ކ. މާލެ
|
6 ޖޫން 2022 | ހޯމަ 14:14
އަދާލަތު ޕާޓީ
އަދާލަތު ޕާޓީ
މުހައްމަދު ޝަރުހާން
ރަސޫލާއަށް ތައުހީނު ކުރި މައްސަލަ
ރަސޫލާއަށް ފުރައްސާރަކުރުން އަދާލަތު ޕާޓީން ކުށްވެރިކޮށްފި
އެއީ އެއްވެސް މުސްލިމަކު ތަޙައްމަލު ކުރާނެ ކަމެއް ނޫން
ރަސޫލާގެ ކައިވެނިފުޅުތަކާ ގުޅޭގޮތުން ކަނޑައެޅިގެން ހަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ދެއްކި
އެކަލޭގެފާނުގެ ޝަޚުސިއްޔަތަށް ބަދުބަސް ބުނެފައިވޭ

އިންޑިއާގެ ވެރިކަންކުރާ ބަހަރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) ގެ ތަރުޖަމާނަކާއި، އެޕާޓީގެ އިސް ބޭފުޅަކު ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ކުށްވެރިކޮށްފިއެވެ.

އެކަމާ ގުޅޭގޮތުން އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރަސޫލާގެ ކައިވެނިފުޅުތަކާ ގުޅޭގޮތުން ކަނޑައެޅިގެން ހަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ދައްކައި، އެކަލޭގެފާނުގެ ޝަޚުސިއްޔަތަށް ބަދުބަސް ބުނެ، ތައުހީނުކުރުމަކީ މުޅި އިސްލާމީ އުއްމަތާ ދެކޮޅު ކަމެއް ކަމަށެވެ. އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އަދާލަތު ޕާޓީން ވަނީ އެއީ ބައިނަލްއަޤުވާމީ މުއާހަދާތަކާވެސް ޚިލާފަށް ކޮށްފައިވާ ކަމެއްކަން ފާހަގަކޮށްފައެވެ. އެއީ އެއްވެސް މުސްލިމަކު ތަޙައްމަލު ކުރާނެ ކަމެއް ނޫންކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

މީގެ އިތުރުން، އެކަލޭގެފާނު ޝަޚްސިއްޔަތުގެ ދިފާއުގައި ތެދުވާނެ އެތައް މިލިއަން މުސްލިމުންނެއް އިންޑިއާ އާއި ދުނިޔޭގެ ކަންކޮޅުތަކުގައި ތިބިކަން އަދާލަތު ޕާޓީން ފާހަގަކުރެއެވެ. ވުމާއެކު، އެ އަމަލު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ކުށްވެރި ކުރާކަމަށް ވަނީ ބަޔާންކޮށްފައެވެ.

އިންޑިއާގެ ވެރިކަން ކުރާ ޕާޓީން ވަނީ ރަސޫލާއަށް ފުރައްސާރަ ކުރި ދެ މީހުންނަށް ފިޔަވަޅު އަޅާފައެވެ. އެގޮތުން އެ ވާހަކަ ދެއްކި ތަރުޖަމާނު ސަސްޕެންޑްކޮށް ދެން ހުރި މެމްބަރު އެ ޕާޓީން ބޭރުކުރުމަށް ވަނީ ނިންމާފައެވެ.


Advertisement
- ކޮމެންޓް