ކ. މާލެ
|
10 ޖޫން 2022 | ހުކުރު 13:27
ހުތުބާ
ހުތުބާ
އިސްލާމިކް މިނިސްޓްރީ
ހުކުރު ޚުތުބާ
ދީނާއި ނަބިއްޔާ ދިފާއު ކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއް: ޚުތުބާ
މި ހަފްތާގެ ހުކުރު ޚުތުބާ ހާއްސަކޮށްފައިވަނީ މިއުއްމަތުގެ މާތް ނަބިއްޔާދެކެ ލޯބިވުމާ ގުޅޭގޮތުން

ހަގީގަތަށް ލޯބި ކުރާ ކޮންމެ އިންސާނަކު ރަސޫލާއަށް ފުރައްސާރަ ކުރުން ފަދަ އަމަލުތައް ކުށްވެރިކުރާނެ ކަމަށާއި އިސްލާމް ދީނާއި މާތް ނަބިއްޔާ ދިފާއު ކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

މި ހަފްތާގެ ހުކުރު ޚުތުބާ ހާއްސަ ކޮށްފައިވަނީ ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ދެކެ ލޯބިވުމަށެވެ. އެ ޚުތުބާގައި އެކަލޭގެފާނަށް ފުރައްސާރަ ކުރުން އިތުރުވެފައިވާ ކަމަށާއި އެކަލޭގެފާނު ދިފާއު ކުރުމުގައި މުސްލިމުގެ ދައުރަށް ވަނީ އަލިއަޅުވާލައިފައެވެ.

ޚުތުބާއި ބުނެފައިވާ ގޮތުގައި ރަސޫލުކަމައިގެން އެކަލޭގެފާނު ފޯނުއްވީ އިންސާނުން އަޚްލާގީ ގޮތުންނާއި ދީނީ ގޮތުން އެންމެ ދަށު ދަރަޖައަކަށް ވެއްޓިފައި އޮތް ދުވަސްވަރު ކަމަށާއި އެކަލޭގެ ފާނު ފޮނުއްވެވީ މި އެ އަމަލުތަކުގެ ސަބަބުން އިންސާނުންގެ ނަރަކައިގެ ފުން އަނދަވަޅުން ސަލާމާތް ކުރެއްވުމަށްޓަކައި ކަމަށެވެ. އެހެންވެ، އެކަލޭގެ ފާނުގެ އިއްޒަތާއި ކަރާމާތަށް އުނިކަން ގެނައުމަށްޓައި އަދާވާތްތެރި ބާރުތަކުން އަބަދުވެސް މަސައްކަތް ކުރާ ކަން ވެސް ޚުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

ނަބިއްޔާއަށް ފުރައްސާރަ ކުރުން ފަދަ ދަށު ދަރަޖައިގެ އަމަލުތަކަކީ މިހާރު ދޭދޭ ޤައުމުތަކުގެ މެދުގައި އެއްބަސްވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ޚިލާފު ކަމެއް ކަމަށާއި ހަގީގަތަށް ލޯބި ކުރާ ކޮންމެ އިންސާނަކު ވެސް މި ނުބައި އަމަލު ކުށްވެރި ކުރަން ޖެހޭ ކަން ވެސް ޚުތުބާގައި ވަނި ފާހަގަކުރައްވާފައެވެ.

ބޭރުގެ ޤައުމުތަކުގެ އިތުރުން ދިވެހި ފަސް ގަނޑުންވެސް އެފަދަ އަމަލުތައް ފެންނަކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ އެފަދަ ދޮގު ލިޔުންތައް އުފައްދައި އާއްމު ކުރާ މީހުންނަކީ އަޤީދާ ފާސިދުވެފައިވާ ބައެއް ކަމަށެވެ. އަދި އެމީހުންގެ ބޭނުމަކީ މުޅި ދުނިޔެއަށް ފެތުރިފައިވާ ﷲ ގެ ދީން މީސްތަކުންނަށް އޮޅުވާލައި އިސްލާމް ދީނާ މެދު ނަފްރަތު އުފައްދައި މީހުން ދީނާ ދުރުކުރުން ކަމަށެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިސްލާމްދީން ބާރަށް ފެތުރެމުންދާތީ އެކަމާ ބިރުން ހިންގާ ފިނޑި އަމަލުތަކެއް ކަމަށް ވެސް ޙުތުބާގައި ވަނީ ބުނެފައެވެ.

ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ ހަޔާތްފުޅުގައި އެކަލޭގެފާނު ކުރައްވާފައިވާ ކަންކަމާމެދު މަލާމާތްކޮށް، ފުރައްސާރައިގެ މޭރުމުން ބަސްބުނުމުގެ ޙައްގު އެއްވެސް މީހަކަށް ނޯންނެ ކަމަށާއި އެކަލޭގެފާނުގެ ހަޔާތްޕުޅަކީ ހެޔޮލަފާ ޖީލެއް ބިނާކޮށް، ރަނގަޅު މުޖުތަމެއްގެ ބިންގާ އެޅުމުގެ އެންމެހައި ފިލާވަޅުތައް ފެންނަން ހުރި ނަމޫނާ ހަޔާތްޕުޅެއް ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެކަލޭގެފާނު ދެކެ ލޯބިވެ، އެކަލޭގެފާނު ދިފާއު ކުރެއްވުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެމީހެއްގެ އަމިއްލަ ނަފްސާއި މުދަލާއި އަނބިދަރީންނަށް ވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވެ، އެކަލޭގެފާނަށް ނަސްރުދީގެން މެދުވީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމަ ނުވާނެ ކަމަށެވެ. އަދި އެކަލޭގެފާނާއި އެކަލޭގެފާނުގެ ތެދުމަގަށް ނަފްރަތު ކުރުމާއި ކުޑައިމީސް ބަސް ބުނެ ފުރައްސާރަ ކުރުމަކީ އީމާންކަމުގެ ދާއިރާއިން ބޭރުވާ އަމަލެއް ކަމަށް އިލްމުވެރިން ވިދާޅުވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެކަލޭގެފާނުގެ އަދުލުވެރިކަމާއި އޯގާވެރިކަމާއި މާތްކަމާއި އެކަލޭގެފާނު ގެނެސްދެއްވި ޚަބަރުތަކުގެ ތެދުކަން މިތުރުންނާއި ހަތުރުންވެސް ހެކިވާނެ ކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނި އެކަލޭގެފާނަށް އީމާންވާ މީހުންނާއި އެކަލޭގެފާނު ދެކެ ލޯބިވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވާނެ ކަމަށާއި ގިޔާމަތާ ޖެހެން ދެން އެކަލޭގެފާނުގެ ޒިކުރާ އާވެ އާލާވެވެ ހުންނާނެ ކަމަށެވެ.

- ކޮމެންޓް