ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ 15 ވަނަ ރަމަޟާން ކްރިކެޓް ކާނިވަލްގައި އޯޕަން ޓޭޕްބޯލްގެ ފައިނަލަށް ޝުގާރކޯން އާއި ވަންއޯވަން ދަތުރުކޮށްފިއެވެ.
މިދެޓީމް ފައިނަލަށް ދަތުރުކުރީ، އާދިއްތަ ދުވަހު މިބައިގެ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމުނިއިރު، އެންމެ ގިނައިން ޕޮއިންޓް ހޯދައިގެންނެވެ.
މިބައިގެ ގްރޫޕް ސްޓޭޖުގައި އާދިއްތަ ދުވަހު ކުޅުނު މެޗުތަކަށް ބަލާއިރު، ފުރަތަމަ ކުޅުމަށް ހަމަޖެހިފައި އޮތީ އެމްއާރުޑީސީ އާއި މެރީކާނޯ އެވެ. މި މެޗަށް އެމްއާރުޑީސީ ހާޒިރު ނުވުމުގެ ސަބަބުން މެރިކާނޯ އަށް ވަނީ މެޗު ލިބިފައެވެ.
ދެވަނަ މެޗުގައި ބައްދަލުކުރީ އައިލެންޑް އޭވިއޭޝަން އާއި ކަސްޓަމްސް އެވެ. 7 އޯވަރުގެ ތެރޭގައި 125 ލަނޑު ހަދައިގެން މި މެޗް ކާމިޔާބުކުރީ ކަސްޓަމްސްއިންނެވެ. އައިލެންޑް އޭވިއޭޝަނަށް މެޗުގައި 8 އޯވަރުގެ ތެރޭގައި 3 ކުޅުނތެރިން ނުބައިވެގެން ހެދިފައިވަނީ 122 ލަނޑެވެ.
ލެޝާރ ކާގޯ އާއި ކޭޑިއެމް ބައްދަލުކުރި މެޗް ކޭޑީއެމްއިން ކާމިޔާބުރީ 4 ލަނޑުންނެވެ. ޓޮސް ލިބިގެން ލެޝާރ ކާގޯއިން ކުޅެން އަރާ، 8 އޯވަރުގެ ތެރޭގައި 5 ކުޅުންތެރިން ނުބައިވެގެން އެޓީމުން ވަނީ 104 ލަނޑު ހަދާފައެވެ. ޖަވާބުގައި ކޭޑީއެމްއިން ކުޅެން އަރާ އެޓީމުން ވަނީ 7 އޯވަރުގެ ތެރޭގައި 108 ލަނޑު ހަދާފައެވެ. މެޗުގައި އެންމެ ގިނަ ލަނޑު ހަދާފައިވަނީ ކޭޑީއެމްގެ އިސްމާއިލް އަނިލް އެވެ. އޭނާ ވަނީ 37 ލަނޑު ހަދާފައެވެ. އަދި އަހުމަދު މުނާޒް ވަނީ 19 ލަނޑު ހަދާފައެވެ. މީގެ އިތުރުން އަޒާން ޒުހޭރު ވަނީ 2 ވިކެޓް ނަގާފައެވެ.
މި ބައިގެ ފައިނަލަށް ވަންއޯވަން އާއި ޝުގާރ ކޯން ދަތުރު ކޮށްފައިވާއިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 15 ވަނަ ދުވަހު 16:05 ގައެވެ.
މި ކާނިވަލްގައި މާދާމާ ވެސް މެޗްތައް ކުޅެވޭނެއެވެ. ހޯމަދުވަހު ކުޅުމަށް ހަމަޖެހިފައިވަނީ އޮފީސް ޓޭޕްބޯލްގެ މެޗުތަކެވެ. ފުރަތަމަ މެޗުގައި ދިވެހި ސިފައިންގެ ކްލަބާއި ސިވިލް ސާވިސް ކޮމިޝަންއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ މީރާ އާއި ކަސްޓަމްސް އެވެ.