މެންޗެސްޓަރ ޔުނައިޓެޑާއެކު މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން, ސްޕެއިންގެ މިޑްފީލްޑަރު ޖުއާން މަޓާ އެ ޓީމު ދޫކޮށްލާނެ ކަމަށް ޔުނައިޓެޑުން ބުނެފިއެވެ.
އުމުރުން 34 އަހަރުގެ މަޓާ ޔުނައިޓެޑާ ގުޅުނީ 2014 ވަނަ އަހަރުއެވެ. އޭނާ އެ ޓީމަށް ބަދަލުވީ ޗެލްސީގައި ހުރުމަށްފަހުއެވެ. ޔުނައިޓެޑަށް ބަދަލުވެ އޭނާ ވަނީ އެ ޓީމަށް 285 މެޗު ކުޅެދީ 51 ލަނޑު ޖަހައިދީފައެވެ. ޔުނައިޓެޑާއެކު ހޭދަކުރި 8 އަހަރުގެ ތެރޭގައި އޭނާ ވަނީ ހަތަރު ތައްޓެއް ހޯދާފައެވެ. އޭގެ ތެރޭގައި އެފްއޭ ކަޕް، ކަރަބޯ ކަޕް، އެފްއޭ ކޮމިއުނިޓީ ޝީލްޑް އަދި ޔުއެފާ ޔޫރޮޕާ ލީގު ހިމެނެއެވެ.
ޔުނައިޓެޑަށް މަޓާ ކުޅެދިން އެންމެ ފަހު މެޗަކީ މި ސީޒަނުގެ ޕްރިމިއަރ ލީގުގައި ރަށުން ބެރުގައި ކްރިސްޓަލް ޕެލޭސްއާ ދެކޮޅަށް މެއި 22ގައި ކުޅުނު މެޗެވެ. ޔުނައިޓެޑަށް ގުޅުނު އެންމެ ފުރަތަމަ ސީޒަނުގައި ވެސް އޭނާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެ ސީޒަނުގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ 2015 ވަނަ އަހަރުގެ މާޗު މަހުގެ 22 ވަނަ ދުވަހު ލިވަރޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ޖެހި ލަނޑެވެ. އޭނާ ކާމިޔާބުކޮށްދިން ލަނޑާއެކު ޔުނައިޓެޑުން ވަނީ އެ އަހަރު އެންފީލްޑްގައި ލިވަޕޫލް ބަލިކޮށްފައެވެ.
މަޓާ އެންމެ ފުރަތަަމަ ޔުނައިޓެޑާއެކު ހޯދި ތައްޓަކީ 16-2015 ވަަނަ ސީޒަނުގެ އެފްއޭ ކަޕެވެ. ޖެހިގެން އައި ސީޒަނުގައި އޭނާ ވަނީ އެ ޓީމާއެކު ކޮމިއުނިޓީ ޝީލްޑް، ކަރަބޯ ކަޕް އަދި ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ. އޭރު ޔުނައިޓެޑުގެ ކޯޗަކަށް ހުރީ މޮރީނިއޯއެވެ. ޔުނައިޓެޑުގައި މަޓާ ހޭދަކުރި ދުވަސްތަކުގައި އެ ޓީމަށް ކޮށްދީފައިވާ އެންމެހާ ކަންކަމަށްޓަކައި ޔުނައިޓެޑުން ވަނީ މަޓާއަށް ޝުކުރު އަދާކޮށްފައެވެ.
ސްޕެއިންގެ ގައުމީ ޓީމަށް ކުޅުނު މަޓާ ވަނީ އެ ޓީމާއެކު 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. އަދި އޭގެ ދެ އަހަރު ފަހުން 2012 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ވެސް ކާމިޔާބުކުރިއެވެ.