ކ. މާލެ
|
11 ޖޫން 2017 | އާދީއްތަ 19:02
އިނގެރޭސި ރައްޔިތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް
އިނގެރޭސި ރައްޔިތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް
ގޫގުލް
ޑޮނަލްޑް ޓްރަމްޕް
ހޫނު މަރުޙަބާއެއް ނުކިޔާނަމަ އިނގެރޭސިވިލާތަށް ނުދާނަން: ރައީސް ޓްރަމްޕް
ޓްރަމްޕަށް ވަނީ އިނގެރޭސި ރައްޔިތުންގެ ނުރުހުމާ ކުރިމަތިލާން ޖެހިފައި
އިނގެރޭސިވިލާތަށް ވަޑައިގަތުމުގެ ދަޢުވަތު ޓްރަމްޕަށް އެރުވީ ޖަނަވަރީ މަހު
ޓްރަމްޕާއި ދެކޮޅަށް އިނގެރޭސި ޤަނޫނުހަދާ މަޖިލީހަށް ޕެޓިޝަނެއްވެސް ހުށަހަޅާފައިވޭ

އިނގެރޭސި ރައްޔިތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ތާއީދުކޮށް، އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ކިޔަން ތާއްޔާރު ނުވާހާ ހިނދަކު އިނގެރޭސިވިލާތަށް ވަޑައިނުގަންނާނެ ކަމަށް އެމަނިކުފަނު ވިދާޅުވެއްޖެއެވެ.

އިނގެރޭސި ބޮޑުވަޒީރާ ތެރެސާ މޭއަށް ފޯނުން ގުޅުއްވައި ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ، އެމަނިކުފާނު އިނގެރޭސިވިލާތަށް ވަޑައިގަތުމުން، އެމަނިކުފާނާއި ދެކޮޅަށް އިނގެރޭސި ރައްޔިތުން މުޒާހަރާ ކުރާނެ ނަމަ، ދަތުރު ކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ.

ޓްރަމްޕްގެ ނިންމެވުމާއި އެކު އިނގެރޭސި ސަރުކާރަށް ހައިރާންކަމެއް ލިބިގެން ގޮސްފައިވާއިރު، ޓްރަމްޕް އިތުރަށް ވިދާޅުވެފައިވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ކިޔަން ތާއްޔާރު ނުވާހާ ހިނދަކު އިނގެރޭސިވިލާތަށް ވަޑައިނުގަންނާނެ ކަމަށެވެ.

ޓްރަމްޕް އެމެރިކާގެ ރައީސް ކަމަށް ހުވާކުރެއްވިތާ ހަފްތާއެއްވެސް ނުވަނީސް އިނގެރޭސި ބޮޑުވަޒީރާ އެމެރިކާއަށް ވަޑައިގެން، އިނގެރޭސިވިލާތަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުގެ ދަޢުވަތު ރައީސް ޓްރަމްޕަށް އެރުވީއްސުރެ، އިނގެރޭސި ރައްޔިތުން ދަނީ އެކަމާއި ދެކޮޅަށް ޝުޢޫރުތަށް ފާޅުކުރަމުންނެވެ.

ވެރިކަމަށް ވަޑައިގަތުމުގެ ކުރީއްސުރެވެސް އިނގެރޭސި ރައްޔިތުންނާއި ރައީސް ޓްރަމްޕާއި ދެމެދު ވަނީ މައްސަލަތައް އުފެދިފައެވެ. އެގޮތުން ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުން އިނގެރޭސި ގިނަ ރައްޔިތުންގެ މެދުގައި ޓްރަމްޕްގެ މަޤުބޫލުކަމެއް ނެތްއިރު، ސްކޮޓްލޭންޑްގައި ޓްރަމްޕްގެ ވިޔަފާރި ކުންފުނިން ޤާއިމްކުރި ގޮލްފް ކޯސްއެއްގެ މައްސަލައިގައިވެސް އިނގެރޭސި ގިނަ ރައްޔިތުން ވަނީ ޓްރަމްޕާއި މެދު ނުރުހުން ފާޅުކޮށްފައެވެ.

މީގެ އިތުރުން ދާދިފަހުން ލަންޑަން ބްރިޖުގައި ދިން ޓެރަރިސްޓު ހަމަލާއަށްފަހު ރައީސް ޓްރަމްޕް ވަނީ ލަންޑަންގެ މޭޔަރު ޞާދިޤު ޚާންއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އިނގެރޭސި ވިލާތަށް ވަޑައިގަތުމުގެ ދަޢުވަތު ޓްރމްޕަށް އެރުވުމާއި ގުޅިގެން، އެކަމާއި ދެކޮޅު ހެދުމަށް އިނގެރޭސި ރައްޔިތުން ވަނީ ފެބްރުއަރީ މަހު "ޓްރަމްޕް އިނގެރޭސިވިލާތަށް ވަޑައިގަތުން މަނާކުރުމަށް" ގޮވާލާ އިނގެރޭސި ޕާލިމެންޓަށް ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ.

- ކޮމެންޓް