ކ. މާލެ
|
9 ޖޫން 2022 | ބުރާސްފަތި 08:12
ބެލްޖިއަމް އަދި ޕޮލެންޑު ކުޅުނު މެޗުގެ ތެރެއިން
ބެލްޖިއަމް އަދި ޕޮލެންޑު ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ޔުއެފާ ނޭޝަންސް ލީގު
ފަހަތުން އަރައި ޕޮލެންޑު ކޮޅަށް ހަ ލަނޑު ޖަހައި ބެލްޖިއަމް ދެވަނައަށް
ބެލްޖިއަމަށް ކުރި ލިބެނީ ފައިދާ ގޯލުން
ދެ މެޗުނަ ހަ ޕޮއިންޓު ހޯދައިގެން ގްރޫޕްގެ އެއް ވަނައިގައި އޮތީ ނެދަލެންޑްސް

ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް ޑީގައި ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ފަހަތުން އަރައި ހަ ލަނޑު ޖަހައިގެން މޮޅުވެ، ބެލްޖިއަމް ގްރޫޕްގެ ދެވަނަ އަށް ޖެހިލައިފިއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޕޮލެންޑުންނެވެ. އެއީ 28 ވަނަ މިނެޓުގައި ރޮބާޓް ލެވަންޑޯސްކީ ޖަހައިދިން ލަނޑުންނެވެ. ބެލްޖިއަމުން ނަތީޖާ ހަމަހަމަ ކުރީ 42 ވަނަ މިނެޓުގައި އެކްސެލް ވިޓްސެލްއެވެ. ބެލްޖިއަމުން ދެން ޖެހި ފަސް ލަނޑު ވެސް އެ ޓީމުން ޖެހީ މެޗުގެ ދެ ވަނަ ހާފުގައެވެ.

ބެލްޖިއަމަށް ލީޑު ނަގައިދިން ލަނޑު 59 ވަނަ މިނެޓުގައި އެޑެން ހަޒާޑުގެ އެހީތެރިކަމާއެކު ޖެހީ ކެވިން ޑިބްރައިނާއެވެ. ބެލްޖިއަމްގެ ތިން ވަނަ ލަނޑާއި ހަތަރު ވަނަ ލަނޑު ޖެހީ ލެއަންޑްރޯ ޓްރޮސާޑްއެވެ. ބެލްޖިއަމްގެ ފަސް ވަނަ ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި ޖެހީ ލެއޮންޑަ ޑެންޑޮންކާއެވެ. ހަ ވަނަ ލަނޑު ބެލްޖިއަމުން ޖެހީ އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު ޖެހީ ލޮއިސް އޮޕެންޑާއެވެ. މެޗުން ބެލްޖިއަމް މޮޅުވީ 1-6 ންނެވެ.

މި ގްރޫޕްގައި ވޭލްސްއާއި ނެދަލެންޑްސް ބައްދަލުކުރި މެޗު 1-2 ނަ ކާމިޔާބުކުރީ ނެދަލެންޑްސްއެވެ. މެޗުގެ 50 ވަނަ މިނެޓުގައި ކޫޕްމެއިނާސް ވަނީ ނެދަލެންޑްސް އަށް ލީޑު ނަގައިދީފައެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ވޭލްސްގެ ނޮރިންޓަން ޑޭވިސް ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ނަމަވެސް އޭގެ ފަހުން ނެދަލެންޑްސްގެ ވޮއުޓް ވެފްރޯސްޓް ވަނީ ނެދަލެންޑްސްގެ ދެ ވަނަ ލަނޑު ޖަހައި އެ ޓީމު މޮޅު ކޮށްދީފައެވެ.

ކުޅުނު ދެ މެޗުނަ ހަ ޕޮއިންޓު ހޯދައިގެން މި ގްރޫޕްގެ އެއް ވަނައިގައި އޮތީ ނެދަލެންޑްސްއެވެ. ދެ ވަނައިގައި އޮތް ބެލްޖިއަމް އާއި ޕޮލެންޑަށް ލިބެނީ ތިން ޕޮއިންޓެވެ. ބެލްޖިއަމަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ކުޅުނު ދެ މެޗުން ވެސް ބަލިވެ، މި ގްރޫޕްގެ ފުލުގައި އޮތީ ވޭލްސްއެވެ.

- ކޮމެންޓް