ކ. މާލެ
|
11 ޖޫން 2022 | ހޮނިހިރު 10:23
އެގްޒިމް ބޭންކް އޮފް އިންޑިއާ
އެގްޒިމް ބޭންކް އޮފް އިންޑިއާ
ލަންކާގެ އިގުތިސާދީ ކާރިސާ
އެގްޒިމް ބޭންކުން ލަންކާއަށް 55 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންއެއް
މިގޮތަށް ކްރެޑިޓް ލައިންތައް ފޯރުކޮށްދީފައި ވަނީ ޕެޓްރޯލްގެ ސަޕްލައިއަށް ޚަރަދު ކުރުމަށާއި، ރެއިލްވޭ މަޝްރޫއުތަކަށާއި ޑިފެންސް އަދި އިންފްރާސްޓްރަކްޗަރ މަޝްރޫއުތަކަށް
އެގްޒިމް ބޭންކުން މިވަނީ އިންޑިއާ ސަރުކާރުގެ ފަރާތުން މިހާތަނަށް 11 ކްރެޑިޓް ލައިން ލަންކާއަށް ފޯރުކޮށްދީފައި
އެގްޒިމް ބޭންކާއި ލަންކާގެ ސަރުކާރާ ދެމެދު ކްރެޑިޓް ލައިންގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ހުކުރު ދުވަހު

އިންޑިއާގެ އެގްޒިމް ބޭންކުން އެގައުމުގެ ސަރުކާރުގެ ފަރާތުން ލަންކާއަށް 55 މިލިއަން ޑޮލަރުގެ ކުރުމުއްދަތުގެ ކްރެޑިޓްލައިންއެއް ފޯރުކޮށްދީފިއެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން މިކްރެޑިޓްލައިންއަކީ ލަންކާއަށް ބޭނުންވާ ފަރޓިލައިޒަރ އަށް ޚަރަދުކުރުމަށް ފޯރުކޮށްދޭ ކްރެޑިޓް ލައިންއެކެވެ.

އެގްޒިމް ބޭންކާއި ލަންކާގެ ސަރުކާރާ ދެމެދު ކްރެޑިޓް ލައިންގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ހުކުރު ދުވަހުއެވެ. އެގޮތުން ލަންކާގެ މިނިސްޓްރީ އޮފް ފިނޭންސް، އިކޮނޮމިކް ސްޓެބިލައިޒޭޝަން އެންޑް ނެޝަނަލް ޕޮލިސީސްގެ ސެކެޓްރީ ކޭ.އޭމް. މަހިންދަ ސިރިވަރްދަނާ އެއްބަސްވުމުގައި ސޮއިކުރައްވާފައިވާއިރު، އެގްޒިމް ބޭންކްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ބޭންކްގެ ޖެނެރަލް މެނޭޖަރ ނިރްމިޓް ވެޑް އެވެ.

މިކްރެޑިޓް ލައިންގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަގެ އިތުރުން އިންޑިއާއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ގޯޕަލް ބަގްލޭ ބައިވެރިވެވަޑައިގެންނެވިއެވެ.

މިއެއްބަސްވުމާއެކު އެގްޒިމް ބޭންކުން މިވަނީ އިންޑިއާ ސަރުކާރުގެ ފަރާތުން މިހާތަނަށް 11 ކްރެޑިޓް ލައިން ލަންކާއަށް ފޯރުކޮށްދީފައެވެ. މިއީ 2.73 ބިލިއަން ޑޮލަރެވެ. މިގޮތަށް ކްރެޑިޓް ލައިންތައް ފޯރުކޮށްދީފައި ވަނީ ޕެޓްރޯލްގެ ސަޕްލައިއަށް ޚަރަދު ކުރުމަށާއި، ރެއިލްވޭ މަޝްރޫއުތަކަށާއި ޑިފެންސް އަދި އުމްރާނީ މަޝްރޫއުތަކަށެވެ.

ލަންކާއަށް ފޯރުކޮށްދޭން އެއްބަސްވި ކްރެޑިޓް ލައިންއާއެކު އެގްޒިމް ބޭންކުން މިވަނީ އެފްރިކާ، އޭޝިއާ، ލެޓިން އެމެރިކާ އަދި ކޮމަންވެލްތު އިންޑިޕެންޑަންޓް ސްޓޭޓްސް ހިމެނޭހެން 61 ގައުމަށް 274 ކްރެޑިޓް ލައިން ފޯރުކޮށްދީފައެވެ. މީގެ ތެރެއިން 27.81 ބިލިއަން ޑޮލަރުގެ އެހީ އަކީ އިންޑިއާއިން މުދާ އިމްޕޯޓުކުރުމަށް ގައުމުތަކުން ހޭދަކުރުމަށް ފޯރުކޮށްދީފައިވާ އެހީއެވެ.

އިންޑިއާގެ މުދާ އެކްސްޕޯޓްކުރުމަށް އެހީވުމުގެ އިތުރުން ކުރިއަރަމުން އަންނަ މާކެޓުތަކުގައި މަޝްރޫއުތައް ހިންގުމަށް އިންޑިއާގެ ފަންނުވެރިންނަށް ފުރުސަތުތައް ފަހިކުރުމުގެ މަސައްކަތްވެސް އެގްޒިމް ބޭންކް މެދުވެރިކޮށް އަންނަނީ ކުރަމުންނެވެ.

- ކޮމެންޓް