ކ. މާލެ
|
2 ޖޫން 2022 | ބުރާސްފަތި 07:09
އެމްޖޭއޭ
އެމްޖޭއޭ
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން
މިހާރުގެ ނޫސްވެރިންނަށް ބިރު ދައްކާ މައްސަލަ
"މިހާރު"ގެ ނޫސްވެރިންނަށް ދިމާވެފައިވާ ނުރައްކަލާއި ބިރުވެރިކަމާމެދު ކަންބޮޑުވަން: އެމްޖޭއޭ
ބިރު ދެއްކުމުގެ އަމަލުތަކަކީ ފާޑުކިޔުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ކަމެއްނޫން
އެފަދަ އަމަލުތަކުގެ ސަބަބުން ނޫސްވެރިންނަށް ދިމާވެފައިވާ ނުރައްކަލާމެދު ކަންބޮޑުވޭ
ނޫސްވެރިންނަށް ނުރައްކާވާ ފަދަ ގޮތަކަށް ޒާތީ ގޮތުން ދިމާކޮށް ފުރައްސާރަކުރުމަކީ އެއް ގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއްނޫން

"މިހާރު"ގެ ނޫސްވެރިންނަށް ދިމާވެފައިވާ ނުރައްކަލާއި ބިރުވެރިކަމާމެދު މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެޖަމިއްޔާއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ނޫސްވެރިން ލިޔާ ލިޔުމަކާއި ނުވަތަ ކުރާ މަސައްކަތަކާ ގުޅުވައި، ނޫސްވެރިންނާ ޒާތީގޮތުން ދިމާކޮށް ފުރައްސާރަކޮށް، ބިރު ދެއްކުމުގެ އަމަލުތަކަކީ ފާޑުކިޔުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމަށެވެ. އަދި އެފަދަ އަމަލުތަކުގެ ސަބަބުން ނޫސްވެރިންނަށް ދިމާވެފައިވާ ނުރައްކަލާމެދު ކަންބޮޑުވާކަމަށް އެޖަމިއްޔާއިން ބުނެއެވެ.

މީގެއިތުރުން ނޫސްވެރިންނަށް ނުރައްކާވާ ފަދަ ގޮތަކަށް ޒާތީ ގޮތުން ދިމާކޮށް ފުރައްސާރަކުރުމަކީ އެއް ގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެޖަމިއްޔާއިން ބުނެއެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މިހާރުގެ ނޫސްވެރިންނަށް ކުރިމަތިވެފައިވާ ނުރައްކާތަކުގެ ހާލަތު ދިވެހިން ފުލުހުންގެ ޚިދުމަތުގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް އެނޫހުން ބުނެފައިވާއިރު އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް އެމްޖޭއޭއިން ވަނީ ގޮވާލާފައެވެ.

މިހާރު" ނޫހުގެ އޮފީހަށް ވަދެ ނޫސްވެރިއަކަށް ބިރު ދެއްކި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެނގިފައިވާގޮތުގައި މިކަން ހިނގާފައިވަނީ މި ހަފްތާ ތެރޭގައެވެ. އެ މީހާ އޮފީސްތެރެއަށް ވަނީ ނޫސްވެރިޔާއާއި ބައްދަލު ކުރަން އެޕޮއިންޓްމަންޓެއް އޮތް ކަމަށް ބުނެއެވެ. ވަނުމަށްފަހު އިންޒާރު ދީ އަޑުގަދަކޮށް ހަދާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅޭ ގޮތުން "މިހާރު" އިން ނެރުނު ނޫސް ބަޔާނުގައި ބުނީ އެ ނޫހާއި ނޫހުގެ ނޫސްވެރިންގެ އަގު ބައްޓާލަން ބަޔަކު ގަސްތުގައި ސާބިތު ނުހިފޭ ވާހަކަތައް ފަތުރައި މުވައްޒަފުންނަށް ހަނގާ ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ނޫސްވެރިންނަށް ދިމާވާ ފުރައްސާރައާއި ބިރުވެރިކަން ބޮޑުވެފައިވާ ކަމަށާއި އެއީ އެ ނޫހުގެ ނޫސްވެރިންގެ އަބުރު ކަތިލަން ބަޔަކު ދަސްތުގައި ހިންގާ ދަށު ދަރަޖައިގެ އަމަލެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ސާބިތު ނުހިފޭ ވާހަކަތައް ފެތުރުމުގެ ސަބަބުން އޮފީހަށްވަދެ ބިރު ދެއްކުމުގެ އަމަލެއް ހިނގާފައިވާ ކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފައެވެ. އަދި އެފަދަ ކަންކަން ފާހަގަކުރެވި ޕޮލިހަށް އެ މައްސަލަ ހުށަހަޅާފައިވާ ކަމަށް ވެސް މިހާރުން ބުންޏެވެ. އެ ނޫހުން ބުނީ ކުރިން ވެސް ނޫހުގައި ލިޔާ އާޓިކަލްތަކުގެ ހަގީގަތް އޮޅުވާލައިގެން ސޯޝަލް މީޑިއާގައި ޕޯސްޓުތައް ހަދައި އާއްމުންގެ ހިތުގައި ނޫހާމެދު ނަފްރަތު އުފެއްދުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ކުރިން ފިޔަވަޅު ނޭޅި ނަމަވެސް މިހާރު އެ ކަންކަން ނޫސްވެރިންނަށް ނުރައްކާވާ ހިސާބަށް ދިއުމުން އެފަދަ ސާބިތު ނުހިފޭ އެއްވެސް ވާހަކައެއް ދައްކައިފިނަމަ އަޅަން ޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް މިހާރު ނޫހުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މިހާރު ނޫހުން ވަނީ މި މައްސަލަ އެމްޖޭއޭ އާއި މޯލްޑިވްސް މީޑިއާ ކައުންސިލަށް ވެސް ހުށައަޅާފައެވެ.

- ކޮމެންޓް