ކ. މާލެ
|
4 ޖޫން 2022 | ހޮނިހިރު 12:17
ބެންޒެމާ
ބެންޒެމާ
ރޮއިޓާސް
ބެލެންޑޯ 2022
ބެލެންޑޯއާ ގުޅޭގޮތުން މެސީ ދެއްކި ވާހަކަތަކުން ބެންޒެމާ ހުރީ އުފަލުން
 
މެސީ ކަހަލަ ކުޅުންތެރިއެއްގެ ފަރާތުން އެކަހަލަ ބަސްތަކެއް ލިބުމަކީ ކަންކަން ރަނގަޅުކުރަން ލިބުނު ހިތްވަރެއް

މިއަހަރުގެ ބެލެންޑޯއާ ގުޅޭގޮތުން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ދެއްކި ވާހަކަތަކުން އޭނާ ވަރަށް އުފާވިކަމަށް ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ ބުނެފިއެވެ.

ދާދި ފަހުން ޓީވައިސީ ސްޕޯޓްސްއަށް ދިން އިންޓަވިޔުއެއްގައި މެސީ ވަނީ މި އަހަރުގެ ބެލެންޑޯއާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. މެސީ ބުނީ ޝައްކެއްވެސް ނެތްގޮތުގައި މިއަހަރުގެ ބެލެންޑޯ ލިބެން ޖެހޭނީ ބެންޒެމާއަށް ކަމަށެވެ. ބެންޒެމާ ވަނީ ރެއާލާއެކު މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކައި، އެ ޓީމާއެކު ސްޕެނިޝް ލީގާއި ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިކަން މެސީ ފާހަގަކުރިއެވެ. މެސީ ބުނީ ރެއާލާއެކު މި ސީޒަނުގައި ބެންޒެމާ ތަފާތު ކުޅުމެއް ދެއްކިކަމަށެވެ.

މެސީގެ މި ވާހަކަތަކާ ގުޅޭ ގޮތުން ބެންޒެމާ ވަނީ ވާހަކަ ދައްކާފައެވެ. ޔުއެފާ ނޭޝަންސް ލީގުގައި ރޭ ޑެންމާކު އަތުން ބަލިވި މެޗަށްފަހު ބެންޒެމާ ބުނީ މެސީ ދެއްކި ވާހަކަތައް ފެނުނު ކަމަށެވެ. އަދި މެސީ ކަހަލަ ކުޅުންތެރިއެއްގެ ފަރާތުން އެކަހަލަ ބަސްތަކެއް ލިބުމަކީ އޭނާގެ ކަންކަން ރަނގަޅު ކުރަން ލިބުނު ހިތްވަރެއް ކަމަށް ބެންޒެމާ ބުންޏެވެ. ބެންޒެމާ ވަނީ މި ސީޒަނުގައި ރެއާލަށް ކުޅެދިން 46 މެޗުގައި 44 ލަނޑު ޖަހާފައެވެ. މީގެ އިތުރުން ބެންޒެމާއަކީ މި ސީޒަނުގެ ލަލީގާގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. އޭނާ ވަނީ މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

މިއަހަރުގެ ބެލެންޑޯ ދިނުމުގެ ރަސްމިއްޔާތު އޮންނާނީ އޮކްޓޫބަރު މަހުގެ 17ގައެވެ. މިހާތަނަށް މި އެވޯޑު އެންމެ ގިނަ ފަހަރު ހޯދާފައިވަނީ މެސީއެވެ. އޭނާ ވަނީ ހަތް ފަހަރު ބެލެންޑޯ އެވޯޑު ހޯދާފައެވެ. ދެން މި އެވޯޑު އެންމެ ގިނަ ފަހަރު ހޯދާފައިވަނީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ ވަނީ ފަސް ފަހަރު ބެލެންޑޯ ހޯދާފައެވެ. 2008 ވަނަ އަހަރުގެ ފަހުން މެސީއާއި ރޮނާލްޑޯ ފިޔަވައި މި އެވޯޑު ހޯދީ އެންމެ ކުޅުންތެރިޔެކެވެ. އެއީ ކްރޮއޭޝިޔާގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗްއެވެ. އޭނާ ބެލެންޑޯ ހޯދީ 2018 ވަަނަ އަހަރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
40%
20%
20%
0%
20%
ކޮމެންޓް