ރިޔާސީ އިންތިހާބުގައި 30 އިންސައްތަ ވޯޓާއެކު ވެރިކަމަށް ވަޑައިގަނެވޭ ފޯމިއުލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއިދެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ 30 ޕަސެންޓަށް ވުރެން މަތިން ވޯޓު ހޯއްދަވާ ކެންޑިޑޭޓަށް އިންތިހާބު ކާމިޔާބު ކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ތާއިދު ނުކުރައްވާ ކަމަށެވެ.
ގާނޫނު އަސާސީއަށް ގެންނަން ފެންނަ އިސްލާހުތަކާ ގުޅޭގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ 4ވަނަ ދައުރުގެ 2ވަނަ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިޚާބު ކާމިޔާބު ވާގޮތަށް ބަދަލު ގެނައުން މުހިންމު ކަމަށެވެ. އަދި 30 އިންސައްތައަށް ވުރެ ދަށުން ވޯޓު ލިބިއްޖެ ނަމަ، ދެވަނަ ބުރަށް ދިޔުމަށް ގާނޫނުއަސާސީގައި ހިމަނަން ޖެހޭ ކަމަށެވެ. މިބަދަލަކީ، އެމްޑީޕީއަށް ވެރިކަމުގައި އޮތުމަށް މުހިންމު ބަދަލެއް ކަމަށް ވިދާޅުވިއެވެ.
ނަމަވެސް އެ އިސްލާހަށް ތާއިދު ނުކުރައްވާކަން ހާމަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ވެރިކަމަށް ވަޑައިގަންނަވަން ޖެހޭނީ ގާނޫނުއަސާސީގައި މިހާރު ވެސް ކަނޑައަޅާފައި އޮތް ގޮތަށް، ރައްޔިތުންގެ 50 އިންސައްތަ ވޯޓާއެކު ކަމަށާއި 30 އިންސައްތައާއެކު ވެރިކަމަށް އައުމަށް ތައީދު ނުކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެއްވެސް ޕާޓީއަކަށް ވަކިން ނިކުމެ ރިޔާސީ އިންތިހާބުގައި 50 އިންސައްތަ ވޯޓު ނުލިބޭނެކަމަށެވެ. އަދި ޗޮއިސް އެއް އޮތް ނަމަ އެމަނިކުފާނު ހުންނެވީ އެމްޑީޕީގެ ޓިކެޓުގައި ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގެން މިހާރު އޮތް ކޯލިޝަންއާއެކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ކަމަށެވެ. އަދި އެމަނިކުފާނު ދެވަނަ ދައުރަކަށް ހޮވިވަޑައިގަންނަވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.