މިއަހަރުގެ ފަހުކޮޅު ގަތަރުގައި އޮންނަ ފީފާ ވޯލްޑް ކަޕްގައި ރޯބޮޓް އެސިސްޓެންޓް ރެފްރީން ބޭނުންކުރުމަށް ފީފާއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ރޯބޮޓް ލައިންސްމަނުން ބެހެއްޓި ނަމަވެސް މިހާރުވެސް މެޗުތަކުގައި އިންސާފުކުރާ ގޮތަށް ރެފްރީންނާ އެސިސްޓެންޓް ރެފްރީން ހަރަކާތްތެރިވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސެމީ އޮޓޮމޭޓެޑް ސިސްޓަމެއް އެކުލަވާލާއިރު، ރޯބޮޓް ލައިންސްމަނުންގެ ގޮތުގައި ބޭނުންކުރާ ސިސްޓަމުގައި 10 ކެމެރާ ހުންނާނެއެވެ. މީގެން ކުޅުންތެރިޔާގެ ގައިގެ 29 ޕޮއިންޓެއް ޓްރެކް ކުރާނެއެވެ.
ވޯލްޑް ކަޕްގައި ބޭނުންކުރުމަށް މަސައްކަތް ކުރާ ސެމީ އޮޓޮމޭޓެޑް ސިސްޓަމް ވަނީ މީގެ ކުރިންވެސް ބޭނުންކޮށްފައެވެ. އެގޮތުން ދޯހާގައި އޮތް ކްލަބް ވޯލްޑް ކަޕާއި އަރަބް ކަޕްގައިވެސް ސިސްޓަމް ކާމިޔާބުކަމާއެކު ބޭނުންކޮށްފައިވެއެވެ.
މި ސިސްޓަމް ވޯލްޑް ކަޕްގައި ބޭނުންކުރަން ނިންމީ މި ދެމުބާރާތުގައި މިސިސްޓަމް ބޭނުންކޮށް ކާމިޔާބުކަމާއެކު ނިންމާލެވުމުންނެވެ. އަދި މިހާރު ބޭނުން ކުރަމުން އަންނަ ވީއޭއާރު ލައިން-ލެޑް އަށްވުރެ އަވަހަށް މި ސިސްޓަމުން އޮފްސައިޑު ނިންމުންތައް ދައްކާނެކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ސިސްޓަމް ބޭނުންކުރި ނަމަވެސް ދަނޑުމަތީގައި ތިބޭ ރެފްރީންނާ އެސިސްޓެންޓް ރެފްރީންގެ ޒިންމާ ފުރިހަމައަށް އަދާކުރަން ޖެހޭނެކަމަށް ކުރީގެ މަޝްހޫރު ރެފްރީ ޕިއެލުއިޖީ ކޮލީނާ ވަނީ ފާހަގަކޮށްފައެވެ.