ކ. މާލެ
|
7 ޖޫން 2022 | އަންގާރަ 19:08
ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ
ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ
އޭޕީ
ލަންކާގެ އިގުތިސާދީ ކާރިސާ
ޒަރޫރީ ޚަރަދުތައް ކުރަން ޗައިނާއިން 5 ބިލިއަން ޑޮލަރުގެ އެހީ ބޭނުންވޭ: ލަންކާ
ގައުމުގެ ރިޒަރވް މިހާރު މުޅިންހެން ހުސްވެފައިވާއިރު، ސްވޮޕްގެ ފައިސާ އެގައުމަށް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ލަންކާއިން ވަނީ އެދިފައި
ޗައިނާއާއެކު އެއްބަސްވެފައިވާ 1.5 ބިލިއަން ޑޮލަރުގެ ޔުއާން ޑޮމިނޭޓެޑް ކަރަންސީ ސްވޮޕް ބޭނުންކުރެވޭނީ 3 މަސްދުވަހުގެ އިމްޕޯޓަށް ވާވަރަށް ފައިސާ ރިޒަރވްގައި ހުރެގެން
ގައުމަށް ބޭނުންވާ ޒަރޫރީ ޚަރަދުތައް ކުރަން ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި 5 ބިލިއަން ޑޮލަރު ބޭނުންވާކަމަށް ބޮޑުވަޒީރު ވިކްރަމަސިންގހަ ވަނީ ވިދާޅުވެފައި

ގައުމަށް ބޭނުންވާ ޒަރޫރީ ޚަރަދުތައް ކުރަން ޗައިނާއިން ފަސް ބިލިއަން ޑޮލަރުގެ އެހީ ބޭނުންވާކަމަށް ސްރީލަންކާއިން ބުނެފިއެވެ.

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ ވަނީ އެގައުމަށް ބޭނުންވާ ޒަރޫރީ ޚަރަދުތައް ކުރަން ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި 5 ބިލިއަން ޑޮލަރު ބޭނުންވާކަމަށް އަންގާރަ ދުވަހު ވިދާޅުވެފައެވެ. މިގޮތުން މި އެހީ ހޯދުމަށް، އެގައުމުން ޗައިނާއާއެކު އެއްބަސްވެފައިވާ 1.5 ބިލިއަން ޑޮލަރުގެ ޔުއާން ޑޮމިނޭޓެޑް ކަރަންސީ ސްވޮޕްގެ ޓަރމްތަކާމެދު ޗައިނާއާއެކު އަލުން މަޝްވަރާކުރަމުންދާކަމަށް ވިކްރަމަސިންގހަ ވަނީ ވިދާޅުވެފައެވެ.

ލަންކާއިން މިދިޔަ އަހަރު ޗައިނާއާއެކު އެއްބަސްވެފައިވާ 1.5 ބިލިއަން ޑޮލަރުގެ ޔުއާން ޑޮމިނޭޓެޑް ކަރަންސީ ސްވޮޕް އެއްބަސްވުމާ ގުޅޭގޮތުން އިތުރަށް މަޝްވަރާކުރަމުންދާއިރު، ފުރަތަމަ އެއްބަސްވުމުގައި ވާގޮތުން އެގައުމަށް މި ކަރަންސީ ސްވޮޕް ބޭނުންކުރެވޭނީ 3 މަސް ދުވަހުގެ އިމްޕޯޓަށް ވާވަރަށް ފައިސާ ރިޒަރވްގައި ހުރެގެންނެވެ. އެގައުމުގެ ރިޒަރވް މިހާރު މުޅިންހެން ހުސްވެފައިވާއިރު، ލަންކާއިން ވަނީ ޗައިނާގައި އެއްބަސްވުމުގައި ހުރި ކަންތައްތަކާ ގުޅޭގޮތުން އަލުން މަޝްވަރާކޮށް، އެ ސްވޮޕްގެ ފައިސާ އެގައުމަށް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދިފައިކަމަށް ވިކްރަމަސިންގހަ ވިދާޅުވިއެވެ.

ފާއިތުވި 70 އަހަރުގެ ތެރޭގައި ލަންކާއަށް ދިމާވެފައިވާ އެންމެ ބޮޑު އިގުތިސާދީ ކާރިސާއާ އެގައުމުން ކުރިމަތިލަމުންދާއިރު، މިކާރިސާގެ ސަބަބުން އެގައުމަށް ވަނީ ބޭރު ފައިސާ ލިބުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައެވެ. މީގެ ސަބަބުން ގައުމަށް ބޭނުންވާ ޒަރޫރީ މުދަލާއި އެހެނިހެން ސާމާނު ހޯދުމަށް ވަނީ ދަތިވެފައެވެ. މީގެ ތެރޭގައި ތެލާއި، ބޭހާއި ދަނޑުވެރިކަަމަށް ބޭނުންވާ ފަރޓިލައިޒަރ ހިމެނެއެވެ.

އާންމު ރައްޔިތުންނަށް ބޭނުންވާ މިފަދަ ޒަރޫރީ ޚިދުމަތްތައްކަށް ބުރޫއެެރުމުގެ ސަބަބުން ރައްޔިތުންގެ ނުރުހުން ވަރަށް ބޮޑަށް ސަރުކާރަށް އަމާޒުވެގެންދިޔައެވެ. މީގެ ސަބަބުން އެތައް ސަތޭކަ ރައްޔިތުންނެއް ދަނީ ލަންކާގެ އެކި ސަރަހައްދުތަކުގައި މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށް ސަރުކާރުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ. މިދިޔަ މަހުގެ ތެރޭގައި މިމުޒާހަރާތައް ހޫނުވެ، ހިނގި ހަމަނުޖެހުންތަކެއްގެ ތެރޭގައި ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ.

ގައުމަށް މިހާރު ބޭނުންވާ ޒަރޫރީ މުދަލަށް ދާނެ ޚަރަދު މަޖިލީހުގައި ހިއްސާކުރަމުން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ ވަނީ، ތެލުގެ އިމްޕޯޓަށް ޚަރަދުކުރަން 3.3 ބިލިއަން ޑޮލަރު ބޭނުންވާނެކަމަށް ވިދާޅުވެފައެވެ. އަދި ކާނާގެ އެކި ބާވަތްތަކުގެ އިމްޕޯޓަށް 900 މިލިއަން ޑޮލަރު ބޭނުންވާނެ ކަމަށާއި، ކައްކާ ގޭހަށް ފައިސާ ދެއްކުމަށް 250 މިލިއަން ޑޮލަރު ބޭނުންވާނެކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ފަރޓިލައިޒަރއަށް ޚަރަދުކުރުމަށް 600 މިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް ވިދާޅުވިއެވެ.

ލަންކާގެ މަރުކަޒީ ބޭންކުން މިއަހަރު އެގައުމުގެ އިގުތިސާދު 3.5 އިންސައްތަ ދަށަށް ދާނެކަމަށް ލަފާކޮށްފައިވާކަން ފާހަގަކުރައްވާ ވިކްރަމަސިންގހަ ވަނީ، ވަރުގަދަ ރަނގަޅު ރިފޯމް ޕެކޭޖެއް އެކުލަވާލައި، ދަރަނިތައް ރީސްޓަރަކްޗަރކޮށް ބައިނަލްއަގުވާމީ އެހީއާއެކު އިގުތިސާދު އަލުން އަނބުރާ ކޮޅަށް ޖެހުމުގެ ފުރުސަތު އެބައޮތްކަމަށް ވިދާޅުވެފައެވެ. ވިކްރަމަސިންގހަ ވަނީ ހަމައެކި އިގުތިސާދު ކޮޅަށްޖެހުމުން ނުފުދޭނެކަމަށާއި، ގައުމުގެ މުޅި އިގުތިސާދު ރީސްޓަރަކްޗަރ ކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ.

އިންޓެރިމް ބަޖެޓެއް ހުށަހެޅުމަށް މަސައްކަތްކުރަމުންދާ ބޮޑުވަޒީރު ވަނީ 2023 ވަނަ އަހަރު ނިމުމުގެ ކުރިން ގައުމުގެ އިގުތިސާދު ހަމައަކަށް އަޅުވަންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ. ލަންކާއިން ދަނީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އާއެކު 3 ބިލިއަން ޑޮލަރުގެ ލޯން ޕެކޭޖެއް ހޯދުމަށް މަޝްވަރާކުރަމުންނެވެ. މީގެ އިތުރުން އެކުވެރި ގައުމުތައް ކަމަށްވާ އިންޑިއާ، ޗައިނާ އަދި ޖަޕާނާއެކުވެސް އެގައުމުން ދަނީ އެހީ ހޯދުމަށް މަޝްވަރާކުރަމުންނެވެ.

އަންގާރަ ދުވަހު ލަންކާގެ ކެބިނެޓުން ވަނީ އިންޑިއަން އެގްޒިމް ބޭންކުން 55 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ނެގުމަށް ފާސްކޮށްފައެވެ. މިއީ އެގައުމުގެ ދަނޑުވެރިކަމަށް ބޭނުންވާ ފަރޓިލައިޒަރއެއްގެ 150،000 ޓަނަށް ފައިސާ ދެއްކުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ކެބިނެޓްގެ ތަރުޖަމާނު ބަންޑުލަ ގުނަވަރުދަނާ ވަނީ ކުރިއަށް އޮތް ސީޒަނާ ބޭނުންވާ ފަރޓިލައިޒަރ ދަނޑުވެރިންނަށް ފޯރުކޮށްދޭނެކަމަށް ވިދާޅުވެ، އެކަމާ ކަންބޮޑުނުވުމަށް ގޮވާލައްވާފައެވެ.

ވިކްރަމަސިންގހަ ވަނީ އދ.ން ލަންކާއަށް އެހީ ހޯދުމަށް "ވޯރލްޑްވައިޑް ޕަބްލިކް އެޕީލް"އަކަށް ބުދަ ދުވަހު ދާނެކަމަށް ބުނެފައިވާކަމަށް ވިދާޅުވެ އެޖަމްއިއްޔާއިން ލަންކާއަށް ކާބޯތަކެއްޗާއި، ދަނޑުވެރިކަމާއި ސިއްހީ ކަންކަމަށް ޚަރަދުކުރަން 48 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދޭން ވައުދުވެފައިވާކަމަށް ވިދާޅުވެފައެވެ.

ވިކްރަމަސިންގހައަކީ ލަންކާގެ ބޮޑުވަޒީރުކަމުގެ އިތުރުން މިވަގުތު އެގައުމުގެ ފިނޭންސް މިނިސްޓަރުވެސް މެއެވެ. ވިކްރަމަސިންގހަ ވަނީ އަންނަ އަހަރު އިންޓެރިމް ބަޖެޓު ހުށަހަޅާނެ ކަމަށް ވިދާޅުވެ ސަރުކާރުގެ ޚަރަދުތައް މަދުކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ އަހަރީ ވެލްފެއަރ ސްޕެންޑިން 350 މިލިއަން ޑޮލަރުން 500 މިލިއަން ޑޮލަރަށް އިތުރުކުރާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް