ނާސިރު، އަލްމަރްހޫމް އާދަމް ސަލީމް، އަލްމަރްހޫމް އަބްދުﷲ ފަހުމީ، އަލްމަރްހޫމް އަބްދުﷲ އަލީ ހިމެނެއެވެ.
ޚާއްސަ ޚިދުމަތުގެ އިނާމް 15 ފަރާތަކަށް ދީފައިވާއިރު، ލައިފް ޓައިމް އެޗީވްމެންޓް އެވޯޑް އެއް ބޭފުޅަކު ވަނީ ހާސިލްކުރައްވާފައެވެ. މިގޮތުން ހޯރަފުށީގެ ކުރިއެރުމާއި ތަރައްގީއަށް، ފާހަގަކުރެވޭފަދަ އެކަށީގެންވާ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، މި އެވޯޑު ލިބިވަޑައިގެންފައިވަނީ އަލްފާޟިލް އަލީ ނަސީރު އާދަމްއަށެވެ. މީގެ އިތުރުން ހިތްވަރު ދިނުމުގެ އިނާމު 8 ބޭފުޅަކަށް ދީފައިވެއެވެ.
މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ.