ކ. މާލެ
|
5 ޖޫން 2022 | އާދީއްތަ 22:06
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތުލުސްދޫ ކައުންސިލާ ބައްދަލުކުރައްވަނީ
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތުލުސްދޫ ކައުންސިލާ ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ރައީސް ތުލުސްދޫ ކައުންސިލާ ބައްދަލުކުރެއްވުން
ރައީސް، ތުލުސްދޫ ކައުންސިލާ ބައްދަލުކުރައްވައިފި
 
ތުލުސްދޫގެ މަޝްރޫއުތައް ނުފަށާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި
 
ރައީސް ވަނީ ކައުންސިލުގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާނެކަމަށް ވިދާޅުވެފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކ. ތުލުސްދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

އާދީއްތަ ދުވަހު ރައީސް އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ތުލުސްދޫގެ ތަރައްގީއަށް ކުރިއަށްދާ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލަރުން ވަނީ ރައީސާ މަޝްވަރާކުރައްވާފައެވެ. އަދި އެރަށުގެ ކައުންސިލަރުން ވަނީ ރާއްޖޭގެ ސިއްހީ ޚިދުމަތްތައް ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތް ފާހަގަކުރައްވައި ޝުކުރު ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ތުލުސްދޫ ކައުންސިލާއި ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަތަކުގެ ގޮތުގައި ކައުންސިލަރުން ފާހަގަކުރީ، މިހާރު ބަޖެޓުގައި ހިމަނާފައިވާ ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ލަސްވުމެވެ. އެގޮތުން ކުނި ގޮނޑު އެހެން ސަރަހައްދަކަށް ބަދަލުކުރުމާއި، އާ ހޮސްޕިޓަލް އިމާރާތްކުރުމާއި، ފެނުގެ ނިޒާމު ގާއިމުކުރުމާއި، ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި، އާ އިންޖީނުގެ އެޅުމާއި، ތުލުސްދޫ ސްކޫލްގައި ސައިންސް ލެބެއް އެޅުމާއި، ޕޮލިޓެކްނިކް އިމާރާތް އެޅުން ފަދަ މަޝްރޫއުތައް އަވަސްކޮށްދެއްވުމަށް އެކައުންސިލް ވަނީ ރައީސްގެ އަރިހުގައި ދަންނަވާފައެވެ.

މީގެ އިތުރުން އާ ހޮސްޕިޓަލް އެޅެންދެން ރަށުގެ ސިއްހީ މަރުކަޒުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މިހާރުން މިހާރަށް ބޭނުންވާ ކަންކަމާއި، ރަށުގައި އޭޓީއެމްގެ ޚިދުމަތް މެދުނުކެނޑި ލިބޭނެ ގޮތަކާއި، ރަށުގެ ބޮޑެތި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ބޭނުންވާކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި ތުލުސްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސް ވަނީ، މާލީ ގޮތުން އެ ކޮމެޓީގެ މަސައްކަތްތަކަށް ބޭނުންވާ އާމްދަނީ ލިބެން ހުރި ވަސީލަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަން ކުރިޔަށްދާ ގޮތް ގާތުން ބައްލަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ކައުންސިލަރުން ފާހަގަކުރި އިތުރު ކަންކަމުގައި ކަމާބެހޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް