"އެކުވެރި ނުވާނެ މީހަކު ނުވާނޭ، ދެކެފަރިތަ ނޫނަސް އަނގައިން ބުނާނޭ، ފިނިފެންމަލެއްހެން ހިނިތުންވާނޭ". މިއީ ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ފެތުރެމުން އަންނަ "އާދޭ އާދޭ، އެންމެން އާދޭ" މި ލަވައިގެ ކަޑިއެކެވެ. އެއީ ރާއްޖެއަށް އަންނަ ބޭރުގެ މީހުންނަށް ދިވެހިންގެ ހިތްހެޔޮ ކަން ސިފަ ކޮށްދިނުމުގެ ގޮތުން ބުނެފައިވާ ވާހަކަތަކެކެވެ. ލަވައިގައި ބުނާހެން ދިވެހިންނަކީ ޒަމާނުއްސުރެ މެހެމާންދާރީ އަދާކުރުމުގައި ނަމޫނާ ބައެކެވެ. ނަމަވެސް މިއަދު އެކަން ގިނަ ބައެއްގެ ތެރެއިން ނުފެނުމަކީ ދެރަކަމެކެވެ.
ރާއްޖެއަށް އެންމެ ފުރަތަމަ އައި ފަތުރުވެރިޔާ ޖޯޖް ކޯބިން ވެސް ރާއްޖެ ސިފަ ކުރީ ހިތްހެޔޮ، ހިތްތިރި، މީހުންނާ ގުޅޭ އަދި މީހުންނަށް އިހުތިރާމު ކުރާ ބައެއް ދިރިއުޅޭ ޤައުމެއްގެ ގޮތުގައެވެ. އޭނާ އަށް ރާއްޖޭގެ ރީތިކަމާ އެއްވަރަށް ދިވެހިންގެ މި ސިފަތައްވެސް ރީތިވީއެވެ. ރާއްޖޭގެ އިގްތިސާދުގެ މައި ނާރަށް ވީ ވެސް ބޭރު ޤައުމުތަކުން ރާއްޖެއަށް އަންނަ މީހުންނަށް ދިވެހިންގެ ފަރާތުން އެ ސިފަތައް ފެނިގެންނެވެ.
މިއަދު ޤައުމުގެ ހާލަތު ތަފާތެވެ. "ޒެނޮފޯބިއާ" ގެ ސަބަބުން މުޖުތަމައުގެ އަމާންކަން ވެސް އޮތީ ގެއްލިފައެވެ. ޒެނޮފޯބިއާއަކީ ވަކި ޤައުމަކަށް ނިސްބަތްވާތީ އެ މީހަކާ ދޭތެރޭ ތަފާތު ކުރުންތައް ގެންގުޅޭތީ ބުނެ އުޅޭ ބަހެކެވެ. ދިވެހިންގެ ތެރޭގައި މި އާދަ ވަނީ ފެތުރެން ފަށައިފައެވެ.
ބަންގްލަދޭޝުން ރާއްޖެއަށް ލޭބަރުން ގެންނަން ފެށުމާއެކު ދިވެހިންގެ ތެރެއިން މިއާދަތައް ވަނީ ފެންނަން ފަށައިފައެވެ. ބަންގްލަދޭޝުން އަންނަ މީހުންނަކީ ދިވެހިންނަށް ވުރެ ދަށް ބައެއް ކަމަށް ދެކޭ އެތައް ބަޔަކު މިއަދުވެސް މުޖުތަމައުގައި އެބަތިއްބެވެ. އެ މީހުންނަކީ "އަޅުން" ކަމަށް ގަބޫލު ކުރާ މީހުންނާއި އެ މީހުން ތިބޭ ތަނެއްގައި ހުރުމަކީ ތިމާގެ އަގު ވެއްޓޭ ކަމެއް ކަމަށް ގަބޫލު ކުރާ މީހުންވެސް މަދެއް ނޫނެވެ.
މިކަން އެންމެ ބޮޑަށް ފެންނާނީ ރެސްޓޯރެންޓުތަކުންނެވެ. ދިވެއްސަކު ވެއިޓަރަކަށް ހުރެއްޖެނަމަ ދިވެހި މީހާ އޭނާއާ ވާހަކަދައްކާނީ ވަރަށް އަދަބާ އިހުތިރާމާއެކުގައެވެ. އޭނާއަށް ގޯސްކޮށް ކަމެއް ކުރެވުނަސް ވިސްނައިދޭނީ މަޑުމަޑުންނެވެ. ނަމަވެސް ބިދޭސީއަކު ވެއިޓަރަކަށް ހުރެއްޖެނަމަ ވާހަކަ ދައްކާއިރު އަޑު އުފުލެއެވެ. ގޯސްކޮށް ކަމެއް ކުރެވިއްޖެނަމަ އަތް އުފުލޭ ހިސާބަށްވެސް ދެއެވެ.
މިހާރު އަނެއްކާ ދަރަޖައިގެ ކެޓަގަރީއަށް އިތުރު ގައުމެއް ވެސް ވަދެއްޖެއެވެ. އެއީ އިންޑިއާއެވެ. ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ އޮތް ގުޅުމުގެ ސަބަބުން އިންޑިއާގެ ރައްޔިތުން ތަފާތު ކުރުމާއި އެ މީހުންނާ ދޭތެރޭ ނަފްރަތުގެ ކަންކަން އުފެއްދުން ދަނީ އިންތިހާއަށް އިތުރުވަމުންނެވެ. ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންނަށް މަގުމަތިން ފުރައްސާރަ ކުރުމާއި އިންޒާރު ދިނުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.
އިންޑިއާ ރައްޔިތަކު ސިޔާސީ ހަރަކާތެއް ހިނގާތަން ބަލާލަން ނުކުތްނަމަވެސް އެއީ ޖާސޫސެއް ގޮތުގައި ސިފަކޮށް އޭނާގެ ފޮޓޯތައް އާއްމު ކުރެއެވެ. މީގެ ސަބަބުން އެ ވިސްނުމަކަށް ތާއީދު ކުރާ އެތައް ބައެއްގެ ހިތުގައި އެމީހަކާ މެދު ނަފްރަތު އުފެދެއެވެ. ބައެއް ދިވެހީންނަށް މިހާރު އިންޑިއާ މީހުންނަކީ ވެސް ދިވެހިންނަށްވުރެ "ދަށް" ބައެކެވެ.
ހިތާމައަކީ މިކަމުގައި ދުނިޔެއަށް ހޭނިފައި ތިބި ޒުވާނުން ވެސް ބައިވެރިވުމެވެ. ބަންގްލަދޭޝް މީހުންނާއި އިންޑިއާ މީހުންނަކީ ދިވެހިންނާ އެއް ހަމައެއްގައި ތިބުމުގެ ހައްގު އޮތް ބައެއް ނޫން ކަމަށް ގަބޫލު ކުރާ ޒުވާނުން ވެސް މަދު ނޫންކަމެވެ.
ޒެނޮފޯބިއާގެ ކަންކަން ބޮއްސުންލުމުގެ ސަބަބުން ބައެއް ޤައުމުތަކުގައި އެހެން ގައުމުތަކަށް ނިސްބަތްވާ މީހުން މެރުމާއި އެ މީހުންގެ މުދަލައް ގެއްލުން ދިނުމާއި ރޭޕް ކުރުން ފަދަ މުޑުދާރު އަމަލުތައް ގިނަވެއެވެ. ދިވެހިންގެ ހާލަތު އަދި އެހާ ހިސާބަށް ނުދިޔަ ނަމަވެސް އެ ހިސާބަށް ދާނެތޯ ބަލަން ނުތިބެ މިކަން ހުއްޓުވޭތޯ މަސައްކަތް ކުރަންވީއެވެ.
ކުޑައިރުން ފެށިގެން މީހުންގެ މެދުގައި ތަފާތު ކުރުން ނުގެންގުޅެން ދަރިންނަށް ކިޔައިދޭންވީއެވެ. އެކަކު އަނެކަކަށް އިހުތިރާމް ކުރުމަށް ބާރު އަޅަންވީއެވެ. އޭރުން އެހެން ޤައުމުތަކުގެ މީހުންނަށް ދިވެހިންގެ ފަރާތުން ފެނުނު ރީތި އާދަ އަލުން ފެނިިގެންދާނެއެވެ. މުޖުތަމައުގެ ތެރޭގައި ވެސް އަމާންކަން ފެންނާނެއެވެ.