ސްރީލަންކާއިން ފުރަން ހަމަޖެހިފައިވާ ރަޝިޔާގެ ޤައުމީ އެއަރލައިން ކަމުގައިވާ އެއިރޯފްލޮޓްގެ ފްލައިޓް ނުފުރުވާ ހުއްޓުވި މައްސަލައިގައި ރަޝިޔާގައި ހުންނަވާ ލަންކާގެ އެމްބަސެޑަރު ޖަނިތާ އަބެވިކްރެމާ ރަޝިޔާގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފިއެވެ.
ބުރާސްފަތި ދުވަހު އެއިރޯފްލޮޓްގެ އެއަރބަސް އޭ330 މަރުކާގެ ފްލައިޓެއް ކޮލޮމްބޯއަށް ދަތުރުކޮށްފައިވާއިރު، ހަމަ އެދުވަހު ފްލައިޓް މޮސްކޯއަށް ފުރުމަށް ވަނީ ޝެޑިއުލްކޮށްފައެވެ. ނަމަވެސް ފްލައިޓަށް ނުފުރި ހުކުރު ދުވަހުގެ ހެނދުނަށް ފްލައިޓް ފުރާ ގަޑި ލަސްކުރިއެވެ.
ހުކުރު ދުވަހުވެސް އެ ފްލައިޓަށް ފުރިފައި ނުވާއިރު، ލަންކާގެ މީޑިއާތައް ރިޕޯޓުކުރިގޮތުން ކޮލޮމްބޯގައި ހުންނަ ކޮމާޝަލް ކޯޓުން ވަނީ ޖޫން 16ގެ ކުރިން އެ ފްލައިޓް ލަންކާއިން ފުރުން މަނާކޮށްފައެވެ. މިއަމުރަކީ އެ ފްލައިޓް ލީސްކޮށްފައިވާ އަޔަލޭންޑުގެ ކުންފުނިން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ނެރެފައިވާ އަމުރެކެވެ.
މިމައްސަލައިގައި ރަޝިއާގެ ފޮރިން މިނިސްޓްރީއަށް ލަންކާގެ އެމްބެސެޑަރު ހާޒިރުކޮށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައިވާކަމަށް ރަޝިޔާގެ ފޮރިން މިނިސްޓްރީން ބުނެއެވެ. އެމިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލަންކާގެ ޖުޑީޝަލް އިދާރާތަކުން އެއްވެސް އަސްލެއް ނެތް ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ޖޫން މަހުގެ 2 ވަނަ ދުވަހު ލަންކާގެ ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރަން ހަމަޖެހިފައިވާ ފްލައިޓް ހުއްޓުވާފައިވާތީ އެކަމާ ނުރުހުން ފާޅުކޮށްފައިވާ ކަމަށެވެ. އަދި ވީއެންމެ އަވަހަކަށް ލަންކާއިން މިމައްސަލަ ހައްލުކޮށް ދެ ޤައުމުގެ ގުޅުން ގޯސްވިޔަ ނުދިނުމަށް ވަނީ އެދިފައެވެ.
ލަންކާގެ ސަރުކާރުން ވެސް އެކޯޓު އަމުރާ ގުޅޭގޮތުން ވަނީ ސުވާލު އުފައްދާފައެވެ. ލަންކާގެ ޓޫރިޒަމް މިނިސްޓަރު ވެސް ވަނީ މިކަމުގެ ސަބަބުން ރަޝިއާގެ ފަތުރުވެރިން އަންނަ މިންވަރު ދަށްވެ ޓޫރިޒަމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ލަންކާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިކަމާއި ގުޅޭގޮތުން ކޯޓުން ވަކި ގޮތެއް ނިންމާނެކަމަށެވެ. އަދި މިމައްސަލައަށް ޑިޕްލޮމެޓިކް ހައްލެއް ގެނައުމުގެ މަސައްކަތްކުރަމުންދާކަމަށް ލަންކާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ބޯޓު ހުއްޓުވި މައްސަލައިގައި އެއަމުރު ބާތިލުކުރުމުގެ އަޑުއެހުމެއް ތާވަލުކޮށްފައިވަނީ ޖޫން މަހުގެ 8 ވަނަ ދުވަހަށެވެ.