ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުނުކުރެވުމުގެ ސަބަބުން 200ށްވުރެ ގިނަ ބަލި ފެތުރޭކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއަރ ސައިންޓިފިކް އޮފިސަރ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަސުރުޚީގައި ވާހަކަދައްކަވަމުން ސާޖިދާ ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެއް ކަމަށެވެ. އެގޮތުން ކާބޯތަކެތި އުފައްދާ ފަރާތްތަކާއި ރެގިއުލޭޓްކުރާ ފަރާތްތަކާއި ބޭނުންކުރާ ފަރާތްތަކާއި ކާބޯތަކެތީގެ އެކި ކަންކަމުގައި ބައިވެރިވާ ހުރިހާ ފަރާތަކުން ރައްކާތެރިކަން ކަށަވަރުކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުނުވުމުގެ ސަބަބުން ދުނިޔެއިން ގިނަ އަދަދެއްގެ މީހުން މަރުވާކަން ފާހަގަކުރައްވައި ސާޖިދާ ވިދާޅުވީ، ރައްކާތެރިކަން ކަށަވަރުނުކުރެވުމުގެ ސަބަބުން 200ށްވުރެ ގިނަ ބަލި ފެތުރޭކަމަށެވެ. މީގެތެރޭގައި ގައިންގަޔަށް އަރާ ބައްޔާއި ގައިންގަޔަށް ނާރާ ބަލި ހިމެނޭއިރު، ރާއްޖޭގެ އާބާދީގެ 85 އިންސައްތައަކީ ގައިންގަޔަށް ނާރާ ބަލި ތަހައްމަލުކުރާ ބައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ބަލިތައް ފެތުރިގެންދޭ އެންމެ އާދައިގެ ބޭރަށް ހިންގުމާހަމައިން ފެށިގެން ކެންސަރާ ހަމައަށް. އެގޮތަށް 200ށްވުރެ ގިނަ ބަލި އެބަހުރޭ. މިއަދު އަޅުގަނޑުމެންނަށް އެންމެ ބޮޑު ކަމަކަށް ވެފައި މިވަނީ ގައިންގަޔަށް ނާރާ ބަލި އިތުރުވުން.ސީނިއަރ ސައިންޓިފިކް އޮފިސަރ ސާޖިދާ މުހައްމަދު
ކާބޯތަކެތީގެ ކަންކަން ރެގިއުލޭޓްކުރުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވައި ސާޖިދާ ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގާނޫނެއް މުހިންމުކަމަށެވެ. އެ ގާނޫނު އުފެދިއްޖެނަމަ ކާބޯތަކެތީގެ ކަންކަން ރަނގަޅަށް ރެގިއުލޭޓްކޮށް، ކުރިން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެމްއެފްޑީއޭއަށް ފަންނީ މުވައްޒަފުން ބޭނުންވާކަމަށާއި ލެބޯޓްރީ ސަރވިސްވެސް މިހާރަށްވުރެ ރަނގަޅުވާންޖެހޭ ކަމަށް ސާޖިދާ ވިދާޅުވިއެވެ. އެމްއެފްޑީއޭގެ މިހާރުގެ ލެބޯޓްރީއަކީ ދުނިޔޭގެ ފެންވަރުގައި އެކްރެޑިޓް ވެފައިވާ ލެބޯޓްރީއެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.