ކ. މާލެ
|
11 ޖޫން 2017 | އާދީއްތަ 19:03
މޮރީޝަސް ކޮމާޝިއަލް ބޭންކް ގައި ބޭއްވި ސޮއެކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މޮރީޝަސް ކޮމާޝިއަލް ބޭންކް ގައި ބޭއްވި ސޮއެކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
ބެޑްމިންޓަން
ގައުމީ ބެޑްމިންޓަން ޓީމުގެ ބޭންކިން ޕާޓްނަރަކަށް މޮރިޝަސް ކޮމާޝަލް ބޭންކް ހަމަޖައްސައިފި
މޮރީޝަސް ކޮމާޝިއަލް ބޭންކާއި އެކު ބެޑްމިންޓަން އެސޯސިއޭޝަނުން ސޮއިކޮށްފައިވަނީ 1 އަހަރުގެ ކޮންޓްރެކްޓެއްގައި

ގައުމީ ބެޑްމިންޓަން ޓީމުގެ ބޭންކިން ޕާޓްނަރަކަށް މޮރިޝަސް ކޮމާޝަލް ބޭންކް ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އާދިއްތަ ދުވަހު މޮރިޝަސް ކޮމާޝިއަލް ބޭންކްގައި ބޭއްވި ރަސްމިއްޔާތެއްގައި ބެޑްމިންޓަން އެސޯސިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ  އެ އެސޯސިއޭޝަންގެ ރައީސް މޫސާ ނަޝީދެވެ. މޮރިޝަސް ކޮމާޝިއަލް ބޭންކް ގެ ފަރާތުން ސޮއެ ކުރެއްވީ އެ ބޭންކް ގެ މެނޭޖިން ޑިރެކްޓަ ގިލްސް މެރީ ޖީން އެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް އެއް އަހަރު ދުވަހު، ގައުމީ ބެޑްމިންޓަން ޓީމުގެ ހަރަކާތްތަކާއި ބައިވެރިވާ ބައިނަލްއަގްވާމީ މުބާރާތް ތަކުގެ ބޭންކިން ޕާޓްނަރަކީ މޮރީޝަސް ކޮމާޝިއަލް ބޭންކެވެ. އެގޮތުން އަންނަ ބުރާސްފަތި ދުވަހު މޮރިޝަސްގައި ބާއްވާ "މޮރީޝަސް ބެޑްމިންޓަން ސީރީސްގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގެ ބޭންކިން ޕާޓްނަރަކީވެސް މޮރިޝަސް ކޮމާޝިއަލް ބޭންކެވެ.

އެއްބަސްވުމުގައި ސޮއެ ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނަޝީދް ވިދާޅުވީ، ރާއްޖޭގެ ބެޑްމިންޓަން ކުރިއެރުވުމަށް މޮރިޝަސް ބޭންކުން ކޮށްދެއްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރާ ކަމަށާއި، މި އެއްބަސްވުމުގެ ސަބަބަން ރައްޖޭގައި ބެޑްމިންޓަން ކުރިއެރުވުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން މޮރިޝަސް ބޭންކްގެ މެނޭޖިން ޑިރެކްޓަ ގިލްސް މެރީ ޖީން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ބެޑްމިންޓަން އިތުރު ހަރުފަތަކަށް ގެންދިއުމަށް އެހީތެރިކަމެއް ވެވިއްޖެކަމަށް އުއްމީދުކުރާ ކަމަށާއި، ކުރިއަށް އޮތް އެއް އަހަރު ތެރޭގައި ރާއްޖެއިން ބެޑްމިންޓަންގައި ގިނަ ކާމިޔާބީތަކެއް ހޯދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

އަންނަ ބުރާސްފަތި ދުވަހު މޮރިޝަސްގައި ބާއްވާ "މޮރީޝަސް ބެޑްމިންޓަން ސީރީސް"ގައި ރާއްޖެއިން ބައިވެރިވާ ނިންމާފައިވާ މައިގަނޑު އެއް ސަބަބަކީ، 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ރާއްޖެއަށް ރަން މެޑަލްއެއް ހޯދުމަށް ކުރާ މަސައްކަތެވެ. މުބާރާތުގައި ބައިވެރިވުމަށް ގައުމީ ޓީމު ހޯމަ ދުވަހު މޮރިޝަސް އަށް ފުރުމަށް ހަމަޖެހިފައި ވާއިރު، މުބާރާތުގައި 10 ކުޅުންތެރިއަކު ރާއްޖެ ތަމްސީލު ކުރާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް