ކ. މާލެ
|
5 ޖޫން 2022 | އާދީއްތަ 14:02
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހަށް ހާޒިރުކުރެވުނު ދުވަހެއްގައި މެންބަރެއްގެ ސުވާލަށް ޖަވާބުދެއްވަނީ - ފައިލް ފޮޓޯ
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހަށް ހާޒިރުކުރެވުނު ދުވަހެއްގައި މެންބަރެއްގެ ސުވާލަށް ޖަވާބުދެއްވަނީ - ފައިލް ފޮޓޯ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ
މަރުގެ ހުކުމް ތަންފީޒުކުރުމާއި ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ސުވާލުކުރަނީ
މަރުގެ ހުކުމް މި ސަރުކާރުން ތަންފީޒުކުރާނެތޯ ސުވާލު ހުށަހަޅުއްވާފައިވޭ
ދިވެހިރާއްޖޭގެ އިދާރި ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް ވަނީ އެޖެންޑާކޮށްފައި

މަރުގެ ހުކުމްކޮށްފައިވާ ފަރާތްތަކުގެ ހުކުމް ތަންފީޒުކުރަމުންދާ ގޮތާއި ގުޅޭ ގޮތުން، ހޯމް މިނިސްޓަރާއި ސުވާލުކުރުމަށް މަޖިލީހަށް ހުށަހަޅައިފިއެވެ.

ހޯމަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ މިހަހަރުގެ ދެވަނަ ދައުރުގެ 10 ވަނަ ޖަލްސާއަށް މި މައްސަލައާއި ގުޅޭގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ސުވާލުކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިޤެވެ. މެންބަރު ކުރައްވާ ސުވާލަކީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން މަރުގެ ހުކުމްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ހުކުމް ތަންފީޒުކުރުމަށް އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ހުރިހާ އިޖްރާތްތަކެއް ފުރިހަމަވާ ގައިދީންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމާމެދު މި ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯއެވެ. އަދި އެފަދަ ފަރާތްތަކުގެ ހުކުމް މި ސަރުކާރުން ތަންފީޒުކުރާނެތޯއެވެ.

މީގެއިތުރުން ހޯމަ ދުވަހުގެ ޖަލްސާއަށް ކޮމިޓީތަކުން ހުށަހަޅާ ކަންކަމުގެ ތެރެއިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 154 ވަނަ މައްދާގެ (ށ) ގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެ ފަނޑިޔާރަކު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމާއި ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ މައްސަލަ، ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް ހުށަހެޅުމަށް އެބައޮތެވެ.

މަޖިލީހަށް ތައާރަފްކުރަންޖެހޭ ބިލުތަކުގެ ތެރެއިން، ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިއުން އިއްވުން ހިމެނެއެވެ.

މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ފ) ގައިވާ ގޮތުގެ މަތިން އިސްލާމިކް ޑިވޮލަޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫއްޕުގައި ހިމެނޭ އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަން (އައިޓިއެފްސީ) ގެ މެންބަރު ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެއިން ބައިވެރުމާމެދު، ރައްޔިތުންގެ މަޖިލީހުން ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާއި ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމަށްވަނީ އެޖެންޑާ ކޮށްފައެވެ.

މީގެއިތުރުން ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ހުށަހަޅުއްވާފައިވާ ކުނި މެނޭޖުކުރުމުގެ ބިލުގެ ބަހުސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އިދާރި ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ބަހުސް ކުރިއަށްގެންދެވުމަށް ވަނީ އެޖެންޑާ ކުރެވިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް