ވޯލްޑްކަޕް ކޮލިފައިންގައި ޔޫރަޕްގެ ގްރޫޕް އެފްގައި، ފަހު ވަގުތު ހެރީ ކޭން ކާމިޔާބު ކޮށްދިން ލަނޑާއެކު ސްކޮޓްލޭންޑް އަތުން އިންގްލޭންޑް ސަލާމަތް ވެއްޖެއެވެ.
ސްކޮޓް ލޭންޑްގައި ކުޅުނު މި މެޗް ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. ފުރަތަމަ ހާފުގައިވެސް މޮޅަށް ކުޅެފައިވަނީ އިންގްލޭންޑުންނެވެ. އެޓީމުން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ސްކޮޓްލޭންޑްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން ކެޕްޓަން ހެރީ ކޭނަށް ވަނީ ލީޑު ނެގުމަށް 2 ފުރުސަތު ލިބި ބޭކާރުވެފައެވެ. ފުރަތަމަ ހަމަލާ ގޯލާ އަމާޒުނުވެ ދިޔައިރު ދެވަނަ ހަމަލާ ސްލޮޓްލޭންޑްގެ ކީޕަރު ވަނީ ހުޝިޔާރު ކަމާއިއެކު ދިފާއުކޮށްފައެވެ. މިހާފުގައި ސްކޮޓްލޭންޑްގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ. އެގޮތުން ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
ދެވަނަ ހާފުގައި އިންގްލޭންޑުން ވަނީ ބަދަލު ތަކަކާއިއެކު ނިކުމެ ކުޅުން ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެގޮތުން މެޗުގެ 70 ވަނަ މިނެޓުގައި އެޓީމުން ވަނީ ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ އެލެކްސް އޮކްސްލޭޑް ޗެމްބަލޭންއެވެ. މި ލަނޑަށް ފަހުގައިވެސް އިންގްލޭންޑުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް ސްކޮޓްލޭންޑުން ކުޅުން ވަރުދަގަކޮށް، އެޓީމުން ވަނީ ފުލުފުލުގައި ދެ ލަނޑު ޖަހާ ލީޑު އަތުލާފައެވެ. މި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި ތަފާތު ކުޅުމެއް ދެއްކި ލެއި ގްރިފިތްސްއެވެ. 87 ވަނަ މިނެޓުގައި އޭނާ ނަތީޖާ ހަމަހަމަ ކޮށްދިންއިރު ލީޑު ނަގައިދިން ލަޑު ކާމިޔާބުކޮށްދިނީ ފަހު މިނެޓުގައެވެ.
އިންގްލޭންޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މިސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ހެރީ ކޭން އެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 90 މިނެޓު ހަމަވެ، އިތުރު ވަގުތުކޮޅުގެ ގޮތުގައި ދިން 5 މިނެޓުގެ ތެރޭގައެވެ. ކޭން މި ލަނޑު ކާމިޔާބުކުރީ ރަހީމް ސްޓާލިން ނަގައިދިން ހުރަހަކުންނެވެ.
މިނަތީޖާއާއި އެކު އިނގްލޭންޑުން އޮތީ ކޮލިފައިންގެ ޔޫރަޕްގެ ގްރޫޕް އެފްގެ އެއްވަނާގައި 14 ޕޮއިންޓާއި އެކުގައެވެ.