ދިވެހިރާއްޖޭގެ ޑިޖިޓަލް ޓެކްނޮލޮޖީ ދާއިރާ ކުރިއަރުވައި ބްރޯޑްބޭންޑް މާކެޓުގައި ވާދަވެރިކަން އިތުރު ކުރުމަށް ވޯލްޑް ބޭންކުން 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ދޭން ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ ބުރާސްފަތި ދުވަހު ބޭއްވި ވޯލްޑް ބޭންކުގެ ބޯޑު ބައްދަލުވުމެއްގައެވެ. މި އެހީއަކީ ރާއްޖޭގެ އޮންލައިން ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ރައްކާތެރިކަން އިތުރު ކުރުމާއި ޑިޖިޓަލް ޓެކްނޮލޮޖީ އާއި ޑޭޓާ އާއި އެނަލެޓިކްސް ގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ފޯރުކޮށްދޭ އެހީއެކެވެ.
މި އެހީއާ ގުޅޭ ގޮތުން ވޯލްޑު ބޭންކުން ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ ފާއިތުވި 10 އަހަރު ތެރޭގައި ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފުޅާވެފައި އޮތް ނަމަވެސް ގިނަ އަތޮޅުތަކުގައި އަދިވެސް އިންޓަނެޓް ހިދުމަތް ލިބުމުގައި ހޮންޖެހުންތަކެއް އެބަހުރި ކަމަށެެވެ. އަދި ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އާއި ޕްލެޓްފޯމުތަކުގައި ހުންނަ މިފަދަ ފަރަގުތަކުގެ ސަބަބުން ދިވެހިންނަށް ރައްކާތެރި ގޮތުގައި އެ ހިދުމަތް ހޯދަން ދަތިކަން ހުރި ކަމަށް ވެސް ވަނީ ފާހަގަ ކޮށްފައެވެ.
މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއެކު ކަނޑުގެ ލޮނުގަނޑު އުފުލުމާއި ރަށް ގިރުން ފަދަ ކަންކަމުގެ ސަބަބުން ޑިޖިޓަލް ޓްރާންސްފޯމޭޝަން އާއި ލާމަރުކަޒީ ކުރުން މުހިންމު ވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވޯލްޑް ބޭންކުން ވަނީ ފާހަގަ ކޮށްފައެވެ.
ވޯލްޑް ބޭންކުން ރާއްޖެއާއި ނޭޕާލްއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ ފާރިސް ހަދާދް ޒާވޮޮސް ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ޑިޖިޓަލް ރާއްޖެއަށް ވާސިލްވުމަށް ކުރަން ޖެހޭ ކަންކަން އަވަސްވެފައިވާ ކަމަށެވެ. އެގޮތުން، އީ ޕޭމަންޓް ސިސްޓަމްތަކާއި ޓެލެހެލްތާއި އޮންލައިން ތައުލީމް ފަދަ ޑިޖިޓަލް ޕްލެޓްފޯމްތަކާއި އެޕްލިކޭޝަންތައް ރާއްޖޭގައި ވެސް އިތުރުވަމުން އަންނަ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
މިއައި ބަދަލާއެކު މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި އިތުރު ފުރުސަތުތަކަށް ޤައުމު ހުޅުވާލައި ކުރިއެރުމަށް ހުރި ފުރުސަތުތަކުގެ ބޭނުން ހިފިދާނެ ކަމަށްވެސް ފާރިސް ވިދާޅުވިއެވެ.
ވޯލްޑް ބޭންކުގެ އެހީގައި ރާއްޖޭގައި ފަށާ "ޑިޖިޓަލް މޯލްޑިވްސް ފޯ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން ޕްރޮޖެކްޓް"ގެ ދަށުން ބްރޯޑްބޭންޑް އިންޓަނެޓް ކަނެކްޓިވިޓީ އާއި އިންފްރާސްޓްރަކްޗަރ އާއި ޑިޖިޓަލް އިކޮނޮމީ ފުޅާ ކުރުމަށް ގާނޫނާއި ގަވާއިދުތައް ހަދައި އިދާރީ އޮނިގަނޑުތައް ހަރުދަނާ ކުރާނެއެވެ. އަދި ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ މީހުންނާއި ވިޔަފާރިތަކާއި ސަރުކާރުގެ އިދާރާތަކަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އާއި ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގެ ގާބިލުކަން ހަރުދަނާ ކުރުމަށް ވެސް އެހީ ފޯރުކޮށްދޭނެއެވެ.
މި އެހީ ވޯލްޑް ބޭންކުން ފޯރުކޮށްދޭނީ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) ގެ ދަށުންނެވެ. މިއީ ކުރިއަރަމުން އަންނަ ޤައުމުތަކަށް އެހީވާ ވޯލްޑް ބޭންކުގެ ގޮތްޕެކެވެ. މި ޕްރޮޖެކްޓް ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި ކޮމިއުނިކޭޝަން އޮތޯރިޓީ އާއި އެންސީއައިޓީ ގުޅިގެންނެވެ.